އިއްޔެ ހެނދުނުން ފެށިގެން ހަބަރެއް ނުވެގެން ހޯދަމުން ދިޔަ ރިއްމަސް ދޯނި ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑިއެފްގެ ސްޕޯކްސްޕާސަން "ސަން" އަށް މިއަދު ވިދާޅުވީ، ރިއްމަސް ދޯނި ފެނިފައި ވަނީ ރޭގެ ވަގުތެއްގައި އެ ދޯނި އާންމުކޮށް މަސްބާނަން ގޮސްއުޅޭ ސަރަހައްދުން ކަމަށެވެ.

ސްޕޯކްސްޕާސަން ވިދާޅުވީ އެ ދޯނީގެ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން ދޯނި ކުޑަކޮށް އޮޔާބެހި، ރޭންޖް ގެއްލޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ. ދޯނި ފެނުނު އިރު އޭގައި ތިބި އެންމެންގެ ހާލު ރަނގަޅު ކަމަށާއި، އިންޖީނަށް ދިމާވި މައްސަލަ ހައްލުކުރުމަށްފަހު މިހާރު މަސްކިރުމަށް ދަތުރުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެންޑިއެފުން ބުނީ އިއްޔެ ފަތިހު 0400 ގައި އދ.ކުނބުރުދޫ އިން މަސްވެރިކަމަށް ނިކުތް "ރިއްމަސް" ނަމަކަށް ކިޔާ އެ ދޯނީގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ އިއްޔެ ހެނދުނު 1000 ހާއިރު ކަމަށެވެ.

އެ ދޯނީގެ ހަބަރެއް އެންމެ ފަހުން ވީ އިރު އދ.މަހިބަދޫ ދެކުނު ކަނޑާއި ދިމާލުން ނުކުމެގެން އދ. މާމިގިލި ކަނދުފައްޗަށް މަސްވެރިކަމަށް ދާކަމުގެ މައުލޫމާތު ލިބިފައިވާކަމުގައި މި ދޯނީގެ ވެރިފަރާތުން އެމްއެންޑީއެފް ކޯސްޓްގަށް ވަނީ މައުލޫމާތު ދީފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.