ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެއްވެސް މަސައްކަތެއް އެޖެންޑާ ކޮށްފައި ނެތުމުން މަޖިލީހުގެ މިއަދުގެ ޖަލްސާ ނުބާއްވާ ގޮތަށް ނިންމައިފި އެވެ.

މަޖިލީހުގެ ތިންވަނަ ދައުރު ފަށާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހުގެ މަޖިލިސް ނިންމަވާލައްވަމުން މަޖިލީހުގެ ރިޔާސަތުން ޖަލްސާއެއް ދެން ބާއްވާނެ ދުވަހެއް އިއުލާންކޮށްފައެއް ނުވެއެވެ.

ރައްޔިތުން މަޖިލީހުގެ ގަވާއިދުގައި މަޖިލިސް ބާއްވަން ޖެހޭ ދުވަސްތައް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެ ހޯމަ އަންގާރަ އަދި ބުދަ މި ތިން ދުވަހަކީ މަޖިލީހުގެ ޖަލްސާތައް ބާއްވަން ޖެހޭނެ ކަމަށް މަޖިލިސް ގަވާއިދުގައި ބުނެފައިވާ ދުވަސްތަކެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި އޮތީ ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީ އަކީ ފޮރިން މިނިސްޓްރީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅިގެން އެ މައްސަލަ ދާއިމީ ކޮމެޓީއަށް ފޮނުވުމެވެ. އަދި ހަމަ އެ އެމްބަސީގެ ސަފީރުކަމަށް ޖަމީލާ އަލީ ޚާލިދު އައްޔަން ކުރުމާ ގުޅޭ ގޮތުން ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ފޮނުއްވި މައްސަލަ ދާއިމީ ކޮމެޓީއަށް ފޮނުވުން ވެސް އެ ދުވަހުގެ ޖަލްސާގައި އޮތެވެ.

އެއްމަސް ދުވަހުގެ ޗުއްޓީއަކަށް ފަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ބަންގްލަދޭޝްގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް އައިޝަތު ޝާން ޝާކިރު އައްޔަންކުރެއްވުމަށް ފޮނުއްވާފައިވާ މައްސަލަ ދާއިމީ ކޮމެޓީއަށް ވަނީ ފޮނުވާފައެވެ.

އެ ދުވަހުގެ ޖަލްސާގައި މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާ" ގެ ނަން 2016 މިދިޔަ ޖޫން މަހުގެ 22ވަނަ ދުވަހުން ފެށިގެން "މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ" ގެ ނަމަށް ބަދަލުކުރި މައްސަލަ ވެސް ދާއިމީ ކޮމެޓީއަށް ވަނީ ފޮނުވާފައެވެ. އަދި ޖެންޑާ އެންޑް ފެމިލީގެ ދަށުން ކުރިން ހިންގަމުން އައިސްފައިވާ "ތައުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒު" ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކުރި މައްސަލަ ވެސް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ދާއިމީ ކޮމެޓީއަށް ފޮނުވާފައެވެ.

އެ ޖަލްސާގައި ވަނީ ސަރުކާރުން ކާޑުގެ އަގަށް ދާދިފަހުން ގެނައި ބަދަލާއި ގުޅޭގޮތުން މަޖިލީހަށް ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި ކުއްލި މައްސަލައަށް ވެސް ބަހުސް ކޮށްފައެވެ.