05 Oct 2016, 15:28
ވޮޝިންޓަން(އޮކްޓޯބަރު 5): ތެހެރާނުގައި ހުންނަ ވޮޝިންޓަން ޕޯސްޓުގެ ބިއުރޯގެ ޗީފްގެ ގޮތުގައި މަސައްކަތް ކުރަނިކޮށް އީރާނުން 18 މަސް ވަންދެން ހައްޔަރުކޮށްފައި ބެހެއްޓި ނޫސްވެރިޔާ، ޖޭސަން ރެޒައިން އީރާނާ ދެކޮޅަށް ދައުވާކޮށްފި އެވެ.
އީރާނާ ދެކޮޅަށް ކޮށްފައިވާ ދައުވާގައި ރެޒައިން ވަނީ އީރާނުން އޭނާއަށް އަނިޔާކޮށް ރަހީނެއްގެ ގޮތުގައި ބަހައްޓާފަ ކަމަށް ބުނެފައެވެ. އަދި އެއީ އީރާނާއި އެމެރިކާއިން ހެދި ނިއުކްލިއާ އެއްބަސްވުމުގައި އީރާނުގެ ޝަރުތުތަކަށް އެމެރިކާ އެއްބަސް ކުރުވަން ކުރި ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ.
ދެހާސް ސާދަ ވަނަ އަހަރުގެ ޖުލައި މަހު އީރާނުގެ ސިފައިން ރެޒައިންގެ ގެ ބަލައި ފާސްކުރުމަށް ފަހު އޭނާ އާއި އޭނާގެ އަންހެނުން ޔަގާނާހު ސާލިހު ހައްޔަރު ކުރި އެވެ. ރެޒައިންގެ އަންހެނުން ދޫކޮށްލީ 72 ދުވަސް ވަންދެން ހައްޔަރުގައި ބެހެއްޓުމަށް ފަހު އެވެ.
ޖާސޫސް ކުރުމުގެ ދައުވާ ރެޒައިންގެ މައްޗަށް ކުރުމަށް ފަހު އީރާނުން ވަނީ ސިއްރު ޝަރީއަތެއް ކުރިއަށް ގެންގޮސްފައެވެ. އެ ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ ޔޫރަޕިއަން ޔޫނިއަން އިން ބްލެކްލިސްޓު ކޮށްފައިވާ އީރާނިއަން ރިވޮލިއުޝަނަރީ ކޯޓުގެ ފަނޑިޔާރެކެވެ.
"ހަގީގަތަކީ ޖޭސަން އެއްވެސް ކުށެއް ކޮށްފައި ނުވާކަން އަދި އީރާނުގެ މިންގަނޑުތަކަށް ބަލާއިރުވެސް އޭނާގެ ޝަރީއަތާއި، ހުކުން ކުރިއަށް ގެންގޮސްފައި ވަނީ ގާނޫނާ އެއްގޮތަށް ނޫންކަން،" ރެޒައިން ކުރި ދައުވާގައިވެ އެވެ.
ރެޒައިން ހައްޔަރު ކޮށްފައި ހުރީ އީރާނުގައި އަނިޔާވެރި ކަމަށް މަޝްހޫރު އެވިން ޖަލުގައެވެ. އެތަނުގައި އޭނާ ގިނަ ދުވަސްތަކެއް ވަންދެން ކުޑަ ގޮޅީގައި ބާއްވާ، ނިދިން މަހުރޫމުކޮށް، ސިއްހީ ފަރުވާ ދިނުމަށް ދެކޮޅު ހެދި ކަމަށް ރެޒައިން ބުންޏެވެ. އަދި ޖަލުން ދިން ކާނާގައި ކޮންކުރީޓާއި އެހެނިހެން ނުކެވޭ އެއްޗެހި އަޅާފައި ހުރުމުން ޖަލުގައި ރެޒައިން ހޭދަކުރި 544 ދުވަސް ތެރޭގައި 50 ޕައުންޑު ލުއިވި ކަމަށް ދައުވާގައިވެ އެވެ.
އެމެރިކާއަށް ނިސްބަތްވާ އިތުރު ތިން މީހަކާއެކު ރެޒައިން އީރާނުގެ ޖަލުން ދޫކޮށްލީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ. އޭނާ ދޫކޮށްލީ އެމެރިކާއިންވެސް އީރާނަށް ނިސްބަތްވާ ގައިދީންތަކެއް ދޫކޮށްލުމުންނެވެ. (ބީބީސީ)