ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރާއްޖެ ތަރައްގީކުރުމަށް ފައްޓަވާފައިވާ މަސައްކަތްތަކަށް އެއްބާރުލުން ނުދިނުމަށް ބައެއް ސިޔާސީ ބޭފުޅުން ވިސްނާ ވިސްނުމަކީ ކަނޑައެޅިގެން ގައުމަށް ގެއްލުން ދިނުމުގެ ވިސްނުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ތުހުމަތު ކުރައްވައިފިއެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ބެހެއްޓި ބޮޑީ ސްކޭނިންގް މެޝިންގ އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓަރު ވިދާޅުވީ، އެއާޕޯޓަށް އެކަނި ވެސް ސަރުކާރުން ގެންނަމުންދާ ތަރައްގީއާ ޚަބަރުތަކުގެ އަޑު އެހުމަކީ، "އެއާޕޯޓު އަޅުގަނޑުމެންނަށް ތަރައްގީ ނުކުރެވޭނެއޭ ކިޔާފައި ނުއަގުގައި އެހެން ބަޔަކަށް ދިން" ބަޔަކަށް ފަސޭހަވާނެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރަން ބޭނުންވިޔަސް ރައީސުލްޖުމްހޫރިއްޔާގެ މި މަޝްރޫއުތަކުގެ ތެރެއިން ދިވެހި ޒުވާނުން ބޭނުންވަނީ ވަޒީފާގެ ފުރުސަތުތައް. ރާއްޖެއަށް ބޭނުންވަނީ ވަޒީފާގެ ބާޒާރަށް މުއްސަނދިކަން ގެނެސް، ދިވެހީންނަކީ ފުދުންތެރި، މުސްތަގިއްލު، އަމިއްލަ ކަންކަމުގައި ބަސް ބުނާ ބަޔަކަށް ވާން. މިއީ ޒުވާނުން ބޭނުންވާ ގޮތަކީ،"

ސައީދު ވިދާޅުވީ، މި ވަގުތަކީ ސިޔާސީ ފަރާތްތަކުން ކަންކަމާ ހަސަދަވެރިވާންވީ ވަގުތު ނޫން ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ މުހިންމު މަސައްކަތްތަކަށް "އިތުރު ޝަކުވާއެއް ނެތި، އަތާ އަތް ގުޅާލައިގެން ގައުމުގެ ތަރައްގީއަށް ކުރިޔަށް ދާންވީ" ކަމަށެވެ.

އަދި މި ނޫން ގޮތަކަށް ވިސްނުން ގެންގުޅޭ ސިޔާސީ ވެރީންގެ ވިސްނުން ގެންގުޅޭނީ ކަނޑައެޅުގެން ގައުމަށް ގެއްލުން ދިނުމަށް ވިސްނާ ބަޔަކު ކަމަށް ސައީދު ތުހުމަތު ކުރެއްވިއެވެ.

"މި ނޫން ގޮތަކަށް ސިޔާސީ ވެރިއެއްގެ ވިސްނުން ފަރުމާވެފައިވާ ނަމަ، އެއީ ގައުމަށް ކަނޑައެޅިގެން ގެއްލުން ދިނުމުގެ ވިސްނުން ނޫން ކަމަކަށް ނުވާނެ،" ސައީދު ވިދާޅުވިއެވެ.