ޕްރީސްކޫލް ނުވަތަ ޅަފަތުގެ ތައުލީމަކީ މަދުރަސީ ތަޢުލީމުގެ ޕްރައިމަރީ މަރުހަލާގެ ކުރިން ދަރިވަރުން ރަސްމީ ތައުލީމަށް ތައްޔާރުކުރުމަށް ދެވޭ ދެ އަހަރު ދުވަހުގެ ތަޢުލީމެކެވެ. އެލްކޭޖީއާއި ޔޫކޭޖީގެ މައްޗަށް ބެހިގެންވާ އެ ތައުލީމީ ދެ އަހަރުގައި ކިޔަވާނީ އުމުރުން ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނެވެ.

ދަރިވަރުންގެ ޖިސްމާނީ، ނަފްސާނީ، އިޖްތިމާއީ އަދި ބުއްދީގެ ތަރައްގީއަށް ޅަފަތަކީ ވަރަށް މުހިއްމު އުމުރު ފުރައެކެވެ. އެހެންކަމުން ކުދީންގެ އުމުރުން މި މުހިއްމު ދުވަސްވަރަކީ އެކުދީންނަށް ހެޔޮގޮތުގައި އަޅާލެވި ރަނގަޅު ތަރުބިއްޔަތަކާއި ކިޔެވުމުގެ ތަޖުރިބާތަކެއް ކޮންމެހެން ލިއްބައިދިނުން މުހިއްމު އަހަރުތަކެކެވެ.

ވޭތުވެދިޔަ ތަނުގައި ރާއްޖޭގައި ޕްރީސްކޫލު ތަޢުލީމު ފޯރުކޮށްދީފައިވަނީ ތައުލީމުގެ ނިޒާމުގެ ބޭރުން ނުރަސްމީކޮށެވެ. ރައްޔިތުން އިސް ނަގައިގެން ބެލެނިވެރިން އަތުން ފީނަގައިގެން ހިންގާ ޙަރަކާތެއްގެ ގޮތުގައެވެ. ނަމަވެސް 2007 ވަނަ އަހަރު ތައުލީމީ ވުޒާރާއިން އެކުލަވާލި ގަވާއިދެއްގެ ދަށުން އަތޮޅުތެރޭގެ ރަށްރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ ޕްރީސްކޫލްތަކުގައި ކިޔަވައިދެއްވާ މުދައްރިސުންނަށް އުޖޫރަދިނުމަށް ސަރުކާރުން ފައިސާގެ އެހީއެއް ދޭން ނިންމިއެވެ.

އެ އުސޫލު އަލުން މުރާޖައާކޮށް 2009 ވަނަ އަހަރުން ފެށިގެން ޕްރީސްކޫލް މުދައްރިސުންނަށް އުޖޫރަ ދިނުމަށް ދެވޭ އެހީގެ އިތުރުން ސްކޫލްގެ އިދާރީ ހިންގުމަށް ވެސް ސަރުކާރުން އެހީ ދޭން ފެށިއެވެ. އޭގެ އިތުރުން ޕްރީސްކޫލް ތައުލީމު ފުޅާކޮށް ތަރައްގީ ކުރުމުގެގޮތުން ސްކޫލްތަކުގެ އުމްރާނީ ތަރައްގީ އަށާއި ވަސީލަތްތައް ހޯދުމަށް އަހަރަކު ގިނަވެގެން އެއް މިލިޔަން ރުފިޔާގެ އެހީގެ ތެރެއިން ވަކި އަދަދެއް، އެކަމަށް އެދި ހުށަހަޅައި ސްކޫލްތަކުގެ ތެރެއިން ކަނޑައެޅޭ ވަކި އަދަދެއްގެ ސްކޫލްތަކަށް ދެމުން ގެންދިޔައެވެ.

އޭގެ ފަހުން 2010 ވަނަ އަހަރު ތަންފީޒު ކުރަން ފެށި ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކުން ޕްރިސްކޫލްގެ ޚިދުމަތްތައް ދޭން ވާނެކަމަށް ބަޔާންކޮށްފައިވާތީ، ބައެއް ރަށު ކައުންސިލްތަކުން އެ ރަށްތަކުގައި ހުރި ޕްރީ ސްކޫލްތައް ހިންގަން ފެށިއެވެ. ނަމަވެސް 2012، ޖަނަވަރީ، ހަތަރަކުން ފެށިގެން ޕްރީސްކޫލް ހިންގުމުގެ ގާނޫނު ތަންފީޒުކޮށް އޭގެ ދަށުން ހަދަންޖެހޭ ޕްރީސްކޫލް ހިންގުމުގެ ގަވާއިދު އެކުލަވާލައި 2013 ޖަނަވަރީ ދޭކުން ފެށިގެން އެގަވާއިދަށް އަމަލުކުރަން ފެށުނެވެ.

ތައުލީމީ ދާއިރާއަށް މިހާރު މި އަންނަމުންދާ ބަދަލުތައް އަންނަން ފަށާފައިވަނީ 2013 ވަނަ އަހަރުން ފެށިގެން ތަންފީޒު ކުރަމުން މިދާ ތައުލީމުގެ ސިޔާސަތުގެ ތެރެއިން، ރާއްޖޭގެ ސްކޫލް ތައުލީމުގެ މަރުހަލާތައް މުރާޖާކޮށް އެންމެ ކުއްޖަކު ވެސް ބާކީ ނުކުރުމަށް ކުރެވުނު މަސައްކަތުންނެވެ.

އެގޮތުން ޕްރީސްކޫލުން ފެށިގެން ގްރޭޑް 10 ނިމެންދެން އެއީ ރާއްޖޭގެ ސްކޫލު ތަޢުލީމުގެ "މަޖުބޫރު" ބައި ކަމަށް ކަނޑައަޅައި، އުމުރުން 18 އަހަރު ވަންދެން ނުވަތަ ގްރޭޑް 10ގެ ތައުލީމަށްފަހު އިތުރު ދެ އަހަރުގެ ސްކޫލު ތައުލީމު ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ހިލޭ ފޯރުކޮށްދޭން ފެށިއެވެ. އެއާއެކު ކުރިން ކައުންސިލުތަކުން ޕްރީ ސްކޫލު ޓީޗަރުންނަށް ދެމުން ގެންދިޔަ މުސާރައާއި އިނާޔަތްތައް ތައުލީމީ ވުޒާރާއަށް ދޭގޮތަށް ސޯޝަލް ކައުންސިލުން ހަމަޖެއްސެވީއެވެ. އަދި 2015 ވަނަ އަހަރު ސަރުކާރުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް ޕްރީ ސްކޫލު ތައުލީމު ފޯރުކޮށްދިނުމުގެ ޒިންމާ ކައުންސިލުތަކުގެ ދަށުން އެޑިޔުކޭޝަން މިނިސްޓްރީގެ ދަށަށް މިހިނގާ އަހަރު ބަދަލުކުރިއެވެ. އެ ބަދަލާއެކު މާލެ ސިޓީއާއި އައްޑޫ ސިޓީ ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ ކަންކޮޅުތަކެއްގައި ގާއިމުވެފައިވާ ސަރުކާރުގެ ސްކޫލުތަކުން ޕްރީސްކޫލު ތައުލީމު ކުދިންނަށް ހިލޭ ތައުލީމް ފޯރުކޮށްދޭން ފެށިއެވެ.

ތައުލީމީ ވުޒާރާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 2014 ވަނަ އަހަރާ ހަމައަށް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޕްރީ ސްކޫލެއް ހުރެއެވެ. މާލެއާއި އަތޮޅުތަކުގައި 240 ޕްރީ ސްކޫލް ހިންގަމުންދިޔައެވެ. އަދި މާޗް 2015 އިން ފެށިގެން ޕްރީ ސްކޫލް ތައުލީމަށް ތައުލީމީ ވުޒާރާގެ ބަޖެޓުން މިހާތަނަށް -/000 000 183 ރުފިޔާ ހަރަދު ކޮށްފައިވެއެވެ.

ރާއްޖޭގެ ޕްރީ ސްކޫލް ތައުލީމަށް މިއަދަކީ ވެސް މުހިއްމު ދުވަހެކެވެ. ތައުލީމީ ވުޒާރާއިން ރޭ ބޭއްވި ރަސްމިއްޔާތުގައި ޕްރީ ސްކޫލް ތައުލީމަކީ ރަސްމީ ތައުލީމުގެ ބައެއްގެ ގޮތުގައި ކަނޑައަޅައި، ރާއްޖޭގެ ހުރިހާ ޕްރީ ސްކޫލެއްގައި ހިލޭ ކިޔަވައިދިނުމަށް ސަރުކާރުން މިވަނީ ނިންމަވާފައެވެ. އެގޮތުން، ކުރިން ޕްރީ ސްކޫލް ތައުލީމު ހިލޭ ނުކޮށްދެވި އޮތް މާލެއާއި އައްޑޫ ސިޓީގެ ޕްރީސްކޫލު ތައުލީމު ހިލޭ ކޮށްދީ، 2017 ވަނަ އަހަރުގެ ދިރާސީ އާ އަހަރާއެކު ޕްރީ ސްކޫލް ހިލޭ ތައުލީމު ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ފޯރުކޮށްދޭނެއެވެ.

އެންމެ ކުއްޖަކުވެސް ބާކީ ނުކޮށް، މުޅި ރާއްޖެއަށް ޕްރީސްކޫލް ތައުލީމު ހިލޭ ފޯރުކޮށްދިނުން ރަސްމީކޮށް އިފްތިތާހުކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ތައުލީމާބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، މިބަދަލާއެކު ޕްރީސްކޫލުގެ ޕްރޮގްރާމްތަކަކީ ގާބިލް ޕްރިންސިޕަލަކާއި މެނޭޖްމެންޓް ޓީމެއްގެ ބެލުމުގެ ދަށުން ހިނގާ ޕްރޮގްރާމްތަކަކަށް ވާނެ ކަމަށެވެ. އަދި ކިޔަވައިދިނުން ގަވާއިދުން ސުޕަވައިޒްކޮށް ޓީޗަރުންނަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށާއި ކުދިންނަށް ކުޅިވަރާއި ހަރަކާތްތެރިވުމުގެ ތެރެއިން އުފަލާއެކު އުނގެނޭނެ އެކަށީގެންވާ މާހައުލެއްގައި ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ސްކޫލުގެ އެހެން ދަރިވަރުންނާ އެއްފަދައިން ކިޔެވުމަށް ބޭނުންވާ ތަކެތި ސަރުކާރުން ފޯރުކޮށްދީ ސްކޫލު ފީއަކާ ނުލައި ދަރިވަރުންނަށް ހިލޭ ކިޔެވޭނެގޮތް ހަމަޖެހިގެންދާނެ. މިއާއެކު ބެލެނިވެރިންގެ ޖީބަށް ލުޔެއް ލިބި ދަރިންގެ އެހެން ޒަރޫރީ ބޭނުންތަކަށް ހޭދަކުރުމަށް ފައިސާ ސަލާމަތްކުރެވޭނެ. ޕްރީސްކޫލްތަކަށް ކިޔަވައިދެއްވާ ޓީޗަރުންނަކީ ސަރުކާރު ސްކޫލްތަކުގެ އެހެން ޓީޗަރުންފަދައި ޑިގްރީ ފެންވަރަށް ކިޔަވިފައިވާ، ތުއްތުކުދިންނަށް ކިޔަވައިދިނުމުމުގެ ހާއްސަ ފަންނުވެރި ގާބިލު ބަޔަކަށްވުމުގެ ފުރުސަތު ހުޅުވިގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.

ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، ސަރުކާރުން ރާއްޖޭގެ ޕްރީ ސްކޫލް ތައުލީމު މަޖުބޫރުކުރުމަކީ ރާއްޖެއަށް ވެސް ލިބިގެންދިޔަ ފަހުރެއް ކަމަށެވެ. އެގޮތުން، ރާއްޖެ އަކީ ވޯލްޑް އެޑިއުކޭޝަން އެޖެންޑާގައި ކަނޑައަޅާފައިވާ ޕްރީ ސްކޫލް ތައުލީމް ކަށަވަރުކުރި މި ސަރަހައްދުގެ ފުރަތަމަ ގައުމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ވޯލްޑް އެޑިއުކޭޝަން އެޖެންޑާ އަކީ ދުނިޔޭގެ ގައުމުތަކުން 2000 ވަނަ އަހަރު ކަނޑައެޅި މިލޭނިއަމް ޑިވެލޮޕްމަންޓް ގޯލްތަކުގައި ހިމެނޭ އެޑިއުކޭޝަން ބައިތަކާއި އެޑިއުކޭޝަން ފޯ އޯލްގެ ގޯލްތައް 2015ގެ ޓާގެޓް ހަމަވިއިރު ހާސިލު ނުވެ ހުރި ބައިތައް ހިމަނައިގެން 2030 ވަނަ އަހަރަށް ޓާގެޓްކޮށް ކަނޑައެޅި އަމާޒުތަކެކެވެ. އެ އެޖެންޑާގައި ހިމެނޭ ބައިތަކުގެ ތެރޭގައި މަދުވެގެން ޕްރީ ސްކޫލް މަރުހަލާގެ އެއް އަހަރުގެ މަޖުބޫރު ތައުލީމު ހުރިހާ ކުދިންނަށް ހިލޭ ފޯރުކޮށް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

"އަޅުގަނޑުމެން މި ކުޑަކުޑަ ދިވެހިރާއްޖޭން ﷲ އިރާދަފުޅާއެކު މިވަނީ ކުރިޔަށްއޮތް 15 އަހަރުގެ ޕްލޭން ފެށުމުގެ ކުރިން، އެއް އަހަރެއް ނޫން ދެއަހަރުގެ ޕްރީސްކޫލްގެ ފުރުސަތު ތުއްތުކުދީންނަށް ކަށަވަރުކޮށްދީފައި،" ތައުލީމާބެހޭ ވަޒީރު ވިދާޅުވިއެވެ.