03 Nov 2016, 18:36
ޕީޕީއެމްގެ އޮފީސް ހިންގި އިމާރާތައް މިއަދު ކަޅުތެޔޮޖެހީ އެ ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ތާއީދު ކުރާ ބައެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.
މިއަދު ދަރުބާރުގޭގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަލީ އާރިފް ވިދާޅުވީ ޕީޕީއެމްގެ އޮފީސް ކުރިން ހިންގި ހ. ތެމާ އަށް މިއަދު ކަޅުތެޔޮ ޖަހާފައި ވަނީ ހަމްދަރުދީ ހޯދުމުގެ ގޮތުން ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް އެ ހަމްދަރުދީއެއް ނުލިބޭނެ ކަމަށެވެ.
"ދިވެހިރައްޔިތުން މިހާރު ތިބީ ސިޔާސީ ގޮތުން ވެސް ތަސައްރަފް ފުދުފައޭ. އެ ހަމްދަރުދީ ލިބިދާނެ ކަމަށް ނޫނީ ރައީސް މައުމޫނަށް ލޯބިކުރާ ނުވަތަ ތާއީދު ކުރާ ކަމަށް ބުނާ ބަޔަކު ކުރާ ކަމެއް ކަމަށް ވީނަމަވެސް އެ ވެދާނެ ބަޔަލު އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ޕާޓީގެ ބަޔަކު ޖައްސަން ކުރާ ކަމަކަށް ވެސް،" އާާރިފް ވިދާޅުވިއެވެ.
ޕީޕީއެމްގެ ރައީސްގެ އޮފީސްގެ ނަމުގައި ހ. ތެމާގައި އޮފީހެއް ހުޅުވުމުގެ މަސައްކަތް ރައީސް މައުމޫންގެ ފެކްޝަނުން އަންނަނީ ކުރަމުންނެވެ. އެ އިމާރާތް މިހާރު ކުއްޔަށްދީފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޔުމްނާ މައުމޫނަށެވެ.
ރައީސް މައުމޫން ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ އެ އިމާރާތް މިއަދު ހުޅުވީ ހެނދުނު 10:30 ގައި ކަމަށާއި އެއިރު ކަޅުތެޔޮ ޖަހާފައި ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ ކަޅުތެޔޮ ޖެހި ކަމުގެ މައުލޫމާތު ލިބުނީ އޮފީސް ހުޅުވުމަށް ބޭނުންވާ ބައެއް ސާމާނު ގަތުމަށް ގޮސްތިއްބައި ކަމަށާއި ކަޅުތެޔޮ ޖަހާފައި ވަނީ 11:00 ގެ ފަހުން ކަމަށެވެ.
ރައީސް މައުމޫންގެ ފެކްޝަނުން މިހާރު ވަނީ ފުލުހުންނަށް އެ މައްސަލަ ހުށަހަޅާފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުން ކަމަށެވެ.