އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާއާ އެކު 139 ބޭފުޅަކަށް ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދީފިއެވެ.

މިރޭ 9:00 ގައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އެބޭފުޅުންނަށް ގާނޫނީ ވަކީލު ކަމުގެ ހުއްދަ ހަވާލުކޮށްދެއްވީ ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލްއެވެ.

މިރޭ ގާނޫނީ ވަކީލުކަމުގެ ހުއްދަ ދެއްވި ބޭފުޅުންގެ ތެރެއިން 60 ޕަސެންޓު ބޭފުޅުންނަކީ، އަންހެން ބޭފުޅުންނެވެ. އެގޮތުން 83 އަންހެން ބޭފުޅުންނާއި 56 ފިރިހެން ބޭފުޅުން މިރޭ ހުވާކުރައްވާފައިވެއެވެ.

އެބޭފުޅުންނަށް ގާނޫނީ ވަކީލު ކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.

އަމްޖަދުގެ އިތުރުން ގާނޫނީ ވަކީލުކަމުގެ ހުއްދަ މިރޭ ދެއްވި ބޭފުޅުންގެ ތެރޭގައި ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ޒަކަރިއްޔާ ހުސައިން އާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ރަޝީދު އާއި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ކުރީގެ ނައިބު ރައީސް އަބްދުﷲ އަލީ އާއި އެ ޓްރައިބިއުނަލްގެ މެމްބަރު އާދަމް ޒާލިފް ހިމެނިވަޑައިގަންނަވައެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އާދަމް ޒާލިފަށް ގާނޫނީ ވަކީލު ކަމުގެ ހުއްދަ ބަންޑާރަ ނައިބު މުހައްމަދު އަނިލް ހަވާކޮށްދެއްވަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ހަމައެހެންމެ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި މަސައްކަތް ކުރައްވާ ބައެއް ވަކީލުންނަށް ވެސް މިރޭ ވަނީ ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދެއްވައިފައެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ ޝަރުއީ ދާއިރާއަކީ ޖިންސުގެ ހަމަހަމަ ކަމަށް އިސްކަންދޭ ދާއިރާއެއްގެ ގޮތުގައި ތަރައްގީކޮށް، އަންހެން ކަނބަލުންނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމަކީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ތަސައްވުރެއް ކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓާއި ޑީޖޭއޭގައި މަސައްކަތްކުރާ މުވައްޒަފުންގެ 60 ޕަސެންޓަށް ވުރެ ގިނައީ އަންހެން ބޭފުޅުން ކަމަށް ޑީޖޭއޭ އިން ބުންޏެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ ރާއްޖޭގެ ސިޔާދަތާއި ސަރަހައްދީ އެއްބައިވަންތަކަމާއި މިނިވަންކަމާއި އިސްލާމީ ޝަރީއަތުގެ މަތިވެރި އުސޫލުތަކާއި ގާނޫނުގެ ހުކުމް ނެގެހެއްޓުމުގައި ޝަރުއިއްޔަތުގެ މަބްދައު ކަށަވަރު ކުރުމުގައި ގާނޫނީ ވަކީލުން އަދާކޮށްފައި ވަނީ ވަރަށް މުހިންމު ދައުރެއް ކަމަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ރަޝީދަށް ގާނޫނީ ވަކީލު ކަމުގެ ހުއްދަ ބަންޑާރަ ނައިބު މުހައްމަދު އަނިލް ހަވާކޮށްދެއްވަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

"ރައްޔިތުންގެ އަސާސީ އަދި މަދަނީ ހައްގުތައް ކަށަވަރުކޮށްދިނުމާ ގުޅޭ މުހިންމު ގަޒިއްޔާތަކެއްގައި ތާރީޚީ އަދި ލޭންޑްމާކް ނިންމުންތަކެއް ސުޕްރީމް ކޯޓުން ނިންމާފައިވާއިރު، އެ ގަޒިއްޔާތަކުގައި ގާނޫނީ ވަކީލުންގެ މުހިންމު ވަކާލާތުތަކެއް ހިމެނިފައިވުމަކީ މި ހަގީގަތް ދައްކުވައިދޭ ކަމެއް،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ހަމައެހެންމެ ރާއްޖޭގައި އަދުލުއިންސާފު ގާއިމްކުރުމަށްޓަކައި ޝަރުއީ ދާއިރާއިން ކުރާ މަސައްކަތުގައި ގާނޫނީ ވަކީލުންގެ ހިއްސާ ވަރަށް ބޮޑު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެނިހެން ޕްރޮފެޝަންތަކެކޭ އެއްފަދައިން ޝަރުއީ ދާއިރާއަކީ ވެސް ޒަމާނަށް އަންނަ ކުރިއެރުންތަކާއެކު ކުރިއަރުވަންޖެހޭ ޕްރޮފެޝަނެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގާނޫނީ ވަކީލު ކަމުގެ ކޯސް ފުރިހަމަކުރެއްވި ބޭފުޅަކަށް ވަކީލު ކަމުގެ ހުއްދަ ބަންޑާރަ ނައިބު މުހައްމަދު އަނިލް ހަވާކޮށްދެއްވަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

އެމަނިކުފާނު ވިދާޅުވީ، ސިވިލް ކޯޓުގައި ފަސް ޑިވިޝަނެއް ގާއިމްކޮށްފައި ވުމުގެ ސަބަބުން ފަސޭހަކަމާ އަވަސްކަމާ އެކު މައްސަލަތައް ނިމި މައްސަލަ ހުށަހަޅާ މީހުން ކުރަންޖެހޭ ޚަރަދުތައް ކުޑަވެގެންދާ ކަމަށެވެ.