24 Oct 2016, 10:55
ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓުތަކުން، ރާއްޖެއިން ބޭރުގައި ހުރެ ފައިސާ ނަގާ އިރު ރެމިޓެންސް ޓެކްސް، އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ނަގަން ފަށާ ގޮތަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ކަނޑައަޅައިފިއެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހެއްގެ ދަށުން، އޮކްޓޫބަރު އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވަޒީފާ އަދާކުރާ ކޮންމެ ބިދޭސީއަކަށް އެމީހުންގެ މުސާރަ ދޭންޖެހޭނީ އެމީހުންގެ ނަމުގައި ރާއްޖޭގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ޖަމާކޮށްގެންނެވެ. އަދި ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ ތިން ޕަސަންޓު، ގެ ގޮތުގައި ދައުލަތުން ނަގާނެއެވެ.
ރެމިޓެންސް ޓެކްސް ގަވައިދުގެ ހަތްވަނަ މާއްދާގެ (ހ) ގައިވާ ގޮތުން، "ދިވެހިރާއްޖެއިން ބޭރަށް ފައިސާ ފޮނުވުން" ކަމުގައި ބެލެވޭ ދެ ކަމަކީ ބޭންކެއް ނުވަތަ މަނީ ޓްރާންސްފާ އޭޖެންސީއެއް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމާއި، ރާއްޖޭގައި ހުޅުވާފައިވާ ބޭންކް އެކައުންޓެއްގައި ހުރި ފައިސާ، ރާއްޖެއިން ބޭރުގައި ހުރެ ނަގުދު ފައިސާގެ ގޮތުގައި ނެގުމެވެ.
އެ ގަވައިދުގައި ބުނެފައިވަނީ ހަތްވަނަ މާއްދާގެ (ހ) ގެ ދަށުން ބަޔާންކޮށްފައިވާ ދެވަނަ މުއާމަލާތް ކަމުގައިވާ، ރާއްޖެއިން ބޭރުން ފައިސާ ނެގުމުން ރެމިޓެންސް ޓެކްސް ނަގަން ފަށާނީ، ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ކަނޑައަޅާ ތާރީޚަކުން ފެށިގެން ކަމަށެވެ.
މީރާއިން ނެރެފައިވާ ޓެކްސް ރޫލިންގް ބުނާ ގޮތުން، މިފަދައިން ރާއްޖެއިން ބޭރުން ފައިސާ ނަގާނަމަ، އެ ފައިސާއިން ރެމިޓެންސް ޓެކްސް ނަގަން ފަށާނެ ތާރީޚަކީ 2017 ޖެނުއަރީ އެއްވަނަ ދުވަހެވެ.
އެހެން ނަމަވެސް، އެ ތާރީޚުގެ ކުރިން ވެސް، އެފަދަ ހާލަތެއްގައި ރެމިޓެންސް ޓެކްސް ނެގޭ އޮޓޮމެޓިކް ނުވަތަ މެނުއަލް ނިޒާމެއް ގާއިމުކުރެވޭ ތާރީޚަކުން ފެށިގެން އެ ޓެކްސް ނަގަން ޖެހޭނެ ކަމަށް ޓެކްސް ރޫލިންގްގައި ވެއެވެ.
އަދި މިފަދަ އެއްވެސް މުއާމަލާތަކުން ރެމިޓެންސް ޓެކްސް ނުނަގާ ދޫކޮށްލެވޭނެ އެންމެ ފަހު ތާރީޚަކީ މިއަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަސް ކަމުގައި ޓެކްސް ރޫލިންގްގައި ކަނޑައަޅާފައިވެއެވެ.
ގާނޫނު ބުނާ ގޮތުން، ރެމިޓެންސް ޓެކްސް ދެއްކުމަކީ ބޭންކުތަކާއި މާލީ ވިޔަފާރި ހިންގާ ފަރާތްތަކުގެ ތެރެއިން، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ދޭ ފަރާތްތަކުގެ ޒިންމާއެކެވެ.
ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީޢަވުމަށް މަސައްކަތް ކޮށްފި ނަމަ، ނުވަތަ އެކަމަށް އެހީތެރިވެދީފި ނަމަ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގެ އިތުރުން، ދައްކަންޖެހޭ ޓެކްސްއާ އެއްވަރުގެ އަދަދަކުން އެފަރާތެެއް ޖޫރިމަނާ ކުރާނެއެވެ. އަދި އެކަން ކުރީ ވިޔަފާރިއަކުން ކަމުގައިވާ ނަމަ، ޖޫރިމަނާ ކުރުމުގެ އިތުރުން އެފަރާތަކަށް ދޫކޮށްފައިވާ ވިޔަފާރީގެ ހުއްދަ ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ އިޚްތިޔާރު ދައުލަތަށް ލިބޭ ކަމަށް އެ ގާނޫނުގައި ވަނީ ބުނެފައެވެ.