28 Oct 2016, 10:43
އާދައިގެ ދިރިއުޅުމެއްގެ ތަޖުރިބާ ކުރުމަށް އިންޑިއާގެ ބިލިއަނަރަކު އޭނާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ކެރެލާއަށް ފޮނުވާލި ފަހަރުގައި ކިޔައިފައި އޮވެދާނެ އެވެ. މިފަހަރު އަނެއްކާ ވެސް މިއޮތީ ހަމަ އެ ބިލިއަނަރުގެ ވާހަކަ އެކެވެ.
ގުޖްރާތަށް ނިސްބަތްވާ ސަވްޖީ ޑޯލަކިއާ އަކީ އިންޑިއާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގަހަނާގެ ވިޔަފާރި ކުރާ މީހެކެވެ. އޭނާގެ "ހަރޭ ކްރިޝްނާ ޑައިމަންޑް" ކުންފުނީގެ ފިހާރަތައް 71 ގައުމުގައި ހުރެ އެވެ.
ސަވްޖީ ފާހަގަ ކުރެވެނީ ވަރަށް ދީލަތި މީހެއްގެ ގޮތުގަ އެވެ. އޭނާ އަށް ލިބިފައިވާ މުއްސަނދިކަމުން ފަގީރުންނަށް ހޭދަ ކުރެ އެވެ. އަދި ގައުމު ކުރިއެރުވުމަށް ވެސް ހޭދަ ކުރެ އެވެ.
އެގޮތުން މިފަހަރު ސަވްޖީ މިވަނީ އޭނާ އަށް މަސައްކަތްކޮށްދޭ ހުރިހާ މުވައްޒަފުން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން، މުވައްޒަފުންނަށް ވަރަށް ބޮޑު ދިވާލީ ބޯނަސް އެއް ދީފަ އެވެ.
ދިވާލީ ބޯނަސްގެ ގޮތުގައި ސަވްޖީ ވަނީ އޭނާގެ މުވައްޒަފުންނަށް 400 ފްލެޓް އަދި 1260 ކާރު ހަދިޔާ ކޮށްފަ އެވެ.
ދިވާލީ ބޯނަސް އަށް އޭނާގެ ކުންފުނިން 51 ކުރޯޑު ރުޕީޒް ހޭދަކޮށްފައި ވާއިރު، އެ ކުންފުނީގެ 1716 މުވައްޒަފުންނަށް ވަނީ ކާރެއް ނުވަތަ ފްލެޓެއް ލިބިފަ އެވެ. އެ ހުރިހާ މުވައްޒަފުންނަކީ ވެސް އެންމެ ރަނގަޅު މުވައްޒަފުން ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން ސަވްޖީ އަންނަނީ ކޮންމެ އަހަރަކު ވެސް ދިވާލީ ބޯނަސް ދެމުންނެވެ. މިދިޔަ އަހަރު އޭނާ ވަނީ 491 ކާރު އަދި 200 ފްލެޓް އޭނާގެ މުވައްޒަފުންނަށް ހަދިޔާ ކޮށްފަ އެވެ.
ސަވްޖީ އަކީ ގުޖްރާތުގެ ކުޑަ އަވަށަކަށް އުފަން މީހެކެވެ. އޭނާ ވިޔަފާރި ފެށީ ބޮޑުބޭބެގެ އަތުން ލޯނެއް ނަގައިގެންނެވެ. ވަރަށް ގިނަ ދުވަހުގެ ބުރަ މަސައްކަތަށް ފަހު ވިޔަފާރި ފުޅާކޮށް އަމިއްލަ ފައިމައްޗަށް ތެދުވީ އެވެ.
އަދި މިހާރު އޭނާ އަކީ މުއްސަނދިންނަށް ހުރި ނަމޫނާ އެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.