ދިވެހި މިއުޒިކީ ދާއިރާއަށް އިންގިލާބެއް ގެނުވި މަޝްހޫރު ބޭންޑް ޒީރޯ ޑިގްރީ އެޓޯލްސް އިން ރާއްޖޭގައި އުފެދުނު މިއުޒިކީ ލެޖެންޑް، އަހުމަދު ނާޝިދު (ފުލޫ ނާޝިދު) ނިޔާވެއްޖެ އެވެ.

ނާޝިދުގެ ގާތް ފަރާތަކުން ބުނީ، އޭނާ ނިޔާވީ މީގެ ކުޑައިރުކޮޅެއް ކުރިން އޭޑީކޭ ހޮސްޕިޓަލުގައި ކަމަށެވެ.

ކެންސަރު ބައްޔާ ގިނަ ދުވަސްތަކެއް ވަންދެން ހަނގުރާމަ ކުރަމުންދިޔަ ނާޝިދު 53، ނިޔާވީ އިތުރަށް ހާލު ސީރިއަސްވެގެން އޭޑީކޭ އަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ކަމަށް ވެސް އޭނާގެ އާއިލާއާ ހަވާލާދީ ގާތް ފަރާތަކުން "ސަން" އަށް ބުންޏެވެ.

ނާޝިދުު ވަނީ ދެ ކައިވެންޏެއް ކޮށް، ދެ އަންހެން ކުދިންނާއި ފިރިހެން ކުއްޖަކު ލިބިފަ އެވެ.

ނާޝިދުގެ ކިޑްނީއަށް ކެންސަރު ޖެހިފައިވާކަން އެނގި ފަރުވާ ހޯދަން ފަށާފައިވަނީ މީގެ ގާތްގަނޑަކަށް ފަސް އަހަރު ކުރިންނެވެ. އަދި އޭރު އޭނާ ފަރުވާ ހޯދަމުންދިޔައީ ލަންކާއިންނެވެ. ލަންކާގައި ގިނަ އަހަރު ތަކެއް ވަންދެން ދިރިއުޅުން ބަދަލުކޮށްގެން އުޅުމަށްފަހު ނާޝިދު ރާއްޖެ ބަދަލުވީ އަހަރެއްހާ ދުވަސް ކުރިންނެވެ. ރާއްޖެ އައުމަށްފަހު ވެސް އޭނާ ގެންދިޔައީ ކެންސަރަށް ފަރުވާ ހޯދަމުންނެވެ.

ނާޝިދު އާންމުންގެ ތެރެއަށް ނުފެނި ގިނަ ދުވަސްތަކެއް ވުމަށްފަހު، އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ އޭނާއަށް ހާއްސަކޮށް އޮލިމްޕަހުގައި ބޭއްވި "އަ ޓްރިބިއުޓް ޓު ނާޝިދު" ޝޯގަ އެވެ.

އެ ޝޯގައި ވެސް އޭނާ ބެލީ ހާއްސަ ގޮނޑިއެއްގައި އިނދެގެންނެވެ. އަދި ޝޯ ބެލުމަށްފަހު އޮލިމްޕަހުން ދަމުން އޭނާ ދިޔައީ ހިނިތުންވެލައި، އަތުން ހަނާ އަޅާލުމަށްފަހު އެވެ.

ރާއްޖޭގައި އުފެދުނު މިއުޒިކީ ލެޖެންޑް، އަހުމަދު ނާޝިދު (ފުލޫ ނާޝިދު)ގެ އަގުވަޒަންކޮށް "އަ ޓްރިބިއުޓް ޓު ނާޝިދު"ގެ ނަމުގައި އޮލިމްޕަހުގައި ބޭއްވި ޝޯގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނާޝިދު އަވަހާރަވިއިރު، އޭނާ ދިޔައީ "ޖާނީ" ގެ ނަމުގައި އަލްބަމެއް ރިކޯޑު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ އަލްބަމްގެ މަސައްކަތް ފެށީ ކެންސަރަށް ޑައިގްނޯސް ވުމުގެ ކުރިންނެވެ. ކެންސަރުގެ ބައްޔަށް ފަރުވާ ހޯދުމަށް ފައިސާ ހޯދުމަށް ހަދަމުންދިޔަ އެ އަލްބަމްގެ ބައެއް ކަންތައްތަކުގައި އަމަލީ ގޮތުން އޭނާ ބައިވެރިވި އެވެ.

"ޖާނީ" އަލްބަމާ ގުޅޭގޮތުން ނާޝިދު ބުނީ، އެ އަލްބަމަކީ އޭނާގެ ފޭނުންނަށާއި މިއުޒިކަށް ލޯބިކުރާ މީހުންނަށާއި އޭނާގެ އެކުވެރިންގެ އިތުރުން ހަތުރުންނަށް އޭނާ ދޭ އެއްޗެކެވެ. އެ އަލްބަމްގެ ލަވަތައް ވަނީ ރިކޯޑްކޮށް ނިމިފަ އެވެ. ނަމަވެސް އަދި އަލްބަމް ރިލީޒްކުރާނެ ތާރީހެއް ބުނެފައެއްނުވެ އެވެ.

ސްކޫލް ދައުރުން ފެށިގެން މިއުޒިކުގެ ތެރޭގައި އުޅެބޮޑުވި ނާޝިދުގެ ދިވެހިވަންތަ ރާގުގެ ލަވަތަކަކީ އަދިވެސް ދިވެހިންގެ ތެރޭގައި މަގުބޫލު ލަވަތަކެވެ. އަދިވެސް ދިވެހިންގެ ވިންދާ ކުޅެމުންދާ ރާގުތަކެކެވެ. އޭނާ އަކީ ދިވެހި މިއުޒިކީ ދާއިރާއަށް އަގުހުރި ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ އެވަރު ދެވަނައެއް ނުވާ ފަންނާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ލެޖެންޑެކެވެ.

ނާޝިދުގެ ލަވަތައް އަދިވެސް ފަޑުވެގެން ގޮސްފައިނުވާއިރު، އެއީ އަދިވެސް ދިވެހިންގެ އެއްވަނަ އެވެ. ދިވެހިންގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައި ވެސް އޭނާ އަކީ މަގްބޫލު ފަންނާނެކެވެ. އެކި ފެންވަރުގެ އެތައް އެވޯޑްތަކެއް ވެސް މިއުޒިކީ ދާއިރާއިން ހޯދާފައިވާ ހުނަރުވެރި އެކެވެ.

އެގޮތުން 2003 ވަނަ އަހަރު ބޭއްވި ނިއު ޔޯކު އިންޓަނޭޝަނަލް މިއުޒިކް ފެސްޓިވަލުގައި އޭނާއަށް ވަނީ ބެސްޓް އެކޯސްޓިކް ބުލޫސް އެކްޓުގެ އެވޯޑް ލިބިފައެވެ. އެ އެވޯޑާއެކު އޭނާ ވަނީ ނިއު ޔޯކުގެ މަގްބޫލު މެޑިސަން ސްކުއާ ގާޑަންގައި ހުށަހަޅައިދިނުމުގެ ޝަރަފް ލިބުނު ދިވެހި ފަންނާނުގެ މަގާމް ހޯދާފައެވެ. އަދި ރައީސްގެ ހާއްސަ އެވޯޑް ވެސް ހާސިލްކޮށްފައިވާ ނާޝިދަކީ އޮސްޓްރޭލިއާ އަދި އެމެރިކާގައި ވެސް ހުށަހެޅުންތައް ހުށަހަޅައިދީފައިވާ ފަންނާކެވެ.