10 Oct 2016, 00:52
ރާއްޖެއަށް ދަތުރުކުރާ ބައިނަލްއަގުވާމީ ބައެއް އެއާލައިނުތަކުން ރާއްޖެއަށް މިހާރު ދަތުރުކުރުމަށް ބޭނުންކުރާ މަތިންދާ ބޯޓުތަކަށް ވުރެ ބޮޑެތި ބޯޓުތަކުގައި ދަތުރުކުރުމުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިންގ ޑިރެކްޓަރު އާދިލް މޫސާ މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކުދި ފްލައިޓުތައް ބޭނުންކުރާ ބައެއް ފްލައިޓުތައް ބޮޑެތި ފްލައިޓުތަކަށް އަޕްގްރޭޑު ކުރާ ކަމުގެ މައުލޫމާތު، އެއާލައިންތަކުން އެމްއޭސީއެލްއާ ހިއްސާ ކޮށްފައިވާ ކަމަށެވެ.
އެގޮތުން، މެލޭޝިއާއާ ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ކުރާ އެއާ އޭޝިއާއާއި، ރާއްޖެއާ ގިނަ މަންޒިލުތަކަކާ ގުޅައިދޭ ގަތަރު އެއާވޭސް ވެސް ރާއްޖެއަށް ދަތުރުކުރަން ބޭނުންކުރާ ބޯޓުތަކަށް ވުރެ ބޮޑު ބޯޓެއްގައި ދަތުރުކުރަން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އޮކްޓޫބަރު 13 އިން ފެށިގެން، އެއާ އޭޝިއާ ވެސް އޭ330 ގެ ފްލައިޓަކަށް އަޕްގްރޭޑު ކުރަނީ. މިހާރު ފަސިންޖަރުން އުފުލާ ފްލައިޓަށް ވުރެ ޑަބަލް ކެޕޭސިޓީއަށް ބޮޑުކުރަނީ. ގަތަރު އެއާވޭސްވެސް ފްލައިޓު އަޕްގްރޭޑު ކުރޭ. ކުދި ފްލައިޓުތައް ބޮޑެތި ފްލައިޓުތަކަށް އަޕްގްރޭޑު މި ކުރަނީ،"
"އެކަންކަން އަޅުގަނޑުމެންނަށް ޔަގީންކޮށް، ލިޔުމުން ލިބި، އެއަށް ބޭނުންވާ ސެޓަޕް ހެދި، ބައެއް ފްލައިޓުތައް މި މަހުގެ ތެރޭގައި ވެސް އަޕްގްރޭޑް ފެށިގެން ދާނެ،" އާދިލް ވިދާޅުވިއެވެ.
އާދިލް ވިދާޅުވީ އެއްވެސް ފްލައިޓެއް ކެންސަލް ކުރަން އުޅޭކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށާއި، ނަމަވެސް އަންނަ ފްލައިޓުތައް އަޕްގްރޭޑު ކުރަނީ އިތުރު ފަސިންޖަރުން ލިބޭތީ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"އަންނަ ސީޒަނަކީ ކާމިޔާބު ސީޒަނަކަށް ވާނެ ކަމަށް ބެލެވެނީ،" ކުރިޔަށް އޮތް ޕީކް ސީޒަނަށް އިޝާރާތް ކުރައްވަމުން އާދިލް ވިދާޅުވިއެވެ.