ވޮޝިންޓަން(އޮކްޓޯބަރ 5): އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުން ފެށެން ހަ ދުވަހަށް ވެފައިވާއިރު ހިލަރީ ކްލިންޓަނާއި ޑޮނަލްޑް ޓްރަމްޕްގެ ދެމެދުގައިވާ އާންމުންގެ މަގްބޫލުކަމުގެ ފަރަގު ތިން އިންސައްތައަށް ކުޑަވެއްޖެއެވެ.

ވޮޝިންޓަން ޕޯސްޓާއި އޭބީސީ ގުޅިގެން އެންމެފަހުން ނެގި އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ ދައްކާގޮތުން ހިލަރީއަށް އާންމުންގެ ތާއީދު 47 އިންސައްތައިގައި އުޅޭއިރު ޓްރަމްޕުގެ ތާއީދު އުޅެނީ 44 އިންސައްތައިގައެވެ. މީގެކުރިން ނެގި ސާވޭތަކުގެ ނަތީޖާ ދައްކާގޮތުން ޓްރަމްޕް އުޅެނީ ހިލަރީއަށްވުރެ ހަ ޕޮއިންޓް އާއި ފަސް ޕޮއިންޓް ދަށުގައެވެ. ނަމަވެސް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުން ފެށެން ހަ ދުވަހަށް ވެފައިވަނިކޮށް ނެގި އާންމުންގެ ޚިޔާލު ހޯދުމުގެ މި ވޯޓުގެ ނަތީޖާ ދައްކާގޮތުން ޓްރަމްޕް ވަނީ މިފަރަގު ތިން އިންސައްތައަށް ކުޑަކޮށްފައެވެ.

ދެބޭފުޅުންގެ ދެމެދުގައިވާ ފަރަގު އަދިވެސް ކުޑަވާނެކަމަށާއި ފަރަގު ކުޑަވުމުގެ ފަހަތުގައިވާ މައިގަނޑު ދެ ސަބަބަކީ އެމެރިކާގެ ރަސްމީ މުއައްސަސާތަކާއި ސަރުކާރު ހިލަރީ ކޮޅަށް މާބޮޑަށް ޖެހިފައިވާކަމުގެ އިހްސާސް އެމެރިކާގެ އާންމުން ކުރަން ފެށުމާ އަދި އެމެރިކާގެ ގައުމީ ސަލާމަތާބެހޭ ކަންކަމުގައި ހިލަރީގެ އަމިއްލަ އީ މެއިލްގެ ބޭނުން ކުރެއްވި މައްސަލަ އެފްބީއައިއިން އަލުން ބަލަން ފެށުން ހިމެނެއެވެ.

އެމެރިކާއަކީ ޑިމޮކްރެޓިކް ނިޒާމެއް ނަމަވެސް އެއީ ވަރަށް ފާޑެއްގެ ޑިމޮކްރަސީއެއް އޮންނަ ގައުމެކެވެ. އެމެރިކާގެ ޑިމޮކްރަސީގެ މަލަމަތި ރީތިކޮށް ފެންނަން ހުރިނަމަވެސް އެމެރިކާގެ ވެރިކަމުގެ ނިޒާމުގެ ހުރިހާ ކަމެއް އެންމެ ފުނުން ކޮންޓްރޯލް ކުރަނީ ބޮޑެތި ކުންފުނިތަކާއި ބޭންކްތަކާއި ވޯލްސްޓްރީޓް ފަދަ މާލީ މުއައްސަސާތަކާއި ޔަހޫދީންގެ ލޮބީ ގްރޫޕްތަކާއި ޖާސޫސީ އިދާރާތަކުންނެވެ. އެހެންކަމުން މިފަރާތްތަކުގެ މަސްލަހަތާ ދެކޮޅަށް މަސައްކަތްކުރާނެ ކަމަށް ބެލެވޭ އެއްވެސް ބޭފުޅަކު އެމެރިކާގެ ރައީސްކަމަށް އިންތިޚާބު ވުމަކީ މުސްތަހީލް ކަމެކެވެ.

ފެންނަން ހުރި ހަގީގަތްތަކަށް ބަލާއިރު އެމެރިކާގެ ނިޒާމު އެންމެ ފުނުން ކޮންޓްރޯލް ކުރާ ބޮޑެތި ކުންފުނިތަކާއި ބޭންކްތަކާއި ވޯލްސްޓްރީޓް ފަދަ މާލީ މުއައްސަސާތަކާއި ޔަހޫދީ ގްރޫޕްތަކާއި ޖާސޫސީ އިދާރާތަކުގެ ތާއީދު އޮތީ ހިލަރީއަށެވެ. ޓްރަމްޕަކީ އެފަރާތްތަކުގެ އިތުބާރުނެތް ބޭފުޅަކަށްވެފައި އޭނާ ވެރިކަމަށް އިންތިޚާބުވެއްޖެނަމަ މިދެންނެވި ފަރާތްތަކުގެ ފަހަތުގައި ތިބޭ އެލީޓުންގެ އަމިއްލަ މަސްލަހަތަށް ބުރޫއަރާފާނެ ކަމަށް ބެލެވޭތީ، ޚިޔާލު ހޯދުމުގެ ސާވޭން ޓްރަމްޕް ކުރީގައި އުޅުނުނަމަވެސް ޓްރަމްޕް، އެމެރިކާގެ ރައީސްކަމަށް އިންތިޚާބު ވުމަކީ ނާދިރު ކަމެކެވެ. ނަމަވެސް އެމެރިކާގެ ޒުވާނުންނާއި މެދުފަންތީގެ މީހުންނާއި ފަގީރުންގެ ތާއީދު ބޮޑީ ޓްރަމްޕަށްކަން ވަނީ ސާވޭތަކުން ހާމަވެފައެވެ.

އެމެރިކާގެ މިދެންނެވި މުއައްސަސާތަކުގެ ނުފޫޒުން އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލާނެ ކަމަށް ޓްރަމްޕަށް ތާއީދުކުރާ ފަރާތްތައް ދެކޭއިރު އެމެރިކާގެ ރައްޔިތުންގެ ގިނަ ބަޔަކު ރިޔާސީ އިންތިޚާބުގެ ނިޒާމު ދެކެ ފޫހިވެފައިވާކަންވެސް ވޮޝިންޓަން ޕޯސްޓާއި އޭބީސީ ގުޅިގެން އެންމެފަހުން ނެގި އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއިން ހާމަވެފައިވެއެވެ. މިގޮތުން ޚިޔާލު ހޯދި އެމެރިކާގެ ކޮންމެ 10 މީހުންގެ ތެރެއިން އަށް މީހުން އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނިޒާމު ދެކެ ފޫހިވެފައިވާކަން މިނަތީޖާއިން ވަނީ ހާމަވެފައެވެ. (އަލްޖަޒީރާ)