ފިންގާޕްރިންޓް ޖަހާފައި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާފައި ނުވާތީ، ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރަކު ސިޔާސީ ޕާޓީތަކުގެ ދަފުތަރުން އުނިކޮށް އެކަން މަޖިލީހަށް އަންގައިފިއެވެ.

ފިންގާޕްރިންޓް ޖަހާފައި ފޯމު ހުށަނާޅާތީ، ޕާޓީތަކުގެ ދަފުތަރުން އުނިކޮށްފައި ވަނީ، އެމްޑީޕީއަށް ނިސްބަތްވާ، ހިންނަވަރު ދާއިރާގެ މަޖިލީސް މެންބަރު އިބްރާހީމް މުހައްމަދު ޞާލިހް (އިބޫ)އާއި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲއާއި، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ، ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ، ޕާޓީ ތަކުގެ ދަފްތަރުން ނަން އުނިކުރި މެންބަރުންނަށް އަދިވެސް، ހަމަޖެހިފައިވާ އުސޫލުގެ މަތީން އެ ޕާޓީތަކާ ގުޅުމުގެ ފުރުސަތު އޮންނާނޭ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު ވުޖޫދަށް އައުމުގެ ކުރިން ޕާޓީތަކަށް ސޮއިކޮށްފައިވާ މީހުންނަށް ފިންގާ ޕްރިންޓު ޖެހުމަށް އެ ކޮމިޝަނުން މީގެކުރިން ފުރުސަތުދީފައިވެއެވެ.