13 Oct 2016, 16:32
މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނެޓް ޖެކްސަން، އޭނާގެ އުމުރުން 50 އަހަރުގައި ބަލިވެ އިންކަން ކަށަވަރު ކޮށްދީފިއެވެ.
ޕޮޕް ލަވައިގެ ރަސްގެފާނު މައިކަލް ޖެކްސަންގެ ކޮއްކޮ ޖެނެޓް ޖެކްސަން ބަލިވެ އިންކަން އޭނާ ކަށަވަރު ކޮށްދިނީ "ޕީޕަލް" މެގެޒިންއަށް ނެގި ފޮޓޯޝޫޓަކާއި އިންޓަވިއުއެއްގެ ތެރެއިންނެވެ.
ޖެނެޓް ޖެކްސަން މީގެ ކުރިން ދެ ކައިވެންޏެއް ކޮށްފައިވާ އިރު، އޭނާ މިހާރު ކައިވެނި ކޮށްގެން އުޅެނީ އޭނާގެ ތިންވަނަ ފިރިމީހާ، ޤަތަރުގެ ވިޔަފާރިވެރިޔާ ވިސާމް އަލް މާނަޢުއާއެވެ.

ޖެނެޓް ޖެކްސަން ޕީޕަލް މެގެޒިންއަށް ނެގި ފޮޓޯޝޫޓުގެ ތެރެއިން --
ޖެނެޓްއަށް މިހާތަނަށް ދަރިއަކު ލިބިފައި ނުވާ އިރު، އޭނާ މިހާރު ބަލިވެ އިނީ އޭނާގެ ފުރަތަމަ ދަރިފުޅަށެވެ.
މީގެ ހަ މަސް ކުރިން ޖެނެޓް އޭނާގެ ޓުއާއެއް ކެންސަލް ކުރަމުން ބުނީ، ޓުއާ ކެންސަލް ކުރި ސަބަބަކީ "ފިރިމީހާއާ އެކު ޢާއިލާއެއް ބިނާކުރުން" ކަމަށެވެ. ނަމަވެސް ޖެނެޓް ބަލިވެއިން ކަމެއް އޭނާ މިހާތަނަށް ބުނެފައެއް ނުވެއެވެ.
ޖެނެޓްއާއި ފިރިމީހާ ވިސާމް ކައިވެނި ކުރީ 2012 ވަނަ އަހަރުއެވެ. ވިސާމްއަކީ މުސްލިމަކަށް ވާ އިރު، އޭނާއާ ކައިވެނި ކުރުމަށްޓަކައި ޖެނެޓް ވެސް އިސްލާމްވި ކަމުގެ އަޑުތަކެއް ފެތުރުނެވެ. ނަމަވެސް މިކަން ކަށަވަރު ވެފައެއް ނުވެއެވެ.