ރާއްޖެއަކީ ސަރަޙައްދީ ތަރައްޤީގެ އެންމެ ބޮޑު ފައިދާއެއް ނެގޭނެ އެއް ޤައުމުކަމުގައި ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހުދުގެ ނައިބު މުޙައްމަދު ބިން ސަލްމާން އާލް ސަޢުދު ވިދާޅުވެއްޖެ އެވެ.

ސައުދީގެ ވަލީ އަހުދުގެ ނައިބު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫ ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނު އަރިހަށް މިއަދު ހެނދުނު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.

ސަޢޫދީ ޢަރަބިއްޔާގެ ކިންގް ސަޢުދު ގެސްޓް ޕެލަސްގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި އެގައުމުގެ ވަލީ އަހުދުގެ ނައިބު، މުހައްމަދު ބިން ސަލްމާން ވިދާޅުވީ ސަޢޫދީ ޢަރަބިއްޔާއިން އަބަދުވެސް ރާއްޖެއަށް އެއްބާރުލުން ދޭނެ ކަމަށާއި ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ގުޅުން ދަމަހައްޓަން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

ވަލީޢަހުދުގެ ނައިބު ވިދާޅުވީ، ބައިނަލްއަޤްވާމީ ދުނިޔޭގައި ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް އަބަދުވެސް އެއްބާރުލުން ދޭނެކަމަށެވެ.

މީގެ އިތުރުން ވަލީޢަހުދުގެ ނައިބު ވަނީ ރާއްޖެއަކީ ސަރަޙައްދީ ތަރައްޤީގެ އެންމެ ބޮޑު ފައިދާއެއް ނެގޭނެ އެއް ޤައުމުކަން ފާހަގަކުރައްވައި، ސަޢޫދީ ޢަރަބިއްޔާއިން ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މިއަދުގެ މި ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހުދުގެ ނައިބަށް، ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އެމަނިކުފާނުގެ ސަރުކާރުން ރާވާ ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ މައްޗައް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ ގައުމު ތަރައްގީ ކުރުން ކަމުގައި އެމަނިކުފާނު ވިދާޅުވިކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ރައީސް ވަނީ ސަރަޙައްދީ ތަރައްޤީއާއި، ސަލާމަތީ ކަންކަމާއި، ބައިނަލްއަޤްވާމީ ގުޅުންތަކާ ބެހޭގޮތުން ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހުދުގެ ނައިބާ މަޝްވަރާކުރައްވާފައެވެ.

މިބައްދަލުވުމުގައި ރައީސްގެ އަރިހުގައި، ފޮރިން މިނިސްޓަރު ޑރ. މުޙައްމަދު ޢާޞިމާއި، އިކޮނޮމިކް މިނިސްޓަރު މުޙަންމަދު ސަޢީދާއި، ފިޝަރީސް މިނިސްޓަރު ޑރ. މުޙަންމަދު ޝައިނީއާއި، ރައީސް އޮފީހުގެ ސްޓޭޓް، ފޮރިން ރިލޭޝަންސް މުޙަންމަދު ނަޞީރާއި، ރާއްޖެއިން ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢަބްދުﷲ ޙަމީދާއި، ރައީސް އޮފީހުގެ އިންޓަރނޭޝަނަލް ސްޕޯކްސްޕަރސަން އިބްރާހީމް ޙުސައިން ޝިހާބު ބައިވެރިވެވަޑައިގެންނެވިއެވެ.