29 Oct 2016, 02:07
ޕުރޮގުރަސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) އޮފީހުގައި ހުރި ތަކެތި ގެންދިޔަ ނަމަވެސް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނުންގެ އަޒުމަކަށް ގުޑުމެއް ނާރާނެ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ފެކްޝަނުން ރޭ ވަނީ ޕީޕީއެމް އޮފީސް ހިންގާ އިމާރާތުން އަށް ލޮރީގެ ތަކެތި ގެންގޮސްފައެވެ. އެއާއެކު ފާރިސް އާއެކު މައުމޫން ފެކްޝަންގެ ބޭފުޅުން ވަނީ ފުލުހުންގެ ފަރާތުން މައުލޫމާތު ސާފް ކުރަން މަސައްކަތްކޮށްފައެވެ.
ޕީޕީއެމް އޮފީސް ކައިރި ތިބި ފުލުހުންނާއި މަޝްވަރާ ކުރެއްވުމަށްފަހު ފާރިސް ވަނީ ޓީމްގޮވައިގެން ފުލުހުންގެ މައި މަރުކަޒަށް ވަޑައިގެންފައެވެ.

ފާރިޝް މައުމޫން މައުމޫން ޕާޓީ އޮފީސް ކައިރީ ތިބި މީހުންނާ ސަލާން ކުރައްވަނީ--- ސަން ފައިލް ފޮޓޯ
ފުލުހުންގެ މަރުކަޒުން ނުކުތުމުން ސަންއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފާރިސް ވިދާޅުވީ ރޭ ކުރި މަސައްކަތުން އެކަމަށް ޖަވާބު ދެއްވޭނެ ފުލުހުންގެ އިސްވެރިއަކާ ބައްދަލު ނުވާ ކަމަށާއި ކުރިއަށްއޮތްތަނުގައިވެސް މައުލޫމާތު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އެގޮތަށް ތަކެތި ގެންދިޔަނަމަވެސް އަޒުމަށް ގުޑުމެއް ނާރާނެ ކަމަށް ފާހަގަކުރައްވައި ފާރިސް ވިދާޅުވީ ގިނަ މެމްބަރުން ތިބީ ރައީސް މައުމޫނާއެކު ކަމަށެވެ.
ގެންދިޔަ ތަކެއްޗާއި ގުޅޭގޮތުން އެއްޗެއް ދައްނަވާނީ ގެންދިޔަ ތަކެތީގެ ތަފްސީލް އެނގުމުން ކަމަށެވެ.
ޕީޕީއެމް ރަސްމީ އޮފީސް އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އެތަނުގެ ހުރި ތަކެތި ރައީސް ޔާމީން ފެކްޝަނުން ވަނީ ގެންގޮސްފައެވެ. އެފެކްޝަންގެ އޮފީސް ހިންގަނީ ދަރުބާރުގޭގައެވެ.