ފިންގާޕްރިންޓު ޖަހާފައިވާ އެމްޑީޕީގެ ފޯމް އަމިއްލަފުޅަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ސަން ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ އޭނާގެ ފިންގާޕްރިންޓު ޖަހާފައިވާ އެމްޑީޕީގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ކަމަށެވެ.

މޫސަ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުއްވީ އެމްޑީޕީން އެ ފޯމު ބަލައިނުގަތުމުން ކަމަށެވެ. އަދި އޭނާ އެމްޑީޕީގެ މެމްބަރުކަމުން ވަކިވިކަން އެޕާޓީން އިލެކްޝަންސް ކޮމިޝަނަށް އަންގާފައިނުވާ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

"ފިންގާޕްރިންޓް ޖަހާފައި ފޯމް ފޮނުވީމަ އިލެކްޝަންސް ކޮމިޝަނުން ބުނީ އެމްޑީޕީ އޮފީހަށޭ ފޮނުވަންޖެހޭނީ. އަޅުގަނޑު ދެންނެވިން އެމްޑީޕީ އޮފީހުން ބަލައިނުގަތީމައޭ އިލެކްޝަންސް ކޮމިޝަނަށް މި ފޮނުވީ،" މޫސަ ވިދާޅުވިއެވެ.

މޫސަ މިހެން ވިދާޅުވެފައި މިވަނީ އޭނާގެ ފޯމުގައި ފިންގާޕްރިންޓު ޖަހާފައިނުވާ ކަމަށާއި އަދި އޭނާ އެމްޑީޕީގެ މެމްބަރުކަމުން ވަކިކޮށްފައިނުވާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގައިވާގޮތުން ސިޔާސީ ޕާޓީތަކުގެ ގާނޫނު ވުޖޫދަށް އައުމުގެ ކުރިން ސިޔާސީ ޕާޓީތަކަށް ސޮއިކޮށްފައިވާ ބޭފުޅުން އަލުން ފޯމް ފުރިހަމަކޮށް ފިންގާ ޕްރިންޓު ޖަހައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހެއެވެ.

ފޯމުގައި ފިންގާ ޕްރިންޓު ޖެހުމަށް އިލެކްޝަންސް ކޮމިޝަނުން ދިން މުއްދަތުގައި ފިންގާ ޕްރިންޓު ޖަހާފައިވާ ފޯމު ހުށަހަޅާފައި ނުވާތީ އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ވަނީ އެޕާޓީގެ ދަފްތަރުން އުނިކޮށްފައެވެ. އޭގެތެރޭގައި ހިންވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވެސް ވަނީ އެޕާޓީގެ ދަފްތަރުން އުނިކޮށްފައެވެ.

ހަމައެހެންމެ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވެސް ވަނީ އެޕާޓީގެ ދަފްތަރުން އުނިކޮށްފައެވެ.