ނައިޕީޑޯ(އޮކްޓޯބަރު 10): މިޔަންމާ އާއި ބަންގުލަދޭޝްއާ ގުޅޭ ބޯޑަރު ކައިރީގައި ހުންނަ މިޔަންމާގެ ފުލުހުންގެ ޕޯސްޓުތަކަކަށް ބަޔަކު ހަމަލާތައްދީ ނުވަ ފުލުހަކު މަރާލައިފި ކަމަށް އޮފިޝަލުން ބުނެފި އެވެ.

ފުލުހުން ބުނި ގޮތުގައި މިޔަންމާގެ ރަހީން ސްޓޭޓުގައި ދިން އެހަމަލާތަކަކީ ރާވައިގެން ދިން ހަމަލާތައް ކަމަށް ބެލެވެ އެވެ. އަދި ވަޅިންނާއި އުންޑަ ބޭނުން ކޮށްގެން ހަމަލާ ދިން މީހުން ވަނީ ފުލުުހުންގެ ޕޯސްޓުތަކުން 50 ބަޑި އާއި އެތައް ހާސް ވަޒަން ނަގާފައި ކަމަށް ފުލުހުން ބުންޏެވެ.

މިޔަންމާގެ ފުލުުހުން ބުނި ގޮތުގައި އެހަމަލާތަކުގެ ފަހަތުގައި ވަނީ ރޮހިންޔާ ދަރިކޮޅުގެ މީހުންނެވެ.

"ބޯޑަރު ޕޯސްޓަށް ހަމަލާ ދިން މީހުން ދިޔައީ އެމީހުންނަކީ ރޮހިންޔާއިން ކަމަށް ގޮވަމުން،" ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ޕޮލިސް ޖެނެރަލް ޒޯ ވިން ވިދާޅުވި އެވެ.

އަދި ރަހީން ސްޓޭޓުގެ ސަރުކާރުގެ އޮފިޝަލެއް ކަމަށްވާ ޓިން މައުންގް ސުވީ ވިދާޅުވި ގޮތުގައި އެހަމަލާތައް ދީފައި ވަނީ 1980 އާއި 1990އިގެ އަހަރުތަކުގެ ތެރޭގައި މިޔަންމާގައި ހަރަކާތްތެރިވި ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ރޮހިންޔާ ސޮލިޑާރިޓީ އޯގަނައިޒޭޝަން (އާރުއެސްއޯ) އިންނެވެ.

މިޔަންމާގެ ސަރުކާރުން ވަނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި އެގައުމަށް ދިން ބައެއް ހަަމަލާތަކުގެ ފަހަތުގައި ވަނީ އާރުއެސްއޯ ކަމަށް ބުނެފައެވެ. ނަމަވެސް ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އާރުއެސްއޯ ހަރަކާތްތެރި ނުވާތާ އަހަރުތަކެއް ވެއްޖެ އެވެ.

ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން މިޔަންމާގައި ދިރިއުޅޭތާ ގަރުނުތަކެއް ވެފައިވާ ކަމަށް ތާރީހު ދިރާސާ ކުރާ ފަރާތްތަކުން ބުނި ނަމަވެސް މިޔަންމާގެ އާބާދީގެ ބޮޑުބައެއް ރަމްޒުކޮށްދޭ ބުދިސްޓުން ދެކޭ ގޮތުގައި ރޮހިންޔާ ދަރިކޮޅުގެ މީހުންނަކީ އެގައުމަށް އަރާ ތިބި ބަންގުލަދޭޝްގެ ބަޔެކެވެ. އަދި މިޔަންމާގެ ސަރުކާރުން ވަނީ ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް ރަށްވެހިކަން ދޭން ދެކޮޅު ހަދާފައެވެ. (ބީބީސީ)