ސްޕެނިޝް ލީގްގައި ރޭ އެތުލެޓީކޯ މެޑްރިޑް ކުޅުނު މެޗު ކާމިޔާބުކޮށްގެން އެޓީމަށް ލީގުގެ އެއްވަނައަށް އެރެން އޮތް ނަމަވެސް އެޓީމު ބަލިވުމުން އޭގެ ފައިދާ ނަގައި ރެއާލް މެޑްރިޑުން 2-1ގެ ނަތީޖާ އަކުން އެތުލެޓިކް ބިލްބާއޯ ބަލިކޮށް ލީގްގެ އެއްވަނައަށް ޖެހިލައިފިއެވެ.

ރޭގެ މޮޅާ އެކު ރެއާލް އެއްވަނައިގައި އޮތީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތީ ރޭ 1-0ގެ ނަތީޖާ އަކުން އެތުލެޓިކޯ ބަލިކުރި ސެވިއްޔާއެވެ. އެޓީމަށް ލިބެނީ 20 ޕޮއިންޓެވެ. ތިން ވަނައިގައި އެންމެފަހުގެ ޗެމްޕިއަން ބާސެލޯނާ އޮތީ 19 ޕޮއިންޓްއާ އެކުއެވެ. އެތުލެޓިކޯ އޮތީ ލީގުގެ ފަސް ވަނައިގައި 18 ޕޮއިންޓާއެކުއެވެ.

ރެއާލްގެ ސެންޓިއާގޯ ބާނަބިއުގައި ރޭ ކުޅުނު މެޗުގެ ހަތް ވަނަ މިނެޓްގައި އެޓީމްގެ ކަރިމް ބެންޒެމާ ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑް ނަގާފައެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ބިލްބާއޯއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ 28 ވަނަ މިނެޓްގައި ސަބިން މާނިއޯއެވެ.

ރޭގެ މެޗުން ރެއާލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު މެޗުގެ 84 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓޯއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ ލީގު ކާމިޔާބު ކުރަން ބޭނުންނަމަ މިއަށް ވުރެ ވެސް އުނދަގޫ ކަންތައްތަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި ރެއާލްގެ ކުޅުންތެރިންގެ ކިބައިގައި އެ ހުނަރު ހުންނާނެ ކަމަށެވެ.

"ލީގުގަ އެއްވެސް މެޗަކީ ފަސޭހަ މެޗެއް ނޫން. އެހެންވީމަ އަހަރެމެން ވަރަށް ރަނގަޅަށް ދަސްކުރަން ޖެހޭނެ އެފަދަ ހާލަތްތަކާ ކުރިމަތިލާން ޖެހޭނެ ގޮތްތަށް،" ޒިދާން ބުންޏެވެ.