25 Oct 2016, 23:58
ރާއްޖޭގައި ހަރަކާތްތެރިވާ ވޮލީބޯލް ކޯޗުންނާއި ރެފްރީން ދައުރު އިތުރަށް ފުޅާކޮށް އެފަރާތްތަަށް ބާރުވެރިކުރުވުމަށް، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އުފެއްދި ކޯޗާސް ކޮމިޝަނާއި ރެފްރީޒް ކޮމިޝަނަށް މެންބަރުން އިންތިޚާބުކޮށްފިއެވެ.
ޒުވާނުންގެ މަރުކަޒުގެ ސެމިނަރ ރޫމްގައި، ހޯމަ ދުވަހުގެ ރޭ ބޭއްވި، ވީއޭއެމް އެކްސްޓްރާއޯޑިނަރީ ޖެނެރަލް މީޓިން 2016ގައި، ވޮލީބޯލް ކޯޗާސް ކޮމިޝަންގެ ޗެއާމަންގެ މަގާމަށް އިންތިޚާބުވީ، އަހްމަދު އަދީލް (ބޭބެ) އެވެ. އަދީލް ޗެއާމަންކަމަށް ހޮވުނީ، އިބްރާހީމް ޝިހާމާ ވާދަކޮށް 17-10 ވޯޓުންނެވެ.
ކޯޗާސް ކޮމިޝަންގެ މެންބަރުކަމަށް، ކުރިމަތިލީ 10 މެންބަރުންގެ ތެރޭން އެ ކޮމިޝަނަށް އިންތިޚާބުވީ، ފަތުހުﷲ ވަހީދު (ފައްލޯ)، އަބްދުއް ސަލާމް، ނިޒާރު އިބްރާހިމް، އަހުމަދު މިހާދު، އާމިނަތު ޒީނާ އަދި މުމްތާޒް އަލީއެވެ.
ރެފްރީޒް ކޮމިޝަންގެ ޗެއާމަންކަމަށް ކުރިމަތިލީ އަހްމަދު ނަޝީދު (ތުއްތުކޯ) އެކަންޏެވެ. އެހެންކަމުން އެ މަގާމަށް އޭނާ އިންތިޚާބުކުރަން ނެގި، ފެންނަ ނުފެންނަ ވޯޓުގައި ބައިވެރިވި 33 ރެފްރީންގެ ތެރޭން، 32 ރެފްރީން ވަނީ ފެންނަ ކަމަށް ވޯޓު ދީފައެވެ. ނުފެންނަ ކަމަށް ވޯޓު ދިނީ އެންމެ ރެފްރީއެކެވެ.
ރެފްރީޒް ކޮމިޝަންގެ މެމްބަރުކަމުގެ ހަ މަގާމަށް ވާދަކުރި ހަތް ކެންޑިޑޭޓުންގެ ތެރޭން، އިންތިޚާބުވި މެންބަރުންނަކީ، މުހައްމަދު ހަމީދު، ޞަފްވާން އަހްމަދު، އިސްމާއީލް ރަޝީދު، ހައްވާ އަބްދުލް މަޖީދު، މުހައްމަދު އަނީސް އަދި އާއިދާ އަބްދުލް ޙަކީމެވެ.
މީގެ އިތުރުން ވަނީ، ބީޗް ވޮލީބޯލް ކޮމިޝަނަށްވެސް، ދެ މެމްބަރުން އިންތިޚާބުކޮށްފައެވެ.
ބީޗްކޮމިޝަނަށް، ކުރިމަތިލީ ހަތަރު މެންބަރުންގެ ތެރޭން ރޭ އެ ކޮމިޝަނަށް އިންތިޚާބުވީ ހުސައިން ނައީމާއި، އަހްމަދު އިބްރާހީމެވެ. އެގޮތުން މިމަހުގެ އެއްވަނަ ދުވަހު ބޭއްވި ކޮންގްރެސްގައި އިންތިޚާބުކޮށްފައިވާ، ހާލިދު މުހައްމަދާއި މައުމޫރް މުހައްމަދާއި އިސްމާއިލް ޝަރީފް އަދި އިސްމާއިލް އަބްދުﷲއާ އެކު ހަމެންބަރުން ވަނީ ހަމަވެފައެވެ.
ވީއޭއެމްއިން ބުނީ، ބީޗް ކޮމިޝަނަށް މިއަދު އިތުރު ތިން މެންބަރުން އައްޔަނުކޮށް އެ ކޮމިޝަންގެ ޗެއާމަނަކަށް މައުމޫރު މުހައްމަދު އައްޔަނުކޮށްފައި ވާ ކަމަށެވެ.
އަލަށް އައްޔަނުކުރި ތިން މެންބަރުންނަކީ، އަހްމަދު މިއާން، އަހްމަދު މުހައްމަދު އަދި އައިޝަތު ނާޒިމާއެވެ.
ވޮލީބޯލް އެސޯސިއޭޝަންގެ ކޯޗާސް ކޮމިޝަނާއި، ރެފްރީޒް ކޮމިޝަނާއި އަދި ބީޗް ކޮމިޝަންގެ ޗެއާމަންކަމަށް ހޮވުނު ފަރާތްތަކަށް ވަނީ، އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީން ފުރުސަތު ލިބިފައެވެ.