12 Oct 2016, 23:46
އިންޑިއާގެ މަޝްހޫރު ފްރޯޒަން ޔޯގަޓް ވިއްކާ ފްރެންޗައިޒް ""ގެ ފުރަތަމަ ބައިނަލްއަގުވާމީ އައުޓްލެޓް މާލޭގައި ހުޅުވައިފިއެވެ.
ކޮކޯބެރީ ހުންނަނީ، އަމީނީމަގުގައި، ފިނޭންސް މިނިސްޓްރީ އިމާރާތުގެ ކުރިމައްޗަށް ވާގޮތަށެވެ. ހުޅުވައިދެއްވީ، ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.

ކޮކޯބެރީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރޭން --- ސަން ފޮޓޯ/ އިޙްތިޝާމް މުހައްމަދު
ޓޫރިޒަމް މިނިސްޓަރުގެ އިތުރުން ދައުވަތު އެރުވިގެން އެތަނަށް ދިޔަ ގިނަ ބަޔަކަށް މިރޭ ވަނީ، ކޮކޯބެރީ ފްރޯޒަން ޔޯގަޓްގެ އަޖުމަ ބަލާލުމުގެ ފުރުސަތު ދީފައެވެ.
މާދަމާ ހެނދުނުން ފެށިގެން ކޮކޯބެރީ އާންމުންނަށް ހުޅުވާލާނެއެވެ.

ކޮކޯބެރީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރޭން --- ސަން ފޮޓޯ/ އިޙްތިޝާމް މުހައްމަދު
ކޮކޯބެރީ ހާއްސަވެފައި ވަނީ، ފްރޯޒަން ޔޯގަޓާއި، ސިއްހަތަށް ފައިދާހުރި ކާތަކެތި ފޯރުކޮށްދޭ ތަނެއްގެ ގޮތުގައެވެ. ކޮކޯބެރީގައި ފްރޯޒަން ޔޯގަޓްގެ އިތުރުން ސެލަޑް އަދި ސޭންޑްވިޗާއި، ހެނދުނުގެ ނާސްތާއަށް ހާއްސަ ބައެއް ޑިޝްތައް ލިބެން ހުންނާނެއެވެ.
ކޮކޯބެރީގެ ސްޕެޝަލިޓީ ކަމުގައިވާ ފްރޯޒަން ޔޯގަޓް ހަތަރު ސައިޒަކުން ލިބެން ހުންނައިރު، ސައިޒުތަކުގެ އަގު އުޅެނީ، 20 ރުފިޔާއާއި 35 ރުފިޔާއާ ދެމެދުގައެވެ.

ކޮކޯބެރީން ލިބޭ ބައެއް ކާނާގެ ބާވަތްތައް --- ސަން ފޮޓޯ/ އިޙްތިޝާމް މުހައްމަދު
ދެހާސް ނުވަ ވަނަ އަހަރު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުޅުވި "" ފްރޯޒެން ޔޯގަޓް ސްޓޯރ ހުޅުވުމަށް ފަހު، މިހާތަނަށް އިންޑިއާގެ އެކި ސިޓީތަކުގައި 50 އަށް ވުރެ ގިނަ ކޮކޯބެރީ އައުޓްލެޓް ހުރެއެވެ.
ނިއު ދިއްލީގެ އިތުރުން ކޮކޯބެރީ އައުޓްލެޓްތައް ހުންނަނީ އަހްމަދްއާބާދު، ބެންގަލޫރު، ޗަންދީގަރް، ޗެންނާއީ، ފަރީދްއާބާދު، ގޯއާ، ގުރްގާއުން، ނޮއިޑާ، ޖައިޕޫރް އަދި މުމްބާއީގައެވެ.
ފްރޯޒެން ޔޯގަޓަކީ އައިސް ކްރީމުގެ ބަދަލުގައި މީހުންނަށް ކެވޭނެ ހެލްތީ އޮލްޓަނޭޓިވް އެކެވެ.
ކޮކޯބެރީގެ ބްރޭންޑު، ފްރެންޗައިޒަކަށް ހެދީ 2014 ވަނަ އަހަރު އެވެ. އަދި ޖެހިގެން އައި 2015 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ރާއްޖޭގައި ކޮކޯބެރީގެ ފްރެންޗައިޒް އައުޓްލެޓެއް ހުޅުވުމަށް، ރާއްޖޭގެ ކުންފުންޏެއް ކަމުގައިވާ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާ އެކު އެއްބަސްވުމެއް ހަދާފައި ވެ އެވެ. ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަކީ، މާލޭގެ މަޝްހޫރު ރެސްޓޯރަންޓެއް ކަމުގައިވާ ނިއުޕޯޓް ހިންގާ ކުންފުންޏެވެ.