11 Oct 2016, 13:54
އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން (އައިއެޗްއެފް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އައިއެޗްއެފް ޓްރޮފީގައި ރާއްޖޭގެ ޒުވާން ހޭންޑްބޯޅަ ޓީމުން ވާދަވެރި ކުޅުމެއް ދައްކަމުން އެބަދެ އެވެ.
ބަންގްލަދޭޝްގައި ކުރިއަށްދާ އައިއެޗްއެފް ޓްރޮފީގައި އެންމެ ފަހުން ރާއްޖޭގެ ފިރިހެން ޓީމު ކުޅުނު ދެ މެޗުން ބަލިވި ނަމަވެސް މޮޅު ކުޅުމެއް ފެނިގެންގޮސްފައިވެ އެވެ.
އެ މުބާރާތުގައި ރާއްޖެ އިން މިއަދު ކުޅުނު މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ނޭޕާލް އަތުން ބަލިވެފައިވަނީ 32-21 ލަނޑުންނެވެ. އެ މެޗުގައި ރާއްޖޭގެ ޓީމުން ވަރުގަދަ ކުޅުމެއް ދައްކާފައިވެ އެވެ.
އެ މުބާރާތުގައި އިއްޔެ ރާއްޖޭގެ ފިރިހެން ޓީމު ކުޅުނު މެޗަކީ މުބާރާތުގައި ވެސް ކުޅުނު އެންމެ ވާދަވެރި މެޗުތަކުގެ ތެރެއިން މެޗެކެވެ. ސީނިއާ ކުޅުންތެރިންތަކެއް ހިމަނައިގެން ކުޅުނު އަފްޣާނިސްތާން އަތުން ރާއްޖެ ބަލިވެފައިވަނީ 24-22 ލަނޑުންނެވެ.
ރާއްޖޭގެ އަންހެން ޓީމު އިއްޔެ ނުކުމެފައިވަނީ ޕާކިސްތާނާ ދެކޮޅަށެވެ. އެ މެޗުން ރާއްޖޭގެ ޓީމު ބަލިވެފައިވަނީ 31-8 ލަނޑުންނެވެ. އެ މެޗުގައި ޕާކިސްތާން ޓީމުން ސީނިއާ ތިން ކުޅުންތެރިޔަކު ފެނިގެންދިޔައެވެ.
އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަންގެ ފަރާތުން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ އައިއެޗްއެފް ޓްރޮފީގައި ރާއްޖޭގެ ފަރާތުން މި އަހަރު ވާދަކުރަނީ 19 އަހަރުން ދަށުގެ އަންހެން ޓީމަކާއި 20 އަހަރުން ދަށުގެ ޓީމެކެވެ.
އައިއެޗްއެފް ޓްރޮފީގައި ރާއްޖޭގެ ފިރިހެން ޓީމުގައި ހިމެނި ކުޅުންތެރިންގެ ތެރޭގައި ބ. ގޮއިދޫގައި ސްކޫލްގެ ތިން ދަރިވަރުން ހިމެނޭ އިރު، އަންހެން ޓީމުގައި ވެސް އެ ސްކޫލްގެ ދަރިވަރެއް ހިމެނެ އެވެ. ފިިރިހެން ޓީމުގެ ހަތަރު ކުޅުންތެރިން ފިޔަވާ ދެން ހިމެނޭ ހުރިހާ ކުޅުންތެރިންނަކީ ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންނެވެ. އަދި އަންހެން ޓީމުގައި ހިމެނޭ އެއް ކުޅުންތެރިޔަކު ފިޔަވާ ދެން ހިމެނޭ ހުރިހާ ކުޅުންތެރިންނަކީ ކިޔަވަމުންދާ ދަރިވަރުންނެވެ.
އެ މުބާރާތުގައި ރާއްޖޭގެ ފިރިހެން ޓީމު އޮތީ ޕާކިސްތާނާއި، އަފްޣާނިސްތާން އަދި ނޭޕާލާ އެކު 'ގްރޫޕް އޭ'ގައެވެ. ރާއްޖޭގެ އަންހެން ޓީމު އޮތީ ނޭޕާލާއި، އިންޑިއާ އަދި ޕާކިސްތާންއާ އެކު 'ގްރޫޕް ބީ'ގައެވެ.
އެ މުބާރާތް ކުރިއަށްދާނީ މި މަހުގެ 9 އިން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ބަންގްލަދޭޝްގެ ޑާކާގައެވެ.