އިސްލާމީ ހުދޫދުގެ ތެރެއިން މުނިފޫހިލިފިވުމުގެ ފުރުސަތު ހުޅުވައި ދިނުމަށް އިސްލާމިކް މިނިސްޓްރީ އިން ބާއްވާ އިސްލާމިކް ފެއާ، މި އަހަރު ތަފާތުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް މިފަހަރު ފެއާގައި ސުޓޭޖް ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ސްކޫލުތަކުން މަދަހަ ކިޔާ ދަރިވަރުންގެ ޓީމުތަކާ އެކު ފެއާ ކުރިއަށްދާ ވަގުތުތަކުގައި މަދަހަ ކިޔުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ.

އަންނަ ހޮނިހިރުން ހޯމަ އަށް ކުރިއަށްގެންދާ އެފެއާގެ މިފަހަރުގެ ޝިޢާރަކީ، "އުޚުއްވަތްތެރިކަން-އަދަބު އިހުތިރާމާ އެކު ގުޅުން ބަދަހިކުރުން" އެވެ.

އޭގެ އިތުރުން މިފަހަރުގެ ފެއާގައި އިސްލާމިކް އާޓް ގެލެރީގެ ނަމުގައި ތަފާތު ކުރެހުންތަކެއް ހިމެނޭ މައުރަޒެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމައިފަ އެވެ. އެ މައުރަޒުގައި، މީގެ އެތަކެއް ސަތޭކަ އަހަރު ކުރިން ކީރިތި ރަސޫލާގެ ހަޔާތުގައި އެކަލޭގެފާނު ބޭނުންކުރެއްވި ކަމަށް ބުނެވޭ ސާމާނުގެ ފޮޓޯ އަސްލަކަށް ބަލައިގެން ދިވެހި ކުރެހުންތެރިއެއްގެ އަތުން ކުރަހާފައިވާ ކުރެހުންތަކެއް ބެހެއްޓިފައި ހުންނާނެކަމަށް މިނިސްޓްރީން ބުނެ އެވެ.

އެފެއާގައި ތަފާތު މުއައްސަސާތަކުން 25 ސުޓޯލް ބެހެއްޓުމަށް ނިންމާފައިވާ އިރު ސުޓޯލްތައް މެދުވެރިކޮށް ތަފާތު މައުލޫމާތުތައް ފޯރުކޮށްދިނުމަށް ވަނީ ނިންމާފަ އެވެ. އަދި ފެއާގެ ތެރެއިން ދީނީ އެކިއެކި މައުލޫމާތުތައް ހޯދުމުގެ ފުރުސަތު ހުޅުވާލަ އެވެ.