10 Oct 2016, 08:51
މުޅި ރަށު ތެރޭން ފެންނަނީ ކުނިބުންޏެވެ. އުކާލާނެ މީހަކު ނެތި ކުނި ގިނަވެފައިވާއިރު ސާފުކުރާނެ ބަޔަކު ނެތި ގޯތި ގެދޮރު މުޑުދާރުވެފައެވެ. ކައްކާނެ އަދި ހިދުމަތްދޭނެ މީހަކު ނެތިގެން ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ބަންދުވެ ބަނޑަށް ޖެހޭ ހާލުގައެވެ. ކިޔަވައިދޭނެ ބަޔަކު ނެތިގެން ސްކޫލްތައް ބަންދެވެ. ހިދުމަތްދޭނެ ބަޔަކު ނެތިގެން ގިނަ ފިހާރަތައް ބާޒާރާއެކު ބަންދެވެ. އިމާރާތްތައް ބާވެ ވީރާނާވެ ދަނީއެވެ. އިމާރާތްތައް މަރާމާތުކުރާނެ ބަޔަކުނެތެވެ. އުމުރުން ދުވަސްވީ އެތައް ބަޔަކަށް އަޅާލާނެ ބަޔަކު ނެތި ބިތްޖެހިފައެވެ. ސިއްހީ ހިދުމަތް ދޭ ތަންތަނުގައި ހިދުމަތް ދޭނެ ބަޔަކު ނެތި ހުއްޓިފައެވެ. އިސްވެ މިފާހަގަކުރީ މިގައުމުގައި ބިދޭސީން ނެތް ނަމަ ކަންތައް އޮންނާނެ ހާލަތެވެ.
ދިވެހިންގެ ހިދުމަތުގައި އެއް ލައްކަ ސާޅީސްހާސް ބިދޭސީން އުޅޭއިރު އެއީ ދިވެހިންގެ ނަފުރަތު ލިބިފައިވާ ބައެކެވެ. ބިދޭސީންގެ ކަންތައްބޮޑު ވާހަކަ އަބަދު ދައްކައެވެ. ތެދެކެވެ. ބިދޭސީން މިވަނީ ގައުމުގެ ކޮންޓްރޯލް ހޯދާފައެވެ. އިގްތިސާދަށް ގޮންޖެހުންތަކެއްވެސް ލިބެއެވެ. ނަމަވެސް އެއީ ދިވެހިން ދިން ފުރުސަތެކެވެ. އެ ބިދޭސީން ނެތްނަމަ މިއަދު މިރާއްޖޭން ކެއިންބުއިމާއި ސާފުތާހިރު ކުރުމާއި ބޯހިޔާވަހިކަން ހޯދުމަކީ ވާނެ ކަމެއްނޫނެވެ. ހަމައެކަނި އެ ދާއިރާއެއް ނޫނެވެ. މައިގަނޑު ދާއިރާތަކެވެ. ހިދުމަތެއްދޭން ތިބީ އެ ބިދޭސީންނެވެ. ބިދޭސީންނާ ނުލައި މިއަދު މިގައުމަށް އާރޯކަމެއްނެތެވެ.
ބިދޭސީން މަގު ސާފްކުރަނީ-- ސަން ފައިލް ފޮޓޯ
"ރާއްޖޭގައި ހާއްސަކޮށް، މި ކެޝުއަލް ޖޮބްތަކުގައި އާދައިގެ މަސައްކަތް ކުރާ ފަންތީގައި އަޅުގަނޑުމެން އަދި ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް ދިވެހިން ބޭނުންވާވަރަކަށް ނުލިބޭ،" ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވިއެވެ.
މުރާލިކަމެއްނެތް ދިވެހީން!
ޗުއްޓީގެ ގޮތުގައި 40 ދުވަސް ދޭއިރު ސަލާމުގެ ގޮތުގައި 30 ދުވަސް ލިބެއެވެ. އަދި ކޮންމެ ހަފްތާއެއްގައި ބަންދު ދުވަހެއް ލިބޭއިރު އެކި މުނާސަބަތުގައި އެތައް ބަންދެއް ލިބެއެވެ. މިއީ ގިނަ ދިވެހީންނަށް މަސައްކަތު މާހައުލުގައި ލިބޭ ލުއިތަކެވެ. ނަމަވެސް އެވަރުންވެސް ދުވަހުން ދުވަހަށް މަސައްކަތަށް އައިސް ކުރަންޖެހޭ މަސައްކަތް އެކަށީގެންވާގޮތަށް ކުރެވޭ މީހުން އަދަދު ނިސްބަތުން މަދެވެ. ޗުއްޓީއަށް މަކަރު ހެދުން އިތުރުވެގެންގޮސް ސިއްހީ ހިދުމަތްދޭ ތަންތަނުން މެޑިކަލް ސެޓްފިކެޓް ގަތުންވެސް ވިޔަފާރިއަކަށް ހަދައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމްމު ފުރުއްވި އަދި އޭވިއޭޝަން ދާއިރާގައި އެތައް އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބަންދު އިބްރާހިމް ސަލީމް ވިދާޅުވީ، ދިވެހި ޒުވާން ކުދިން ވަޒީފާއަށް ފަރުވާ ކުޑަކަމަށާއި އެކުދިން މަސައްކަތު މާހައުލަށް އަހުލުވެރި ނޫން ކަމަށެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަލަށް މި އަންނަ ޒުވާން ޖީލުގެ މުވައްޒަފުންނަށް މަސައްކަތުގެ ގާނޫނަށް ރަނގަޅަށް އަހުލުވެރި ނުވަނީ. ވަރަށް ސާދާކޮށް ކަންތައްތައް ނެގެނީ. އޭގެ ތެރޭގައި ސަލާމާއި ޗުއްޓީތަކުގެ އިމްތިހާނެއް ދީފިއްޔާ، ގިނަ ބޭފުޅުން ފާހެއް ވެސް ނުވާނެ،" ބަންދު އިބްރާހީމް ސަލީމް ވިދާޅުވި އެވެ.
މަތީ ތައުލީމު ހާސިލް ކުރާ ދަރިވަރުންތަކަކަށް ލޯނު ހަވާލު ކުރި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފައިލް ފޮޓޯ
ރާއްޖޭގައި ވަޒީފާއެއް ނެތި 38000 އެއްހާ ދިވެހިން ތިބި ކަމަށް ބުނާއިރު މައިގަނޑު ސަބަބަކީ މަސައްކަތަށް ނުވަތަ ހިދުމަތަށް ލޯބިކުރާ މީހުން މަދުކަމެވެ. ހީވާގި ކަމާއި ހިދުމަތެއް ކުރުމަށްދޭ ސަމާލުކަން ކުޑަކޮށް ނިދުމަށާއި ކޮފީ ބުއިމާއި ބޭކާރު ކަންކަމަށް މާ އިސްކަންދެނީއެވެ. ނަތީޖާއަކީ ދިވެހި އުފެއްދުންތެރިކަން ދަށްވުމެވެ.
ބިދޭސީންނާ ނުލައިވާކަށް ނެތް!
ކުންފުނިތަކަކީ ނުވަތަ ހިދުމަތްދޭ މުއައްސަސާތަކަކީ ކޮންމެ ދުވަހަކުހެން ހިދުމަތްދޭންޖެހޭ ތަންތަނެވެ. ބަލި ކުދިން ގޮވައިގެން އުޅޭނަމަ ތަން ހުއްޓޭނެއެވެ. ބިދޭސީންނަށް ބަރޯސާވާންޖެހެނީ އެހެންވެއެވެ. އޮފީސްތަކުގެ ކައުންޓަރުން ފެށިގެން ނޫސްވެރިކަމަށްވެސް ބިދޭސީން ބޭނުންވެއެވެ. އެއީ ދިވެހިން ގޮވައިގެން ހިދުމަތް ދެވެން ނެތުމުންނެވެ.
"ނުހިންގޭނެ ނުހިންގޭ. ބިދޭސީންނާ ނުލައި ދިވެހި ވިޔަފާރިތަކެއް ނުހިންގޭނެ. ބިދޭސީން ފިލްކުރާ ގެޕަކީ އަޅުގަނޑުމެން ދިވެހީންނަށް ފިލް ނުކުރެވޭ ގެޕެއް،" ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް ވިދާޅުވިއެވެ.
އިގްތިޞާދަށް އޮތް ގޮންޖެހުމަކީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ކަމަށާއި އެކަމަށް ހައްލު ގެންނަންޖެހޭ ކަމަށް އާސިފްވެސް ގަބޫލް ކުރައްވައެވެ. މަސައްކަތުގެ އަގު ވައްޓާލައި ފަރުވާކުޑަކޮށް މަސައްކަތްކުރާ ބަޔަކީވެސް އެއީއެވެ. ނަމަވެސް އެމީހުންވެސް ފޮނުވެން އޮތީ ދިވެހިން ހީވާގި ވެގެންނެވެ.

ޒުވާނުންތަކެއް: -- ފައިލް ފޮޓޯ
ދިވެހީން ހީވާގި ކުރަންޖެހިފައި
ސަރުކާރުގެ އަމާޒަކީ 94000 ވަޒީފާ ދިވެހިންނަށް އުފެދުމެވެ. އެކަމަށް އެތައް މަސައްކަތެއްވެސް ކުރެވެއެވެ. އެތައް ތަމްރީނެއްވެސް އެބަދެއެވެ. ކައުންޓަރުތަކުން ބިދޭސީން ނެގީވެސް އެމަގުސަދުގައެވެ. ނަމަވެސް ހިތާމައަކީ ކައުންޓަރުތަކަށް ތަމްރީނުކުރި ދިވެހީންގެ ތެރެއިން ގިނަ މީހުން ދާއިރާއިން ނުފެންނަ ކަމެވެ. ދިވެހި ސޭޓް ގޮވައިގެން ދެދުވަހު ހަމައަށް ވިޔަފާރި ހިންގޭނެކަމުގެ ޔަގީންކަން ވިޔަފާރިވެރިޔާއަށްނެތެވެ.
ވިޔަފާރިވެރީންގެ ޖަމިއްޔާގެ ނައިބު ރައީސް އާސިފް ވިދާޅުވީ ބިދޭސީން މަދުކުރަން ބޭނުންނަމަ ދިވެހިންނަކީ މަސައްކަތް ކުރުމުގެ ރޫހު ހުންނަ ބަޔަކަށް ހަދަންޖެހޭ ކަމަށެވެ.
"ބިދޭސީންގެ ފަރާތުން ސަލާމަތް ވެވޭނީ ދިވެހިން އެކަމަށް ތަމްރީނުކޮށްގެން. ދިވެހިން މަސައްކަތަށް ނުކުމެގެން. އަދި ދިވެހިން އެބަޖެހޭ އެރޫހު ހުންނަން،" އާސިފް ވިދާޅުވިއެވެ.
ވަޒީފާ ނުވަތަ ޒިންމާ އަދާކޮށްދިނުން ވަކި މާއްދާއެއްގެ ގޮތުގައި ރާއްޖޭގައި ކިޔަވައިދޭ ހިސާބަށް ކަންކަން މިވަނީ ގޮސްފައެވެ. ދިވެހިންނަށް ބަރޯސާވުމަށް ވިޔަފާރިތަކުން އަދި މުއައްސަސާތަކުން ޖެހިލުންވާއިރު މިއީ ތައުލީމީ ނިޒާމްގެ ތެރެއިން ވިސްނަންޖެހޭ ކަންކަމެވެ. ނަތީޖާ މޮޅުނަމަވެސް މަސައްކަތެއް ކުރަން ނުކެރޭ ޒުވާނުން ގިނަވުމުން ތައުލީމީ ނިޒާމުގެ ތެރެއިން އަދި އެކިއެކި ތަމްރީނު ތަނުގެ އެހީގައިވެސް ދިވެހިންގެ ކިބައިން ކަންނެތްކަން ފިލުވަންޖެހެއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް ވިދާޅުވީ މަސައްކަތު މާހައުލުގައި ދިވެހިންގެ މައްސަލަތަކެއް އުޅޭ ކަމަށާއި އެކަންކަން ހައްލު ކުރުމަށް ތައުލީމީ ނިޒާމްގެ ތެރެއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ބިދޭސީން އަހަރެއްގެ މައްޗަށް 363 މިލިއަން ޑޮލަރު ރާއްޖެއިން ބޭރު ކުރާ ވާހަކަ ދައްކާއިރު މޭކެރުމުގެ ބަދަލުގައި ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ޒިންމާ އަދާކުރަން އިސްކަން ދޭންޖެހެއެވެ. އެއީ ހީވާގިވުމެވެ. ހަމައެކަނި ފިނިކޮޓަރީގައި ކުރާ މަސައްކަތް ދިވެހިންނަށް ހާއްސަކޮށް އެކަންވެސް ނުކުރެވޭ ހިސާބަށް ކަންކަން ގޮސްފައިވާއިރު ހީވާގި ދިވެހިން އުފައްދަންޖެހެއެވެ. އެކަން މަޖުބޫރުވެއްޖެއެވެ.