ގައުމުގެ އިގްތިސާދު އަނދަވަޅަކަށް ވައްޓާލުމަށްފަހު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅު ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކާޑުން ސަބްސިޑީ ކަނޑާލުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ނައިބު ލީޑަރުކަންވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ " ދެހާސް އަށާރަ ކާމިޔާބު ކުރަން ގައުމު އިގްތިސާދީ އަނދަވަޅަކަށް ވައްޓާލަން ރައީސް ޔާމީން ބޭނުންފުޅު ނުވާ" ކަމަށެވެ.

" 2018 ކާމިޔާބުކުރަންށޭ ކިޔާފަ ރައީސް ޔާމީން ބޭނުންފުޅެއް ނުވޭ މި ގައުމު އިގްތިސާދީ ގޮތުން އަނދަވަޅަކަށް ވައްޓާލާކަށް. މިގައުމުގައި ވެރިކަން ކުރެއވްި ބޭފުޅުން އުޅުއްވީ ވޯޓު ހޯއްދުމުގެ ބޭނުމުގައި. އެބައެއްގެ އަމިއްލަ އެދުމުގައި. ނަމަވެސް ރައީސް ޔާމީން ބޭނުންފުޅުވަނީ އެމަނިކުފާނު ނަންގަވަން ޖެހުނު ކޮންމެ ފިޔަވަޅެއް މިގައުމަށްޓަކައި ނަންގަވަން" އަބްދުއްރަހީމް ވިދާޅުވި އެވެ.

ކާޑުގެ ސަބްސިޑީ ކަނޑާލުމާ ގުޅިގެން ހުށަހެޅި ކުއްލި މައްސަލައަކަށް ބަހުސްކުރެއްވި ނަމަވެސް ސަބްސިޑީ ކަނޑާލުމާ ގުޅޭ ގޮތުން ނުވަތަ ސަބްސިޑީ ކަނޑާލުމުން ކަނބޮޑުވުން ފާޅުކޮށް އަބްދުއްރަހީމް އެއްވެސް ފާހަކަފުޅެއް ދައްކަވާފައެއް ނުވެ އެވެ.

ރައްޔިތުންނަށް ރަނގަޅު ގޮތްތައް ހޯދައިދޭން މިއައްވުރެ ރަނގަޅަށް މަސައްކަތްކުރާ ސަރުކާރެއް ނޯންނާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. މީގެކުރިން 18 ރުފިޔާއަށް ލިބެންހުރި ޕެޓްރޯލް ލިޓަރު އަށް ރުވިޔާ ނުވަ ރުފިޔާއަށް ލިބެންހުރި އިރު އެވާހަކަ ނުދައްކަނީ ކީއްވެތޯ އަބްދުއްރަހީމް ވަނީ ސުވާލު އުފައްދާފަ އެވެ. އަދި ވިދާޅުވީ " މިއަށްވުރެ ރައްޔިތުންނަށް ހެޔޮއެދިގެން ރައްޔިތުންގެ ލާބަޔަށް މަސައްކަތްކުރާ ސަރުކާރެއް ދިވެހިރާއްޖޭގެ ތާރީހުގައިވެސް ނޯންނާނެ" ކަމަށެވެ.

ފުދިފަ އޮތް މުޖުތަމައެއް ބިނާ ކުރުމަށް ރައީސް ޔާމީން އެކުރައްވާ މަސައްކަތަށް ފުނަދޫ ދާއިރާގެ ރައްޔިތުންގެ ނަމުގައި އަބްދުއްރަހީމްވަނީ ރައީސް ޔާމީނަށް ސާބަސް ދަންނަވާފަ އެވެ. ސަރުކާރާއި އިދިކޮޅު ފަރާތްތަކާއި ސަރުކާރުގެ ބައެއް ފަރާތްތަކުން ކިތަންމެ ޕްރެޝަރުތަކެއް ކުރިމަތި ކުރުވިޔަސް ރައީސް ޔާމީންގެ ސަރުކާރު ދިފާއު ކުރަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށްވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ.

މިއަދު ކުރިއަށް ގެންދިޔަ ބަހުސް މަރުހަލާގައި ސަރުކާރަށް ތާއީދު ކުރައްވާ ބައެއް މެމްބަރުންވެސް ވަނީ ކާޑުން ސަބްސިޑީ ކަނޑާލަން ސަރުކާރުން ނިންމި ނިންމުމަށް ފާޑި ވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުވެސް ހިމެނިވަޑައިގަންނަވަ އެވެ.

ކާޑުން ސަބްސިޑީ ކަނޑާލުމާ ގުޅިގެން ކާޑުގެ އަގުތަކައް ވަނީ ބޮޑުތަނުން އުފުލިފަ އެވެ. އެސްޓީއޯ އިން އިއުލާން ކޮށްފައިވާ ގޮތުން، 3.98 ރުފިޔާއަށް ވިއްކަމުން އަންނަ ހަނޑޫ ކިލޯގެ އަގު، 7.96 ރުފިޔާއަށް އުފުލޭނެ އެވެ. އަދި 4.50 ރުފިޔާއަށް ވިއްކާ ހަކުރު ކިލޯގެ އަގު އަށް ރުފިޔާއަށް، އަދި 3.50 ރުފިޔާއަށް ދޭ ފުށް ކިލޯގެ އަގު 5.96 ރުފިޔާއަށް މާދަމާއިން ފެށިގެން ބޮޑުވާނެ އެވެ. އަދި އަތޮޅުތެރެއަށް އެއަގުތައް އިތުރަށް ބޮޑުވެ އެވެ.

މިކަމާ ގުޅިގެން ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.