11 Oct 2016, 09:44
ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ފަންނާނު، ޕްރިޔަންކާ ޗޯޕްރާ ޓްރެވަލް މެގަޒިން އެއްގެ ބޭރުގަނޑަށް ނަގައިދިން ފޮޓޯ އެއްގައި އޭނާ ބޭނުންކުރި ޓީޝާޓެއްގެ މައްސަލަ ހޫނުވެއްޖެ އެވެ.
'ކޮންޑޭ ނާސްޓް'ގެ އެންމެ ފަހުގެ އަދަދުގެ ބޭރުގަނޑުން ޕްރިޔަންކާ ފެންނަ އިރު އޭނާ ލައިގެން ހުންނަނީ ހުދު ކުލައިގެ ޓޭންކް ޓޮޕެކެވެ. އެ ޓީޝާޓުގެ މައްސަލަ ހޫނުވީ އެ ޓީޝާޓުގައި ލިޔެފައިވާ ބަސްތަކުގެ ސަބަބުންނެވެ.
އެ ޓީޝާޓުގައި ހަތަރު އޮޕްޝަނެއް ދީފައި އިންނަ އިރު، 'ރެފިއުޖީ، އިމިގްރަންޓް، އައުޓްސައިޑަރ' އިންނަނީ ރަތް ކުލައިގެ ރޮނގަކުން ކަނޑާލައިފައެވެ.
އެ ޓީޝާޓުން ލިއްބައިދޭ މެސެޖަކީ، ޕްރިޔަންކާ އަކީ 'ޓްރެވެލާރ' އެއް ނުވަތަ ދަތުރުވެރިއެއް ކަމެވެ.
މީހުންގެ ނުރުހުން ޕްރިޔަންކާ އަށް އަމާޒުވީ، އެ ޓީޝާޓުގައި 'ރެފިއުޖީ' އަކީ މީހުން އަމިއްލައަށް އިޚުތިޔާރު ކުރާ ކަމެއް ކަމަށް ދޭހަވާތީ އެވެ.
އެ ޓީޝާޓަކީ ޑިޒައިނަރު ވީ ސުނިލްގެ ޑިޒައިނެކެވެ. އެ ޓީޝާޓު ޑިޒައިން ކޮށްފައި ވަނީ ޕްރިޔަންކާ އެ މެގަޒިން އަށް ދިން އިންޓަވިއުގައި އޭނާ އަކީ ދަތުރު ކުރުމަށް ވަރަށް ލޯބިކުރާ މީހެއް ކަމަށް ބުނެ ދައްކާފައިވާ ވާހަަތަކާއި ގުޅުވައިގެންނެވެ.
ނަމަވެސް ގިނަ ބަޔަކު އަންނަނީ ޕްރިޔަންކާ އަކީ ހާލުގައި ޖެހި ބިކަވެފައިވާ އެތައް މިލިއަން ރެފިއުޖީންގެ އިހުސާސްތައް ނުދަންނަ މީހެއް ކަމަށް ބުނަމުންނެވެ. އަދި ރެފިއުޖީން، ރެފިއުޖީންނަށް ވެފައިވަނީ، އެމީހުން އެގޮތް އިޚުތިޔާރު ކުރުމުން ނޫން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ޕްރިޔަންކާއަށް ނޫނެކޭ ބުނަމުންނެވެ.
އެ މައްސަލައާ ގުޅިގެން އެ މެގަޒިން އިން އަދި ޕްރިޔަންކާ ވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފަ އެއް ނުވެ އެވެ.