އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވާދަވެރި ލިވަޕޫލާއި މެންޗަސްޓާ ޔުނައިޓެޑް ބައްދަލު ކުރާ މެޗުގެ ފޭވަރިޓުންނަކީ ލިވަޕޫލް ކަމަށް ކުރީގެ ޔުނައިޓެޑްގެ ލެޖެންޑް ޕައުލް ސްކޯލްސް ބުނެފިއެވެ.

ލީގުގައި މިރޭ އެ ދެ ޓީމު ބައްދަލުކުރާއިރު ލިވަޕޫލް އޮތީ ކުޅުނު ހަތް މެޗުން 16 ޕޮއިންޓް ލިބިގެން ތާވަލުގެ ހަތަރު ވަނާގަ އެވެ. ޔުނައިޓެޑް އޮތީ ކުޅުނު ހަތް މެޗުން 13 ޕޮއިންޓް ލިބިގެން ހަތް ވަނާގައެވެ.

ސްކޯލްސް ބުނީ މިރޭގެ މެޗަށް ދެ ޓީމު ނިކުންނައިރު އެންމެން ވެސް ބުރަވާނީ ލިވަޕޫލް ކޮޅަށް ކަމަށާއި އެއީ ވޭތުވެދިޔަ މެޗުތަކުގައި ޔުނައިޓެޑްގެ ފަރާތުން ފެނިފައިވާ ދަށް ކުޅުމުގެ ސަބަބުން ކަމަށެވެ.

"އަދިވެސް ޔުނައިޓެޑަށް އުޅުނީ ރަނގަޅަށް ކުޅެ ނުގަނެވިގެން. ކުޅުންތެރިން ޓީމަކަށް ނުހެނޭ. އަދި ނަގާނެ ދުވަސްކޮޅެއް ކުޅުންތެރިން ޓީމްގެ ތެރެއަށް ރަނގަޅަށް ހޭނިލަން،" ޔުނައިޓެޑަށް 718 މެޗު ކުޅެދީފައިވާ ސްކޯލްސް ބުންޏެވެ.

ލީގުގައި މިހާތަނަށް ލިވަޕޫލް ކުޅުނު ހަތް މެޗުގެ ތެރެއިން އެ ޓީމް ވަނީ ފަސް މެޗު ކާމިޔާބްކޮށްފަ އެވެ. އެއް މެޗުން ބަލިވިއިރު އަނެއް މެޗުން ވަނީ އެއްވަރުވެފައެވެ. ޔުނައިޓެޑް ހަތަރު މެޗުން މޮޅުވެފައިވާއިރު އެއް މެޗު ވަނީ އެއްވަރުވެފަ އެވެ. ބަލިވެފައިވަނީ ދެ މެޗުންނެވެ.

ސްކޯލްސް ބުނީ މި ސީޒަނުގައި ލިވަޕޫލްގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ބޮޑެތި ވަރުގަދަ ޓީމްތައް ޖެހިލުންވާ ވަރުގެ ކުޅުމެއް ކަމަށާއި މިރޭގެ މެޗުގައި ވެސް ޔުނައިޓެޑަށް އެޓީމްގެ ފަރާތުން ބޮޑެތި އުނދަގޫތަކެއް ކުރިމަތި ވާނެ ކަމަށެވެ.

ލިވަޕޫލް އާއި ޔުނައިޓެޑް ބައްދަލުކުރާ މެޗު އޮންނާނީ މިރޭ ދަންވަރު 12 ޖަހާއިރު ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައެވެ.