30 Oct 2016, 15:47
އަންހެން ކުއްޖަކު ކާރަކަށް އަރުވައިގެން ގެންގޮސް ގަދަ ކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއްގެ ތުހުމަތުގައި ވަޒީފާ އިން ވަކިކުރި ވ. ޝުކުރަން މުހައްމަދު ފަޔާޒަށް ވަޒީފާ ދޭން ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލުކޮށްފި އެވެ.
ފަޔާޒު ވަޒީފާ އިން ކަނޑާލާފައި ވަނީ 2010 ވަނަ އަހަރު އޮގަސްޓު މަހުގެ ފަތިހުގެ ވަގުތެއްގައި މާވެޔޮ މިސްކިތް ކައިރީ ހުރި އަންހެން ކުއްޖަކު ގަދަކަމުން ކާރަކަށް އަރުވައިގެން ގެންގޮސް ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގިކަން ޑިސިޕްލިނަރީ ބޯޑަށް ގަބޫލުކުރެވޭތީ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ މައްސަލާގައި ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ އެ މައްސަލަ ސާބިތުވާ ވަރަަށް އެކަށީގެންވާ ހެއްކެއް ހުށަހަޅާފައި ނުވާތީ ވަޒީފާ އަނބުރާ ދިނުމަށެވެ.
އޭޖީ އޮފީހުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މައްސަލަ ބެލުމަށް ފަހު ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލުކޮށްފަ އެވެ.
ހައިކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ފުލުހުންގެ ތަހުގީގަކުން ނުވަތަ ތަހުލީލަކުން ފުލުހަކު ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކުރިކަން ސާބިތުވެއްޖެ ނަމަ ވަޒީފާ އިން ވަކި ކުރެވޭނެ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްގައިވާ ކަމަށެވެ.
ފުލުހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ މައްސަލައެއް ސާބިތުވި ކަން ކަނޑައެޅުމުގައި ހެއްކާއި ގަރީނާ ވަޒަންކުރުމަށް ފަހު ބޮޑަށް ބުރަވެވޭ ކޮޅަކަށް އަމަލު ކުރުމަކީ ގެންގުޅޭ މިންގަނޑު ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފަ އެވެ.
ފަޔާޒު ވަޒީފާ އިން ވަކިކޮށްފައި ވަނީ ޕޮލިސް ސާވިސްގެ ޑިސިޕްލިނަރީ ބޯޑުން އެ މައްސަލަ ބަލައި އެ ބޯޑަށް އެކަން ގަބޫލު ކުރެވިގެންކަން އެނގެން އޮންނަ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
ފުލުހުންގެ ކާރަކަށް އަންހެން ކުއްޖަކު ގަދަ ކަމުން އަރުވައިގެން ގެނގޮސް ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ހެކި ފަޔާޒާ ދެކޮޅަށް ހުށަހަޅާފައިވާ ކަމަށް ވެސް ހުކުމުގައިވެ އެވެ. އަދި އެ ކާރު އެދުވަހު އޮތީ ފަޔާޒުގެ ބެލުމުގެ ދަށުގައި ކަމަށް ބުނާ ހެކި ވެސް ހިމެނޭ ކަމަށް ހުކުމުގައިވެ އެވެ.
ހާދިސާ ހިނގިތާ އިރުކޮޅެއް ފަހުން ފަޔާޒު އެކާރުގައި ގޮސް އިސްކަންދަރު ކޮށި ދެވަނަ ބައިގައި ޕާކު ކުރިތަން ފެނުނު ފުލުހުންގެ ހެކިބަސް ވެސް ހުށަހަޅާފައިވާ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.
ހާދިސާ ހިނގި ރޭ އޮތީ ނިދާފައި ކަމަށާއި އެއްވެސް މީހަކަށް ނުގުޅާ ކަމަށް ފަޔާޒު ބުނި ނަމަވެސް އޭނާ މީހުންނަށް ގުޅިކަން އަންގައިދޭ ފޯނު ރެކޯޑިން ތަހުގީގަށް ލިބިފައިވާ ކަމަށް ވެސް ހުކުމުގައި ބުނެ އެވެ.
އެހެންކަމުން ހެއްކާއި ގަރީނާތަކަށް ބެލި އިރު ފަޔާޒު ތަހުގީގަށް ކަނޑައެޅިގެން ދޮގު މައުލޫމާތު ދީފައިވާ ކަމަށާއި އެއީ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފު ކަމެއް ކަމަށް ޑިސިޕްލިނަރީ ބޯޑުން ކަނޑައަޅާފައިވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.
އެހުރިހާ ކަމަށް ބަލާއިރު ފަޔާޒު ވަޒީފާ އިން ވަކިކުރަން ޕޮލިސް ސާވިސްއިން ނިންމާފައި ވަނީ ރަނގަޅަށް ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ވަނީ ފާސްކޮށްފަ އެވެ.
ފަނޑިޔާރު އަބްދުﷲ ހަމީދު ރިޔާސަރު ބެލެހެއްޓެވި އެ މައްސަލައިގެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަލީ ސަމީރެވެ. ސިވިލް ކޯޓުގެ ހުކުމް ބާތިލު ކުރަން ނިންމި އެ މައްސަލާގައި ތަފާތު ރައުޔެއް ނެރުއްވީ ފަނޑިޔާރު ސަމީރު އެވެ. ފަނޑިޔާރު ރައޫފް އަދި ފަނޑިޔާރު ހަމީދު ނިންމެވީ ހުކުމް ބާތިލު ކުރަން ފެންނަ ކަމަށެވެ.
މާވެޔޮ މިސްކިތް ކައިރި ހުރި އަންހެން ކުއްޖަކު ގަދަކަމުން ކާރަކަށް އަރުވައިގެން ގެންގޮސް ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލާގައި އޭރުގެ ޗީފް އިންސްޕެކްޓަރު ރިޝީފް ތޯހާ ވެސް ވަނީ ޕޮލިހުން ވަކިކޮށްފަ އެވެ. އަދި އިތުރު ފުލުހެއް ވެސް ވަޒީފާ އިން ވަކި ކުރި އެވެ.