22 Oct 2016, 19:46
ފަހަތުން އަރައި 3-4 ލަނޑުގެ ނަތީޖާ އަކުން ކްލަބް ވެލެންސިއާ ބަލިކޮށް އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ އެންމެ ފަހުން ވެސް ދެވަނަ މަގާމް ހޯދި ޓީސީ ސްޕޯޓްސް ކްލަބުން އެ މަގާމު ދިފާއުކޮށްފިއެވެ.
މިއީ ޓީސީއަށް ލީގުގެ ފަހު މެޗެވެ. މިއަދުގެ މޮޅާއެކު ލީގުގެ ދެވަނައިގައި ޓީސީ އޮތީ 42 ޕޮއިންޓާ އެކުއެވެ. ތިން ވަނައިގައި އޮތް އީގަލްސްއަށް މިރޭ ޗެމްޕިއަން މާޒިޔާ އަތުން މޮޅުވެވުނު ނަމަވެސް އެ ޓީމަށް ލިބެނީ 41 ޕޮއިންޓާ އެކު ލީގުގެ ތިން ވަނަ މަގާމެވެ. ލީގު ކާމިޔާބުކޮށްފައިވާ މާޒިޔާ އެއްވަނައިގައި އޮތީ 44 ޕޮއިންޓް ހޯދައިގެންނެވެ.
ލީގުގެ ފުރަތަމަ ދެ ބުރުގައި ގިނަ މެޗުތަކެއް ކާމިޔާބުކުރި ވެލެންސިއާ އިން މިބުރުގައި އެއްވެސް މެޗެއް ކާމިޔާބު ނުކުރެވޭ ކަން ފާހަގަކޮށްލެވެއެވެ. ވެލެންސިއާއިން މިއަހަރުގެ ލީގު ނިންމާލީ 20 ޕޮއިންޓާ އެކު ހަ ވަނައިގައެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ފޯރިގަދަ މެޗުގައި ވަނީ ދެ ހެޓްރިކް ފެނިގެން ގޮސްފައެވެ. ވެލެންސިއާގެ ތިން ގޯލު ވެސް ފެނިގެން ދިޔައީ މިއަދުގެ މެޗުގައި މޮޅުކުޅުމެއް ދެއްކި ހަސަން އަދުހަމް (ސަޑޭ)ގެ ފަރާތުންނެވެ.
ޓީސީއަށް ތިން ގޯލު ކާމިޔާބު ކޮށްދީ އަލީ ފާސިރު (ސެންޓޭ) ހެޓްރިކެއް ހެދިއިރު އެޓީމްގެ އަނެއް ގޯލު ކާމިޔާބުކޮށްދިނީ އަލީ ނާފިއު (ކަޅޭ) އެވެ.
ލީގުގެ ފަހު މެޗުގައި މިރޭ ޗެމްޕިއަން މާޒިޔާ ނިކުންނާނީ އީގަލްސްއާ ދެކޮޅަށެވެ.