27 Oct 2016, 08:36
މިއަހަރުގެ ތިންވަން ކުއާޓަރުގައި އެޕަލް ކުންފުނީގެ އާމްދަނީ 4.6 ބިލިއަން ޑޮލަރު ދަށްވެއްޖެ އެވެ.
އެކުންފުނިން އާންމުކޮށްފައިވާ ތިން ވަނަ ކުއާޓަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި މުއްދަތުގައި އާމްދަނީގެ ގޮތުގައި އެކުންފުންޏަށް ލިބިފައި ވަނީ 46.9 ބިލިއަން ޑޮލަރެވެ. ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ ނުވަ ބިލިއަން ޑޮލަރެވެ.
މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 51.5 ބިލިއަން ޑޮލަރު ލިބިފައިވާއިރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 11.1 ބިލިއަން ޑޮލަރެވެ. އެހެން ކަމުން މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި އެކުންފުނީގެ އާމްދަނީ ދަށްވެފައި ވަނީ 4.6 ބިލިއަން ޑޮލަރަށެވެ.
އެޕަލްގެ އާމްދަނީ ދަށްވެފައިވީ ނަމަވެސް އެކުންފުނީގެ ޚިދުމަތްތަކުގެ ބައިން އެކުންފުންޏަށް ލިބުނު އާމްދަނީ ވަނީ 24 ޕަސެންޓު އިތުރުވެފައެވެ.
"އައިޕޯން 7 އާއި އައިފޯން 7 ޕްލަސް އަދި އެޕަލް ވޮޗް ސީރީސް 2 އަށް ކަސްޓަމަރުންގެ ފަރާތުން ލިބުނު ތަރުހީބު ފެނިފައި އަޅުގަނޑުމެން މިތިބީ ވަރަށް ހައިރާންވެފައި. އަދި މި މުއްދަތުގައި އަޅުގަނޑުމެންގެ ސާވިސް ދާއިރާއިން މިވަނީ ރިކޯޑު އަދަދަކަށް ކުރިއަރާފައި. ސާވިސް ގްރޯތް މި ކުއާޓަރުގައި ހުރީ 24 ޕަސެންޓުގައި،" އެޕަލްގެ ސީއީއޯ ޓިމް ކުކް ވިދާޅުވެފައިވެއެވެ.
އެޕަލް އިން ހާމަ ކުރާ ގޮތުގައި މިއަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެކުންފުނީގެ ހިއްސާދާރުންނަށް، ބޮލަކަށް 0.57 ޑޮލަރު ދޭން ވަނީ ނިންމާފައެވެ.
މިއަހަރުގެ ތިން ވަނަ ކުއާޓަރު، ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިމިފައިވާއިރު އެކުންފުނިން ވަނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބޭން އާމްދަނީގެ މިންވަރު ލަފާކޮށްފައެވެ. އެޕަލްއިން ހާމަ ކުރާ ގޮތުގައި 2017 ގެ ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް 76 ބިލިއަނާއި 78 ބިލިއަން ޑޮލަރާ ދެމެދުގެ އާމްދަނީ އެއް ލިބޭނެއެވެ.