23 Oct 2016, 13:23
ވޮޝިންޓަން (އޮކްޓޯބަރު 23): އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ޑޮނަލްޑް ޓްރަމްޕްގެ ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކަމަށް ބުނެ ވާހަކަ ދެއްކި އަންހެނުންނާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް އެފަދައިން ވިދާޅުވެފައި ވަނީ ޓްރަމްޕް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ ފާއިތުވި ދެ ހަފްތާ ތެރޭގައި 10 އަންހެނަކު އެވާހަކަތައް މީޑިއާއާ ހިއްސާކޮށްފައި ވަނިކޮށެވެ.
"އަޅުގަނޑުގެ ކެމްޕެއިނަށް ހުރަސް އަޅަން މަސައްކަތް ކުރި އެހުރިހާ އަންހެނުން ހެދީ ދޮގު. ހުސް ދޮގު. އެއީ އެއްވެސް އިރެއްގައި ހިނގި ކަންތަކެއް ނޫން. ދޮގު ހެދި އެންމެންނާ ދެކޮޅަށް އިންތިހާބަށް ފަހު ދައުވާ ކުރާނަން،" ޓްރަމްޕް ވިދާޅުވި އެވެ.
އަދި ބޮޑެތި ނޫސްތަކުން ވަނީ އެވާހަކަތަކަކީ ތެދު ހަގީގަތެއްތޯ ނުބަލައި "އެންމެ ފޯނު ކޯލަކަށް ފަހު" އެވާހަކަތަކަށް ބޮޑު ކަވަރޭޖެއް ދީފައި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕްގެ ޖިންސީ ގޯނާގެ ވާހަކަތައް ބައެއް އަންހެނުން ހިއްސާ ކުރަން ފެށީ 2005 ވަނަ އަހަރު ޓްރަމްޕް އަންހެނުންނާ ބެހޭ ގޮތުން ދެއްކެވި ދަށު ދަރަޖައިގެ ވާހަކަތަކެއްގެ ރިކޯޑިންއެއް ލީކުވުމާ ގުޅިގެންނެވެ. އެވީޑިއޯގައި ޓްރަމްޕް ވަނީ އޭނާއަކީ ސްޓާރެއް ކަމުން އަންހެނުންނަށް ޖިންސީ އަނިޔާ ކުރެވޭނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަފުޅު ދައްކަވާފަ އެވެ.