28 Oct 2016, 16:57
ކުއާލަލަންޕޫރު (އޮކްޓޯބަރ 28) : ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމުގެ މައްސަލާގައި ޗައިނާއާއެކު އުފެދިފައިވާ ދެބަސްވުންތައް އެއްފަރާތް ކުރުމަށްފަހު ޗައިނާ އިގްތިސާދީ ޚާއްސަ ގުޅުންތަކެއް ބާއްވަން ގަސްދުކުރާކަން މެލޭޝިޔާއިން ހާމަކޮށްފިއެވެ.
މިކަން ހާމަކުރައްވަމުން މެލޭޝިޔާގެ ބޮޑުވަޒީރު މުހައްމަދު ނަޖީބު ރައްޒާގް ވިދާޅުވީ އަންނަ އާދީއްތަ ދުވަހު ޗައިނާއަށް ކުރައްވާ ޚާއްސަ ދަތުރުފުޅެއް އޭނާ ފައްޓަވާނެކަމުގައެވެ. މެލޭޝިޔާގެ ސަރުކާރުގެ ދާއިރާތައް ބުނާގޮތުން ނަޖީބުގެ ދަތުރުފުޅަކީ ޗައިނާގެ އިންވެސްޓްމަންޓްތައް ހޯދުމަށް އަމާޒުކޮށްގެން ފައްޓަވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި މެލޭޝިޔާ ސަރުކާރުގެ ބައެއް އިސްވެރިންގެ އިތުރުން މެލޭޝިޔާގެ އެންމެ އިސް ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ ސަތޭކައަށްވުރެ ގިނަ ބޭފުޅުންގެ ވަފްދެއްވެސް ހިމެނޭކަމަށް ޚަބަރުތައް ބުނެއެވެ.
ޗައިނާއާއެކު އިގްތިސާދީ ޚާއްސަ ގުޅުންތަކެއް އުފައްދަން ގަސްދުކުރާކަން މެލޭޝިޔާއިން ހާމަކޮށްފައިމިވަނީ ޗައިނާގެ އަވައްޓެރި ފިލިޕީންސުންވެސް ޗައިނާއާއެކު މިފަދަ ގުޅުންތަކެއް ގާއިމް ކުރުމަށް މަސައްކަތް ކުރަމުން ގެންދާ ދުވަސްވަރެއްގައެވެ. މިކަމަށްޓަކައި ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ މިދިޔަ ހަފްތާގައިވަނީ އެގައުމުގެ މަސްއޫލުވެރިންނާއި ވިޔަފާރިވެރިން ހިމެނޭ 400 މީހުންގެ ވަފްދަކާއެކު ޗައިނާއަށް ވަޑައިގެން ޗައިނާގެ ރައީސް ޝީޖިންޕިން އާއި އެގައުމުގެ އެހެން ލީޑަރުންނާ އަދި ކުންފުނިތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.
ޑުޓާޓޭގެ މިދަތުރުފުޅުގައި ފިލިޕީންސާއި ޗައިނާއިން ތިރީހަކަށް އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. މީގެތެރޭގައި ފިލިޕީންސްގެ މަދަނީ އިންފްރާސްޓްރަކްޗަރ ގެ ބިނާކޮށްދިނުމުގެ ދާއިރާއާއި ޓެކްނޮލޮޖީގެ ދާއިރާއާއި ހަކަތައިގެ ދާއިރާގެ އިތުރުން އިންޕޯޓް އެކްސްޕޯޓާއި ދަތުރުފަތުރުގެ ދާއިރާ ހިމެނެއެވެ.
ޗައިނާއަކީ ދުނިޔޭގެ އެއްވަނަ އިގްތިސާދީ ބާރުކަމަށްވެފައި ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ދީލަތި އިންވެސްޓަރަކީ ޗައިނާކަމަށްވުމުން އެކަމުގެ ފައިދާ ޙާސިލް ކުރުމަށް ޗައިނާގެ އަވަށްޓެރި ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތައްވަނީ ސަފުހަދާލާފައެވެ.
ދެކުނު އިރުމަތީ އޭޝިޔާގެ ގިނަ ގައުމުތަކަކީ ޒަމާނުއްސުރެ އެމެރިކާއާ ޚާއްސަ ގުޅުންތަކެއް ގާއިމްކޮށްފައިވާ ގައުމުތަކެކެވެ. މީގެތެރޭގައި ފިލިޕީންސް، މެލޭޝިޔާ، ތައިލެންޑް ފަދަ ގައުމުތައް ހިމެނެއެވެ. ނަމަވެސް އެމެރިކާއާއެކު އުފެއްދި ޒަމާންވީ މިގުޅުންތަކުގެ އިގްތިސާދީ ނަތީޖާ ރަނގަނޅު ނޫންކަމާއި އެމެރިކާގެ އިންވެސްޓްމަންޓްތަކާއި ލޯން އެހީތައް ބޭނުންވާ މިންވަރާ ގާތަށްވެސް ނުލިބޭކަމުގެ އިހްސާސާއެކު އެގައުމުތައް މިހާރުވަނީ ޗައިނާއާ ދިމާއަށް މިސްރާބު ޖަހާފައެވެ. ރިޕޯޓްތައް ބުނާގޮތުން ފިލިޕީންސާއި މެލޭޝިޔާގެ އިތުރުން ތައިލެންޑާއި ލާއޮސް އާއި ކެންބޯޑިޔާވެސް މިހާރުވަނީ އެމެރިކާގެ ބަދަލުގައި ޗައިނާއާ ގާތްވުމުގެ ސިޔާސަތުތަކެއް ގެންގުޅެން ފަށާފައެވެ.
ފިލިޕީންސާއި މެލޭޝިޔާފަދަ ދެކުނުއިރުމަތީ އޭޝިޔާގެ ބައެއް ގައުމުތަކަކީ ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމުގެ މައްސަލާގައި ޗައިނާއާއެކު ދެބަސްވުންތައް އުފެދިފައިވާ ގައުމުތަކެކެވެ. މިދެބަސްވުންތަކުގެ ނާޖާއިޒު ފައިދާ ނެގުމަށް ޓަކައި މިފަހަކަށް އައިސް އެމެރިކާ ވަނީ ބޮޑެތި މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް އެދެބަސްވުންތައް އެއްފަރާތްކުރުމަށްފަހު ޗައިނާއާ އިގްތިސާދީ ޚާއްސަ ގުޅުންތަކެއް ގާއިމްކޮށް ލިބޭނެ ފައިދާ މާބޮޑުވާނެ ކަމަށް ފިލިޕީންސް، މެލޭޝިޔާ ފަދަ ގައުމުތަކުން މިހާރު ދެކެން ފެށުމަކީ އެމެރިކާ ކަންބޮޑުވާނެ ކަމެއްކަމަށް މުރާސިލުން ބުނެއެވެ. (ނޫސްއެޖެންސީތައް)