އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގައި ނ. ލަންދޫ ބަލިކޮށް، ބ. އޭދަފުށިން ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ތ. ތިމަރަފުށީގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ދޭއްގެ މެޗުގައި ލަންދޫގެ މައްޗަށް އޭދަފުށި ކުރި ހޯދާފައި ވަނީ 3-1 ލަނޑުންނެވެ.

އެ މެޗުގެ 17 ވަނަ މިނެޓުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދާފައި ވަނީ ލަންދޫންނެވެ. އެ ލަނޑު ލަންދުއަށް ކާމިޔާބުކޮށްދީފައި ވަނީ މުހައްމަދު ނައިޝާން އެވެ. މެޗުގެ 36 ވަނަ މިނެޓުގައި އޭދަފުށްޓަށް ނަތީޖާ ހަމަހަމަކޮށްދީފައި ވަނީ އަޒްމީން އަބްދުލް ސައްތާރެވެ. އެ މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ގްރޫޕް ދޭއްގައި އޭދަފުށްޓާއި ލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އޭދަފުށި މޮޅުވެފައި ވަނީ 3-1 ލަނޑުން --- ފޮޓޯ/ އެފްއޭއެމް

މެޗުގެ 57 ވަނަ މިނެޓުގައި އޭދަފުށްޓަށް ފުރަތަމަ ފަހަރަށް ލީޑު ހޯދައިދިނީ އާދަމް ނިޒާމެވެ. މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް އޭދަފުށްޓަށް ލީޑު ފުޅާކޮށްދިނީ އެ ޓީމުގެ ދެ ވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ނިޒާމެވެ.

އޭދަފުށީގެ އިތުރުން ގްރޫޕް ދޭއްގެ ސެމީގެ ޖާގަ ހޯދާފައިވާ ދެ ވަނަ ޓީމަކީ ތިމަރަފުށްޓެވެ. ގްރޫޕްގައި މިހާތަނަށް އޭދަފުށްޓާއި ތިމަރަފުށި ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓް ހޯދާފައިވެ އެވެ. އެ ގްރޫޕްގައި ދެން ހިމެނޭ ހދ. ހަނިމާދުއާއި ލަންދުއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ގްރޫޕް ދޭއްގެ އެއް ވަނަ އަދި ދެ ވަނަ ޓީމު ކަށަވަރުވާނީ އެ ގްރޫޕްގެ ފަހު މެޗުގައި އޭދަފުށްޓާއި ތިމަރަފުށި ކުޅޭ މެޗަށްފަހު އެވެ. ގްރޫޕް އެކެއްގެ ސެމީގެ ޖާގަތަށް ކަށަވަރުކޮށްފައި ވަނީ އެންމެ ފަހުގެ ޗެމްޕިއަން ސ. ފޭދުއާއި ދ. ކުޑަހުވަދޫއެވެ.