03 Nov 2016, 10:10
ސުޕަސްޓާރު ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު 'ޓިއުބްލައިޓް' ގައި ބޮލީވުޑްގެ ރަސްގެފާނު ޝާހު ރުކް ޚާންގެ ޚާއްސަ ފެނިލުމެއް ހިމެނުމަށް ފިލްމު އުފައްދާ ފަރާތުން މަސައްކަތް ކުރަމުން އަންނަ ކަމަށް ޚަބަރުތައް ބުނެފި އެވެ.
އިންޑިއާ ނޫސްތައް ބުނާ ގޮތުން، އެ ފިލްމުގެ ރޯލެއް މިހާރު ވަނީ ޝާހު އަށް ހުށަހަޅައިފަ އެވެ. އެ ރޯލު ކުރިން ހުށަހެޅީ ކުރީގެ އެކްޓަރު ޝަތުރުގަން ސިންހާ އަށެވެ.
އެ ރޯލަށް ޝާހު އެއްބަސް ވެއްޖެ ނަމަ، އެއީ ދެ ފަންނާނުންގެ ސަޕޯޓަރުން ކުރަމުން އަންނަ ދިގު އިންތިޒާރެއްގެ ނިމުމަށް ވެގެންދާނެ އެވެ. މުރިން އެންމެ ގާތް އެކުވެރިންގެ ގޮތުގައި ތިބި ދެތަރިންގެ ދެމެދުގައި ޖެހުނު މައްސަލަ އަކަށް ފަހު، އަލުން ގުޅުން ރަނގަޅު ވާނެ ފެށީ މީގެ މަދު އަހަރުތަކެއް ކުރިންނެވެ.
އެންމެ ފަހުން ސަލްމާން އާއި ޝާހު އެކުގައި ފެނިގެން ދިޔައީ 2007 ވަނަ އަހަރު ނުކުތް ފިލްމު 'އޯމް ޝާންތީ އޯމް' އިންނެވެ. އެ ފިލްމުގެ ލަވައަކުން ސަލްމާން ފެނިގެން ދިޔަ އެވެ. އޭގެ ފަހުން މިދިޔަ އަހަރު ދެ މީހުން އެކުގައި ސަލްމާންގެ ޝޯވ 'ބިގް ބޮސް 9' އިން ފެނުނު ނަމަވެސް ދެމީހުން ބޮޑު ސްކްރީން އިން އެކުގައި ނުފެންނަތާ މިހާރު ވަނީ ނުވަ އަހަރު ވެފަ އެވެ.
ދެމީހުންގެ ދޭތެރޭގައި މައްސަލަ ޖެހުމުގެ ކުރިން 'ކަރަން އަރްޖުން'، 'ކުޗް ކުޗް ހޯތާ ހޭ'، 'ހަރް ދިލް ޖޯ ޕިޔާރް ކަރޭގާ'، ފަދަ ކާމިޔާބު ފިލްމުތަކުގައި އެކުގައި މަސައްކަތް ކޮށްފައިވެ އެވެ.
ކަބީރް ޚާން ޑައިރެކްޓު ކުރާ 'ޓިއުބްލައިޓް' ގެ ޝޫޓިން މިހާރު ކުރިއަށް ދާއިރު، އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އީދާ ދިމާކޮށެވެ.
އެއީ 1962 ވަނަ އަހަރު އިންޑިއާ އާއި ޗައިނާ އާދެމެދު ކުރެވުނު ހަނގުރާމައިގެ މައްޗަށް އުފައްދާ ފިލްމެކެވެ.