07 Oct 2016, 17:22
ވޯލްޑްކަޕް ކޮލިފައިންގައި ސްޕެއިންނާ ދެކޮޅަށް ރޭ އިޓަލީ ކުޅުނު މެޗުގައި ފޯވާޑް ގްރަޒިއާނޯ ޕެއްލޭ ބަދަލުކުރުމުން ހިތް ހަމަ ނުޖެހި ކޯޗު ޖިއަމްޕިއޭރޯ ވެންޗޫރާއާ ސަލާމް ކުރަން ދެކޮޅު ހެދުމުން ސްކޮޑުން އޭނާ ބޭރުކޮށްލައިފިއެވެ.
ޔުއެންޓަސްގެ ޓޮރީނޯ ސްޓޭޑިއަމްގައި ރޭ ކުޅުނު އެ މެޗު ވަނީ 1-1ގެ ނަތީޖާ އަކުން އެއްވަރު ވެގެން ނިމިފައެވެ. އެ މެޗުގައި ފުރަތަމަ ގޯލެއް ކާމިޔާބް ކޮށް ލީޑް ނެގީ ސްޕެއިންނެވެ. މެޗުގެ 55 ވަނަ މިނެޓްގައި ސްޕެއިންނަށް ލީޑް ނަގައިދިނީ ވިޓޯލޯއެވެ.
ސްޕެއިންއިން ލީޑްގައި ކުޅެމުންދިޔަ އިރު މެޗުގެ 60 ވަނަ މިނެޓްގައި ކޯޗު ވެންޗޫރާ ވަނީ ޕެއްލޭ ބަދަލުކޮށްފައެވެ. އެކަމާ ހިތް ހަމަނުޖެހުން ފާޅުކޮށް ކޯޗުއާ ސަލާމް ނުކޮށް ޕެއްލޭ ވަނީ ދަނޑުން ފައިބާގެން ގޮސްފައެވެ.
އެ މެޗުގައި އިޓަލީއަށް އެއްވަރުކޮށްދިނީ މެޗުގެ 82 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއެއްގައި ޑި ރޮސީއެވެ.
މެޗަށް ފަހު ޕެއްލޭ ވަނީ އޭނާއަށް ހެދުނު ގޯހަށް ކޯޗާއި ކުޅުންތެރިންގެ އިތުރުން ސަޕޯޓަރުންގެ ކިބައިންވެސް މާއާފަށް އެދިފައެވެ.
"ނޭންގި ނަމަވެސް އަހަރެންނަށް ހެދުނީ ގޯހެއް. އަހަރެން ވެސް ގަބޫލު ކުރަން އެއީ ކޮށްގެން ނުވާނެ ކަމެއް ކަން. ކޯޗާއި ކުޅުންތެރިންގެ އެއްބައިވަންތަކަމަށް އުނިކަމެއް ލިބޭ ފަދަ އަމަލެއް ކުރެވުމުން ވަރަށް ބޮޑަށް މައާފަށް އެދެން،" ޕެއްލޭ ބުންޏެވެ.