އެމްވީ މެޑިކަލްސްއިން ރާއްޖޭގައި މެޑިކަލް ޓުއަރިޒަމް ފުޅާކުރުމަށް ބާއްވާ އެންމެ ބޮޑު މެޑިކަލް އެކްސްޕޯގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ސަން އޮންލައިން ހަމަޖައްސައިފި އެވެ.

މެޑިކަލް އެންޑް ހެލްތު އެކްސްޕޯގެ އޮންލައިން މީޑިއާ ޕާޓްނަރު ކަމަށް ސަން އޮންލައިން ހަމަަޖައްސައި އެއްބަސްވުމުގައި ދެފަރާތުން ސޮއިކުރުން އޮތީ މިއަދު ސަންޓީވީގެ ސްޓޫޑިއޯގަ އެވެ.

އެ އެއްބަސްވުމުގައި އެމްވީ މެޑިކަލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރު އަބްދުލް ޖަލީލް ހުސައިން އެވެ. އަދި ސަން އޮންލައިންގެ ފަރާތުން ސޮއިކުރެއްވީ ސަން މީޑިއާ ގްރޫޕުގެ ޖެނެރަލް މެނޭޖަރ ސޭލްސް އެންޑް މާކެޓިން މިންހާ ފާއިޒް ރަޝާދެވެ.

އެމްވީ މެޑިކަލްގެ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރު ޖަލީލް ވިދާޅުވީ މެޑިކަލް އެކްސްޕޯގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ސަން އޮންލައިން ހަމަޖެއްސީ ސަން އޮންލައިން އަކީ އެންމެ ގިނަ މީހުން ކިޔާ އޮންލައިން ނޫސްކަމުގައި ވާތީ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަން މީޑިއާ ގްރޫޕުގެ ޖެނެރަލް މެނޭޖަރ މާކެޓިން އެންޑް ސޭލްސް މިންނު ވިދާޅުވީ ސިއްހީ މައްސަލަތަކަކީ ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއް ކަމަށާއި، އެފަދަ ކަމަކާ ގުޅޭ ގޮތުން ފެއާއެއް ބޭއްވުމަށް އެމްވީ މެޑިކަލްސް އިން އިސްނެންގެވީތީ އުފާކުރައްވާ ކަމަށެވެ.

މެޑިކަލް އެންޑް ހެލްތު އެކްސްޕޯގެ އޮންލައިން ޕާޓްނަރެއްގެ ގޮތުގައި ސަން އޮންލައިން ހަމަޖެއްސުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައްޔިތުންނާ ގުޅޭ މިފަދަ ކަންކަމުގައި ސަން އޮންލައިނުން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށާއި ސަން އޮންލައިންގެ މަގުސަދަކީ ރައްޔިތުންނަށް ދިމާވާ އެކިއެކި ކަންކަމުގައި ވީހާވެސް ކައިރިން ބައިވެރިވުން ކަމަށް މިންނު ވިދާޅުވި އެވެ.

"ކޮމިއުނިޓީ ބޭސްޑް އިވެންޓެއްގެ މީޑިއާ ޕާޓްނަރަކަށްވުމުގެ ފުރުސަތު ސަން އަށް ލިބުނީތީ އަޅުގަނޑުމެން ވަރަށް އުފާކުރަން،" މިންނު ވިދާޅުވި އެވެ.

ސަން މީޑިއާ ގްރޫޕްގެ ކުޑައިގެ ދަށުގައި ހިމެނޭ ހުރިހާ ވަސީލަތްތަކުންވެސް އެކްޕޯގެ ޚަބަރުތައް ގެނެސްދެމުން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ އެކްސްޕޯއަކީ އެމްވީ މެޑިކަލްސް އާއި އިންޑިއާގެ މެޑްލައިފް އޭޝިއާއާ ގުޅިގެން ބާއްވަން ނިންމާފައިވާ އެކްސްޕޯއެކެވެ.

އަންނަ ނޮވެމްބަރު މަހުގެ 24 އިން 26 އަށް ނޭޝަނަލް އާޓް ގެލަރީގައި ބާއްވަން ނިންމާފައިވާ އެ އެކްސްޕޯގައި 21 ސްޓޯލެއް ހިމެނޭއިރު، ސްޓޯލްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެމްވީ މެޑިކަލްސް އިން ވަނީ ހުޅުވާލާފައެވެ.

އެގޮތުން، ހޮސްޕިޓަލް އަދި ކްލިނިކްސް އާއި މެޑިކަލް ލެބްސް އަދި ފާމަސޫޓިކަލް ނުވަތަ ފާމަސީތަކުގެ އިތުރުން ބިއުޓީކެއާ އާއި ހެލްތު އިންޝުރެންސް ފިޓްނަސް ސެންޓަރުގަދަ ސިއްހީ ދާއިރާއާ ގުޅުން ހުރި ކޮންމެ ހިދުމަތެއް ދޭ ފަރާތަކަށް ވެސް އެކްސްޕޯގައި ބައިވެރިވެވޭނެ އެވެ.