ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ އަގުބޮޑު ފްރެންޗައިޒް ޝޯވ، މޯލްޑިވިއަން އައިޑަލް ސީޒަން ދޭކަށް ބާޓާ އުސޫލުން ޝޯގެ ކަންތައްތައް ކޮށްދޭން ފަރާތްތައް ހޯދުމަށް ދެވަނަ ފަހަރަށް އިއުލާންކޮށްފި އެވެ.

ޕީއެސްއެމް އިން އިއްޔެ ބުނީ ހުށަހަޅާ އަގަކަށް ބަލައި، އެކުންފުނީގެ މީޑިއަމްތައް މެދުވެރިކޮށް އިޝްތިހާރުކޮށްދޭ ގޮތަށް، ބާޓާ އުސޫލުން އައިޑަލްގެ ނުވަ ކަމެއް ކޮށްދޭން މިދިޔަ މަހުގެ 25 ވަނަ ދުވަހު ކުރި އިއުލާނުގައި ހުރި ހަތަރު ކަމަކަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާ ކަމަށެވެ.

ޕީއެސްއެމްއިން މިދިޔަ މަހުގެ ތެރޭގައި ކުރި އިއުލާނުގައި ބުނެފައިވާ ކަންތައްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ޝައުގުވެރިކަން ހުށަހަޅާފައިނުވަނީ އައިޑޮލްގެ އޮޑިޝަންގެ ކޮސްޓިއުމް ޕާޓްނަރަށާއި ޕެޝަން ޑިޒައިނަރާއި މެޑިކަލް ޕާޓްނަރެއްގެ އިތުރުން އައިޑަލްގެ ރިސޯޓް ޕާޓްނަރަށެވެ.

އެގޮތުން އެކަންތައްތައް ބާޓާ އުސޫލުން ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި މެއިލް ކުރަން ޕީއެސްއެމް އިން ފުރުސަތު ހުޅުވާލާފައިވާއިރު، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 10 ވަނަ ދުވަހުގެ 15:00 ގެ ކުރިން ވަނީ ހުޅުވާލާފަ އެވެ. ޕްރޮޕޯސަލް ހުށަހަޅަންޖެހޭނީ ޕީއެސްއެމް ހެޑްއޮފީސް ރޭޑިއޯބިލްޑިންއަށެވެ.

ގާތްގަނޑަކަށް 17 މިލިއަން ރުފިޔާ ހަރަދުކުރި މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ޝޯއަށް ގިނަ ބައެއްގެ ތަރުހީބު ލިބުނެވެ. އަދި މިއަހަރުގެ ޝޯ މިދިޔަ އާދީއްތަ ދުވަހު ވަނީ ރިލީޒްކޮށް، ޝޯގެ ޖަޖުންނާއި އޮޑިޝަންތައް ބާއްވާނެ ރަށްތައް އިއުލާންކޮށްފަ އެވެ.

އެގޮތުން ޓައިޓަލް ސްޕޮންސަރަކަށް ދިރާގު ހަމަޖައްސާފައިވާ މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދޭއްގެ ޖަޖުންނަކީ މިދިޔަ ސީޒަނުގައި ވެސް ޖަޖުކަން ކުރެއްވި މަރިޔަމް އުނޫޝާ (ކިޑީ) އާއި އިބްރާހިމް އަލީ (ކުޑަ އިއްބެ) އެވެ. އަދި ތިންވަނަ ޖަޖެއްގެ ގޮތުގައި ހިމެނެނީ ޒުވާން ހުނަރުވެރިއެއް ކަމަށްވާ އިސްމާއިލް އައްފާނު އެވެ.

އަދި ސީޒަން ދޭއްގެ އޮޑިޝަން މިފަހަރު އައްޑޫ ސިޓީއާ ފުވައްމުލަކު ސިޓީއާ ލ. ގަމާއި މާލެ ސިޓީއާ ބ. އޭދަފުށީގެ އިތުރުން ހދ. ކުޅުދުއްފުށީގައި ބާއްވާއިރު، ޝޯގެ ޕްރެޒެންޓުކޮށްދޭނީ މިދިޔަ އަހަރުގެ ޝޯވގެ ޕްރެޒެންޓަރު މޫސާ ވަސީމާއި މަޝްހޫރު ލަވަކިޔުންތެރިޔާ ލަމްހާ ލަތީފެވެ.