ދިވެހިންގެ މަގްބޫލުކަން މިހާރު ހޯދާފައިވާ ފިލްމު "4426"ގެ މޭކިން ޑީވީޑީ ސީޑީ މިރޭ ނެރެފި އެވެ.

އޮލިމްޕަހުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި އެ ސީޑީ ނެރެދެއްވީ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޝާޔަން ޝާހިދެވެ.

އެ ސީޑީ ނެރެދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ޝާޔަން ވިދާޅުވީ، ދިވެހިރާއްޖޭގެ ފިލްމު އިންޑަސްޓްރީގެ ބިރުވެރި ފިލްމު ތަކުގެ ތެރެއިން ނަހުލާގެ "4426" ފިލްމާ އަޅާ ކިޔާލެވޭނެ ފިލްމެއް ނެތްކަމަށާއި، އެ ފިލްމު އެހެން ފިލްމު ތަކަށް ބެންޗު މާކަކަށް ވެގެން ދާނެ ކަމަށެވެ.

އެ ހަފްލާގައި ނަހުލާ ވިދާޅުވީ، އެ ސީޑީން އެ ފިލްމު ހެދުމަށް ކޮށްފައިވާ މަސައްކަތްތައް ފެނިގެންދާނެ ކަމަށެވެ.

"4426" ގެ މޭކިން ސީޑީ ނެރުމުގެ ހަފްލާގައި ނަހުލާ ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

"މޭކިން ސީޑީއިން ފެނިގެންދާނެ އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރި ފަރާތްތައް، ހަމަ ވަރަށް ބުރަ މަސައްކަތްތަކާ އެކު. އަޅުގަނޑުމެން ތިބޭފުޅުންނަށް ޖާދޫ ދައްކާލަން ވެގެން ކޮށްފަ ހުރި މަސައްކަތްތައް،" ނަހުލާ ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވީ، އެހެން ފަހަރު ތަކުގައި ފިލްމުގެ މޭކިން ސީޑީ ނެރެނީ ފިލްމު އެޅުވުމުގެ ކުރިން ކަމަށާއި ނަމަވެސް މިފަހަރު ހުރިހާ ކަމެއް ވެސް ތަފާތުކޮށްލުމަށް ފަހު، މޭކިން ސީޑީ ފިލްމުގެ މެދުތެރެއިން ނެރުނީ ކަމަށެވެ.

މިރޭ އެ ފިލްމުގެ 14 ވަނަ ޝޯ އޮލިމްޕަހުގައި އަޅުވާފައިވާ އިރު، ކުރިއަށް އޮތް ނޮވެމްބަރު 11 އަދި 12 ވަނަ ދުވަހުގެ ރޭގެ ޝޯވެސް ފުލް ވަނީ ފުލް ވެފައެވެ. ނަހުލާ ވިދާޅުވީ، މިހާރު ޓިކެޓް ލިބެން ހުރީ ނޮވެމްބަރު މަހުގެ 13 އަދި 14 ވަނަ ދުވަހުގެ ރޭގެ ޝޯ އަށް ކަމަށެވެ. އަދި އޭގެ އިތުރުން ޝްވެކް ސިނަމާގައި އަޅުވާ ޝޯތައްވެސް ފުލްވެފައިވާ ކަމަށާއި އަދި ލަންކާގައި އަޅުވަން ހަމަޖެއްސި ޝޯތައްވެސް ފުލް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ފިލްމުގެ މޭކިން ސީޑީ އޮލިމްޕަސް ކައުންޓަރުން މިރެއިން ފެށިގެން ލިބެން ހުރި އިރު، ކޮންމެ ފަސް ޓިކެޓަކަށް މޭކިން ސީޑީ އެއް ދޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.