29 Oct 2016, 23:07
އިނގިރޭސި ޕްރިމިއާ ލީގުގައި އާޖެންޓީނާ ފޯވަޑް ސާޖިއޯ އަގުއެރޯ އާއި ޖަރުމަން މިޑްފީލްޑަރު އިލްކާއި ގުންޑޮގަންގެ ލަނޑުތަކުން ވެސްޓް ބްރޮމް އަލްބިއޮން އަތުން ފަސޭހަކަމާއެކު މެންޗެސްޓާ ސިޓީ މޮޅުވެއްޖެ އެވެ.
ރަށުން ބޭރުގައި މިރޭ ކުޅުނު ލީގު މެޗުގައި ވެސްޓް ބްރޮމްގެ މައްޗަށް ސިޓީން ކުރި ހޯދާފައިވަނީ ފަސޭހަކަމާއެކު 4-0 ލަނޑުގެ ނަތީޖާއަކުންނެވެ.
އެ ނަތީޖާއާ އެކު ތާވަލުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ދެ ވަނައިގައި އޮތް އާސެނަލަށް ވެސް ވަނީ 23 ޕޮއިންޓް ލިބިފައެވެ. ތާވަލުގެ ކުރީގައި ސިޓީ އޮތީ ގޯލުގެ ތަފާތުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީ އާއި ވެސްޓް ބްރޮމް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސިޓީ މޮޅުވެފައިވަނީ 4-0 ލަނޑުން ---
ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި އަގުއެރޯ ކާމިޔާބުކުރި ދެ ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފުގެ ތެރޭގައެވެ. މެޗުގެ 19 ވަނަ މިނެޓުގައި އަގުއެރޯ އެ ލަނޑު ކާމިޔާބުކޮށްފައިވަނީ ގުންޑޮގަން ދިން ބޯޅައަކުންނެވެ.
ސިޓީ އަށް ލީޑު ހޯދައިދިންތާ ނުވަ މިނެޓް ފަހުން އަގުއެރޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ. އަގުއެރޯ އުފެއްދި އެ ހަމަލާ އަމާޒުވެފައިވަނީ ވެސްޓް ބްރޮމް ގޯލުގެ މަތީ ކަނަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުން ސިޓީ ކުރީގައި އޮވެގެންނެވެ.
ސިޓީއަށް ގުންޑޮގަން ކާމިޔާބުކުރި ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން 11 މިނެޓަށް ވެފައި ވަނިކޮށެވެ. ސިޓީގެ ތިން ވަނަ ލަނޑު ގުންޑޮގަން ކާމިޔާބުކޮށްފައިވަނީ އަގުއެރޯ ދިން ބޯޅައަކުން ވެސްޓް ބްރޮމްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދި ހަމަލާއަކުންނެވެ.
ގުންޑޮގަންގެ ދެ ވަނަ ލަނޑު އަދި ސިޓީގެ ހަތަރު ވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ އެންމެ ފަހު މިނެޓުގައެވެ. ގުންޑޮގަން އެ ލަނޑު ކާމިޔާބުކޮށްފައިވަނީ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑިބްރޭނާ ނަގައިދިން ހުރަހަކުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ އާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން ---
ލީގުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީން ވަނީ ޓޮޓެންހަމް ހޮޓްސްޕާ ހިފަހައްޓައިފައެވެ. ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ޓޮޓެންހަމް އަށް ވިންސެންޓް ޖެންސަން ލީޑު ހޯދައިދިން ނަމަވެސް، ދެ ވަނަ ހާފު ފެށިތާ ތިން މިނެޓް ފަހުން މޫސާ ވަނީ ލެސްޓާ އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ލީގުގައި ކުޅުނު ދިހަ މެޗުން ލިބުނު 20 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގައި ޓޮޓެންހަމް އޮތްއިރު، ކުޅުނު ދިހަ މެޗުން ލިބުނު 12 ޕޮއިންޓާއެކު ލެސްޓާ އޮތީ ތާވަލުގެ 11 ވަނައިގައެވެ. ދިހަ މެޗުން ލިބުނު 15 ޕޮއިންޓާއެކު ތާވަލުގެ އަށް ވަނައިގައި ޔުނައިޓެޑް އޮތް އިރު، 11 ޕޮއިންޓާއެކު ބާންލީ އޮތީ ތާވަލުގެ 13 ވަނައިގައެވެ.