ޔުނެސްކޯ ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ކަނޑައަޅައި ހިމާޔަތް ކޮށްފައިވާ ބ. ހަނިފަރަށް މިދިޔަ ހޯމަ ދުވަހު ދޯންޏެއް އަރައި އެތަނުގެ ފަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ބަޔޮސްފިއާ ރިޒާވް އިން ބުނެފި އެވެ.

ބަޔޮސްފިއާ ރިޒާވްގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ދަރަވަންދޫން ފުރައިގެން މާލެ ދަނިކޮށް ފަރަށް "ދޮށި ދޯނި 1" ނަމަކަށް ކިޔާ ދޯނި ފަރަށް އަރާފައި ވަނީ ހަނިފަރުގެ ދެކުނުން ދަރަވަންދޫއާ ދިމާލަށް ކަމަށެވެ.

އަދި އެރިތާ ތިން ދުވަސްވީ އިރު ވެސް އެ ދޯނި ފުން ނުކުރެވޭ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

"ދޯނި އޮތީ ވަރަށް ބޮޑަށް ފަރަށް އަރާފައި. ބޮޑު ދިޔައިގާ ވެސް ދޯނީގެ ބުރަފަތި ފެނޭ. ދޯނި ފަރަށް އެރުމުން އެތަނަށް ލިބުނު ގެއްލުންތައް ބެލުމަށް އިއްޔެ ފީނާ ބެލި އިރު ފަރަށް ގެއްލުންތަކެއް ލިބިފަ ވަނީ،" އޮފިޝަލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދޯނި ފުންކުރުމުގެ މަސައްކަތުގައި ޓަގު ބޯޓެއް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި އެތަނަށް ލިބުނު ގެއްލުމުގެ ކުޑަ ބޮޑުމިން އެނގޭނީ ދޯނި ފުންކުރެވުމުން ކަމަށާއި ލިބުނު ގެއްލުމަށް ބަލާ ކަނޑައަޅާފައި އޮންނަ އުސޫލުން ދޯނީގެ ވެރިފަރާތުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޔުނެސްކޯ އިން ބަޔޮސްފިއާއެއްގެ ގޮތުގައި 2009 ވަނަ އަހަރުން ފެށިގެން ބ. އަތޮޅު ކަނޑައަޅާފައިވާ އިރު، މުހިއްމު ތަންތަން ކަނޑައަޅާ ކޯ އޭރިޔާތައް ކަނޑައަޅާފައިވެ އެވެ.

އެގޮތުން ތިން ތަނެއް ކޯ އޭރިއާގެ ގޮތުގައި ކަނޑައަޅާފައި އޮންނައިރު، އެންމަޑި އާއި ފެހުރިހި އުޅޭ ހަނިފަރަކީ އޭގެން ހާއްސަ އެއް ތަނެވެ. އަދި އެއީ ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދުގައި ވެސް މަގްބޫލް މަންޒިލެކެވެ.

އޮފިޝަލު ވިދާޅުވީ، ހަނިފަރު ފަރަށް އަރާފައިވާ ދޯނީގެ ސަބަބުން ވޭތުވެ ދިޔަ ތިން ދުވަހު ބަޔޮސްފިއާ ރިޒާވް އޮފީހުގެ މަސައްކަތްތަކަށް ކޮންމެވެސް ގޮތަކަށް ބުރޫ އަރާފައިވާ އިރު، އެކަމުގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.