18 Oct 2016, 08:47
ގާނޫނީ ވަކީލު ކަމުގެ ފަންނު ކުރިއަރައިގެން ނުދަނީ ބައެއް ވަކީލުން ސިޔާސީ މަގުސަދުތައް ހާސިލްކުރަން މަސައްކަތް ކުރާތީ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެއެވެ.
ސަތޭކައަށް ވުރެ ގިނަ ބޭފުޅުންނަށް ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދެއްވުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަނިލް ވިދާޅުވީ އަމިއްލަ އެޖެންޑާތަކެއް ހާސިލްކުރަން ވެސް ބައެއް ވަކީލުން އުޅުއްވާ ކަމަށެވެ.
"މިސާލަކަށް ދަންނަވާކަމަށް ވަންޏާ އަޅުގަނޑުމެންގެ ތެރެއިން ގާނޫނީ ވަކީލުންގެ ފަރާތްޕުޅުން ކަމަށް ވިދާޅުވެ ސިޔާސީ ޕާޓީއެއް ހިންގަން އިސްކޮށް އުޅުއްވާ ބޭފުޅުން އެބޭފުޅުންގެ ސިޔާސީ ފިކުރު، ފިތުނައާ އެކީގައި ގެންނެވުމުން ގާނޫނީ ވަކީލުންގެ ފަންނު ކުރިއެއް ނާރާނެ،" ބަންޑާރަ ނައިބު
ގާނޫނީ ވަކީލުންގެ ތެރޭގައި އެއްބައިވަންތަ ކަމެއް ވެސް ނެތް ކަމަށް އަނިލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފަނޑިޔާރުކަމަށްވާން އުޅުއްވާ ބައެއް ވަކީލުން ތިމާއަކީ އެކަމުގައި ކުރިއަރާފަހުރި ލީޑަރަކަށް ހެދިގެން ވެސް މަސައްކަތް ކުރައްވާ ކަމަށާއި ނަމަވެސް އެބޭފުޅުންނަށް ގާނޫނީ ވަކީލުންގެ ފަންނު ކުރިއަރުވަން ލިބިވަޑައިގަތް ފުރުސަތުގެ ބޭނުން ހިއްޕވާފައިނުވާ ކަމަށެވެ.
ސަރުކާރާއި ޖުޑިޝަރީގެ ފަރާތުން ވެސް ގާނޫނީ ވަކީލުންގެ ފަންނު ކުރިއަރުވުމަށް މަސައްކަތަކެއް ކުރައްވަމުން އަންނަ ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ. އަދި ގާނޫނީ ވަކީލުންނާ ގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.