ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ބާއްވާ ފްރެންޗައިޒް ޝޯވް،މޯލްޑިވިއަން އައިޑަލްގެެ ދެ ވަނަ ސީޒަންގެ ބޭންކިން ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައި ޕީއެސްއެމްއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ގައުމީ ބޭންކުން ބުނީ، މިއަދު އެ ބޭންކުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި، ބޭންކުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު އެންޑްރޫ ހީލީ ކަމަށެވެ. އަދި ޕީއެސްއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރު އިބްރާހިމް ޚަލީލު ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، ބީއެމްއެލްގެ ސީއީއޯ ވިދާޅުވީ، މޯލްޑިވިއަން އައިޑަލްގެ ޕާޓަނަރަކަށް ބޭންކް އޮފްމޯލްޑިވްސް ވެގެންދާކަމީ އެ ބޭންކަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި ޝޯ ވެގެން ގޮސްފައިވަނީ ދިވެހިންގެ ހުރިހާ އުމުރުފުރާއެއްގެ ބޭފުޅުންގެ މެދުގައިވެސް ވަރަށް ބޮޑު މަޤްބޫލްކަމެއް ހޯދައިފާ ޝޯއަކަށް. މިދިޔަ ސީޒަންގެ އެއް ޝޯ ކުރިއަށްދަނިކޮށް އެ ޝޯ ބަލާލުމަށް ޒިޔާރަތްކޮށްލުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނު. އަޅުގަނޑަށް ވަރަށް ބޮޑަށް ފާހަގަކުރެވުނު ބައިވެރިވި ޒުވާން ފަންނާނުންގެ ހުނަރުވެރިކަން. ކުރިއަށް އޮތްތާނގައި މި ސީޒަންގައި އަޅުގަނޑުމެންގެ ބައިވެރިވުން އިތުރަށް ފެނިގެންދާނެ." އެންޑްރޫ ވިދާޅުވިއެވެ.

ޕީއެސްއެމާއެކު އެގްރީމަންޓްގައި ސޮއިކުރުމަށް ބޭންކުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، މިދިޔަ މޯލްޑިވިއަން އައިޑަލް ސީޒަން ކާމިޔާބުކުރި ލައިޝާ ޖުނައިދު ވެސް ބައިވެރިވިއެވެ. އަދި ލައިޝާވަނީ ބޭންކުގެ މުވައްޒަފުންނާއި ކަސްޓަމަރުންނާއެކު ވަގުތު ހޭދަކޮށް އެފަރާތްތަކާއެކު ފޮޓޯ ނަގާފައިކަމަށް ބޭންކުން މައުލޫމާތުދެއެވެ.

ޕީއެސްއެމްގެ މެނޭޖިންގ ޑައިރެކްޓަރު އިބްރާހިމް ޚަލީލު ވިދާޅުވީ، މޯލްޑިވިއަން އައިޑަލްގެ ދެވަނަ ސީޒަންގެ އޮފިޝަލް ބޭންކިންގ ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް ވެގެން ދިޔުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ބީއެމްއެލް އިން ވަނީ ދިވެހި މުޖުތަމައު ތަރައްޤީ ކުރުމުގައި އެތައް އަހަރެއްވަންދެން އެހީތެރިކަން ފޯރުކޮށްދީފައި. މިއަދު މި އެހީތެރިކަން އިތުރަށް ފުޅާކޮށް، މި ޝޯ މެދުވެރިކޮށް ދިވެހި ޒުވާން ފަންނާނުންގެ ހުނަރުވެރިކަން އިތުރަށް ތަރައްޤީކުރުމަށް ފުރުސަތު ލިބިގެންދާނެ،" ޚަލީލު ވިދާޅުވިއެވެ.

މޯލްޑިވިއަން އައިޑަލްގެ މި ދިޔަ ސީޒަންގައި ބީއެމްއެލުން ވަނީ އެ މުބާރާތުގެ އެންމެ މޮޅު ފަސް ބައިވެރިންނަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ ގިފްޓް ކާޑު ހަދިޔާކޮށްފައެވެ.

މޯލްޑިވިއަން އައިޑަލްގެ މި ސީޒަންގެ އޮޑިޝަންތައް މިއަންނަ ހަފްތާ ބަންދުގައި ފެއްޓުމަށް ހަމަޖެހިފައިވާއިރު ސީޒަންގެ ފުރަތަމަ ޝޯ ދެއްކުމަށް ހަމަޖެހިފައިވަނީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ.