10 Oct 2016, 14:21
އަބޫޖާ(އޮކްޓޯބަރު 10): ނައިޖީރިއާގައި ކޮރަޕްޝަނުގެ ތުހުމަތު ކުރެވިގެން ފާސްކުރި އިސް ފަނޑިޔާރުންގެ ގެތަކުން 800،000 ޑޮަލަރު ފެނިއްޖެ ކަމަށް ނައިޖީރިއާގެ ޑިޕާޓްމެންޓް އޮފް ސެކިއުރިޓީ ސާވިސަސް (ޑީއެސްއެސް) އިން ބުނެފި އެވެ.
ފާއިތުވި ދުވަސްތަކުގެ ތެރޭގައި ޑީއެސްއެސްއިން ކޮރަޕްޝަނުގެ ތުހުމަތު ކުރެވިގެން ފާސްކޮށްފައި ވަނީ އެ އޭޖެންސީއަށް އާއްމުންގެ ފަރާތުން ލިބުނު މައުލޫމާތުތަކާ ގުޅިގެންނާއި ބައެއް ފަނޑިޔާރުންގެ އަގުބޮޑު ދިރިއުޅުން މޮނިޓާ ކުރުމަށް ފަހު ކަމަށް ޑީއެސްއެސްއިން ބުންޏެވެ.
ޑީއެސްއެސް އިން ނެރުނު ބަޔާނުގައިވާ ގޮތުން އެ ފަނޑިޔާރުންގެ ގެތައް ފާސްކުރުމުން "ބޮޑެތި ފައިސާ ބޮނޑިތަކާއި، އެތައް މިލިއަނަށް ނައިރާގެ އަގުހުރި ބިންތަކާއި، ފަނޑިޔާރުން ކޮށްފައިވާ ގާނޫނާ ހިލާފު ކަންތައްތައް ސާބިތުކޮށްދޭ ލިޔުންތައް" ފެނިފައިވެ އެވެ.
ޑީއެސްއެސްއިން މިހާރު ވަނީ ބައެއް ފަނޑިޔާރުން ހައްޔަރުކޮށްފައެވެ. އަދި ތުހުމަތު ކުރެވޭ ފަނޑިޔާރުންގެ މައުލޫމާތު އާއްމު ނުކުރި ނަމަވެސް އޭގެ ތެރޭގައި ސުޕްރީމް ކޯޓާއި، އެޕީލް ކޯޓާއި، ހައި ކޯޓުގެ ފަނޑިޔާރުން ހިމެނޭ ކަމަށް ޑީއެސްއެސް އިން ބުންޏެވެ.
ނައިޖީރިއާގެ ފަނޑިޔާރުންގެ ގެތައް ފާސްކޮށް، ބައެއް ފަނޑިޔާރުން ހައްޔަރުކުރުމުގެ ސަބަބުން ނައިޖީރިއަން ބާ އެސޯސިއޭޝަން (އެންބީއޭ) އިން ވަނީ އެކަން ކުށްވެރިކޮށްފައެވެ. އަދި "ގާނޫނަށް އިހުތިރާމު ކުރުމަށާއި ހައްޔަރުކޮށްފައިވާ ފަނޑިޔާރުން ދޫކޮށްލުމަށް" ގޮވާލާފައެވެ.
މިދިޔަ އަހަރު ނައިޖީރިއާގެ ވެރިކަމަށް ވަޑައިގެންނެވި ރައީސް މުހައްމަދު ބުހާރީ ވަނީ އެގައުމުގެ އިގުތިސާދީ ކުރިއެރުން މަޑުޖެހިފައިވާ ސަބަބު ކަމަށްވާ ކޮރަޕްޝަން ނައްތާލާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ. (ބީބީސީ)