06 Nov 2016, 09:18
"އަޅުގަޑަކީ ކުށްވެރިއެއް ނޫން، ނޮވެމްބަރު ތިނެއްގެ ޖަލްސާ ބޭއްވި އިރު ވެސް ދައުވަތު ދިނީއެއް ނޫން. ކޮބާތޯ އަޅުގަނޑުމެން މިގައުމަށް ގުރުބާނީގެ އަގުވަޒަންކޮށްފައި، އަނބިދަރިން ވެސް ތިބި، އެކަމަކު ގައުމަށް ޓަކައި ގުރުބާންވީ،" ތިނެއް ނޮވެމްބަރު އުދުވާނީ ހަމަލާއިން ރާއްޖެއިން ސަލާމަތް ކުރުމަށް އެންމެ ބޮޑު އެއް ދައުރު އަދާކުރި ސިފައިންގެ ބޭފުޅަކު އަސަރާ އެކު ވިދާޅުވި އެވެ.
ދުޝްމަނުންގެ ކިބައިން ރާއްޖެ ސަލާމަތް ކުރުމަށް ޖާނުންފިދާވި ފަރާތްތަކަށް މަގާމުގެ ކުރިއެރުންތައް ދިނެވެ. ޝަހީދުންގެ އާއިލާތަކަށް ދިރިއުޅެވޭނެ އުސޫލުތައް ހަމަޖައްސައިދިނެވެ. އަގުވަޒަން ކުރުމަށް ޝަރަފުތައް އެރުވި އެވެ. އަދި އަސްކަރިއްޔާ ދާއިރާއިން ފުރުސަތުތައް ދިނެވެ. ތައުލީމާއި ތަޖުރިބާ ހޯދުމަށް ފުރުސަތު ދިނެވެ. އެއީ އެ ދުވަހެވެ.
އެގުރުބާނީއަށް މިހާރު 28 އަހަރުވެފައިވާ އިރު އެ ދުވަހު ރާއްޖެ ސަލާމަތް ކުރުމަށް އިސްސަފުގައި ގުރުބާންވި ފަރާތްތައް މިއަދު ތިއްބެވީ އަސްކަރިއްޔާ ދާއިރާއިން ދުރުގަ އެވެ. ގިނަ ބޭފުޅުން ރިޓަޔާވީ އެވެ. އަނެއް ބައި ބޭފުޅުން އެކިއެކި ކަންކަމުގައި ސިފައިންގެ ދޫކޮށް ނުކުތީ އެވެ.

ބާޣީން ސިފަންގޭ ތެރެއަށް ވަނުމަށް، ސިފައިންގެ ފާރު ގޮއްވާލައިގެން ކަނޑާފައިވާ ބާގަނޑު. މިހާރު ނަސްރުގެ ބިނާ ގާއިމުކޮށްފައި ހުންނަނީ މިތާގައި --
ނަސްރުގެ ދުވަސް މިއަދު ފާހަގަ ކުރެވެނީ އެ މީހުންގެ ބުރަ މަސައްކަތުގެ ސަބަބުންނެވެ. މިނިވަން ދުވަސް ފާހަގަ ކުރެވެނީ އިބްރާހިމް ނާސިރު ފަދަ ހިދުމަތްތެރިންގެ ސަބަބުންނެވެ. އެ ދުވަހު އެ ޖިހާދު ނުވިނަމަ މިއަދު މިހެން ނޫޅެވުނީހެވެ. ނަމަވެސް އެ ފަރާތްތަކުގެ ހިތާމައަކީ މިއަދުގެ މުޖުތަމައު އެކަންކަން އަގު ވަޒަން ނުކުރުމެވެ. ހަމައެއާ އެކު އެކަން ފާހަގަކުރަން ބާއްވާ ޖަލްސާއަށް ދައުވަތު ވެސް ނުދޭތީ އެވެ.
"އަޅުގަނޑު މިގައުމަށް ޓަކައިވި ގުރުބާނީގެ ވާހަކަ ދައްކާނެ މީހަކު ނެތް، މިއަދު ކުދިންނަކަށް ނޭނގޭނެ އެ އިސުހާސެއް، އެބިރުވެރިކަމެއް ވެސް، އެނުރައްކާތެރިކަމެއް ވެސް އެ ހާދިސާގެ ކަންތައްގަނޑެއް، އިހުސާސެއް ވެސް ނުވާނެ، ބަޑިޖަހާތަން ފެނުނު މީހަކަށް ބަޑިޖެހީމަ އެވާގޮތެއް،" އަގުހުރި ހިދުމަތްތެރިއަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރު އަދުނާން މުހައްމަދު ވިދާޅުވީ ސިފައިން ފާހަގަކުރާ ގައުމީ ދުވަސްދުވަހަށް ވަރަށް އިސްކަމެއްދީގެން ރިޓަޔާ ކުރައްވާފައިވާ ފަރާތްތަކަށް ދައުވަތު ދެމުން އަންނަ ކަމަށެވެ. އަދި ސިފައިންގެ އެކިއެކި ތަމްރީނުތައް ފަދަ ކަންކަމުގެ ތެރެއިން ހިދުމަތްތެރިންގެ މިސާލުން މިސާލު ދައްކައި އެފަރާތްތަކުގެ އަގު ވަޒަން ކުރާ ކަމަށެވެ.

ރާއްޖޭގެ މިނިވަން ކަމަށް ރައީސް ނާސިރު ކުރެއްވި މަސައްކަތް ސިފަކޮށްދޭ ކުރެހުމެއް-- ސަން ފޮޓޯ/ އައްދު
ކުޑަކުއްޖެެއްގެ ކައިރިން ވާން ބޭނުން ވަނީ ކާކަށްހޭ އަހައިފި ނަމަ މުޅިން ވެސް ނަމޫނާއަކަށް ބެލިފައި އޮންނަނީ ކާޓޫން ކެރެކްޓާތަކާއި ކުޅިވަރު ކުޅުންތެރިންނާއި ފިލްމު ކުޅޭ ތަރިންނެވެ. ވާނީވެސް އެހެންތާއެވެ. މިނިވަން ދުވަހުގެ ނަމޫނާއަކަށް ފުޅަނދުތަކުންވެސް ދައްކަނީ ކާޓޫނެވެ. މިއީ މިއަދު މި ގައުމުގެ ފަރުދުންގެ ހާލަތެވެ.
އަވަށްޓެރި އިންޑިއާގެ އެންމެ ތުއްތު ކުއްޖާއިން ފެށިގެން އެންމެ ދުވަސްވީ މީހާގެ "ހީރޯ" އަކީ މަހާތުމާ ގާންދީ އެވެ. ދެން ޝަހީދުވި ބަތަލުންނެވެ. ދުނިޔޭގެ އެހެން ގިނަ ގައުމުތަކުގައި ވެސް އެކަން އޮތީ އެހެނެވެ. އެ މީހުން އެންމެ ލޯބި ކުރާނީ އަދި އިބުރަތް ލިބިގަންނާނީ އެ ގައުމުތަކުގެ ބަތަލުންގެ ކިބައިންނެވެ. އެކަމަކު އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ އެއާ އިދިކޮޅެވެ.
ރާއްޖެއަށް ބަލާއިރު ބަތަލުންނާއި ހިސާބުން ފެށިގެން ވެރިންނާއި ހިދުމަތްތެރިންނާއި ހިސާބަށް ބަލާ އިރު ވެސް އަގުވަޒަން ކުރެވޭތަނެއް ނުފެނެ އެވެ. ކޮންމެވެސް ވަނަމަކުން ނަމެއް ކިޔައި ކޮންމެ ވެސް ހަޖޫއެއްޖެހުމަކީ އާންމު ކަމެކެވެ. އޭގެ އެއް މިސާލަކީ ތިނެއް ނޮވެމްބަރު ހާދިސާގައި ދިވެހި ސިފައިން ކުރެއްވި މަސައްކަތް އަގުވަޒަންނުކޮށް ސިފައިންނަކީ ފިނޑިބައެއްކަން ހާމަކުރުމަށް ތަކުރާރުކޮށް ދައްކާ ވާހަކަތަކެވެ.
ނަމަވެސް ކަންއޮތީ އެހެނެއް ނޫނެވެ. ޝަހީދު ހުސެއިން އާދަމަށް ވެސް ފިލެން އޮއްވައި ޖާނުން ފިދާވީ ގައުމަށްޓަަކަ އެވެ. އަދި ޖަހަޖަހާ ހުރި ބަޑިތަކުގެ ކުރިމަތިން ދިހަ ސިފައިން ނުކުތީ އެނބުރި އަންނާނެކަމުގެ ޔަގީންކަން ނެތި ވަދާއުގެ ސަލާމް ކުރުމަށްފަ އެވެ. އޭގެ ތެރެއިން ތިން ބޭފުޅުން ވަނީ ޝަހީދުވެފަ އެވެ.
27، ޖުލައި 2016: މިނިވަނ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބެއްވި ފުޅަދު ބުރުގެ ތެރެއިން---- ސަން ފޮޓޯ/މުހައްމަދު އަފްރާހް
ސިފައިންގޭ ބަޑޭރި ގޭޓަށާއި ފުލުސް އޮފީހަށާއި ބާގަނޑު ގޮއްވާލި ސަރަހައްދުން އެއް ފަހަރާ ތިން ސަރަހައްދުން ހަމަލާދިން އިރު ތައްޔާރީތަކެއް ވެފައި ނެތް ނަމަ ދުޝްމަނުންނަށް ވަދެވުނީހެވެ.
"ސިފައިން މަގުތަކަށް ނުކުތުމުގެ ސަބަބުން ދުޝްމަނާއި ކުރިމަތިލާ ހަނގުރާމަ ކުރުމުގެ ސަބަބުން އެ މީހުން ފަހަތަށް ޖައްސައި އެމީހުން ފިލައިގެން ދާން އެމީހުންގެ ހިތަށް ބިރުވެރިކަން ވަނީ އަޅުގަނޑުމެން ނުކުތީމައޭ، އެކަމުގެ ސަބަބުން ކިތައް މީހުންތޯ މަރުނުވެ އެދިޔައީ،" އެދުވަހުގެ ހިދުމަތްތެރި ސިފައިންގެ ބޭފުޅަކު ވިދާޅުވި އެވެ.
މިގައުމަށް މިނިވަންކަން ލިބި ހަމަނޭވާ ލެވެނީ އެތައް ބައެއްގެ ގުރޫބާނީތަކެއްގެ ސަބަބުންނެވެ. ގައުމަށް ޓަކައި ޖިހާދުވި ފަރާތްތަކުގެ އަގުވަޒަން ނުކުރެވޭއިރު އެކަންކަން އިހުސާސް ކުރެވޭ މީހަކު ވެސް މަދެވެ. ދުވަހުން ދުވަހަށް އެ އަދަދު ދަނީ ދަށަށެވެ. ބަތަލުންނާއި މެދު ފަހުރުވެރި ނުވެވޭ ނަމަ އެފަދަ ބަތަލުން އުފެދުމުގެ ފުރުސަތު ކުޑަވެގެން ދެ އެވެ.
ތާރީޚު ދިރާސާ ކުރާ އަދި އަދަބީ ދާއިރާގައި ހަރަކާތްތެރިވާ އާދަމް ނަސީރު އިބްރާހިމް ވިދާޅުވި ގޮތުގައި ދިވެހި ބަތަލުން ދެކެ ޒުވާނުންނަށް ލޯބި ނުވެވެނީ ބަތަލުންނަކީ ކޮން ބައެއް ކަން ޒުވާނުންނަށް ނޭނގޭތީ އެވެ. މަދުރަސީ ތައުލީމުގެ ދިގު ރާސްތާގެ ތެރެއިން އެއް ފިލާވަޅެއްގައި އެ ނަންފުޅުތައް އިވުމަކީ އެކަން އެނގުން ނޫން ކަމަށް އާދަމް ނަސީރު ވިދާޅުވި އެވެ.
ޕޮލިޓިކަލް ސައިންސް ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ އަހުމަދު ފައިސަލް ވިދާޅުވީ 21 ވަނަ ގަރުނުގެ ބޮޑެތި ބަދަލުގެ ތެރެއަށް ދިވެހިނަށް މަރުހަބާ ކިޔަން ޖެހުނީ، އެއްވެސް ތައްޔާރީއެއްވެ ނެތި ކަމަށެވެ. އެ ބަދަލުތައް ހޭންޑުލްކުރަން ނޭންގުމުން އިދިކީލަ ގޮތްތަކެއްވެ، އިދިކީލަ ގޮތަށް ވިސްނާ ނާއުންމީދު ބައެއްގެ ގޮތަށް މިއަދު ދިވެހިން ވެފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.
"ގައުމަށް ޓަކައި ފިދާވި ފަރާތްތަކަށް ދައުވަތު ކާޑް ދިއްކޮށްނުލާ ގައުމެއް އަޅުގަނޑުމެން ނުދެކެން، އެޕްރިޝިއޭޓް ކުރެވޭ ބަޔަކަށް ނުވެވެނީ އަޅުގަނޑުމެން،" ފައިސަލް ވިދާޅުވި އެވެ.
ތައުލީމީ ނިޒާމުންގެ ތެރެއިން ގައުމީ ބަތަލުންނާއި ގައުމަށް ހިދުމަތް ކުރި ފަރާތްތަކުގެ އަގު ވަޒަން ކުރަން ދަސްކޮށްދެވޭތަނެއް ނުފެނެ އެވެ. ކިޔަވާ ކުދިންގެ ހިތްތަކުން ހިދުމަތްތެރިންނަށް ޖާގައެއް ނުދެވެ އެވެ. ފައިސަލް ވިދާޅުވާ ގޮތުގައި ރާއްޖޭގެ ތައުލީމީ ނިޒާމް އޮތީ ސަނަދު ދިނުމާއި ސަނަދު ނެގުމެވެ. މީހަކު ބިނާ ކުރުމެއް ނެތް އަދި ޝަހުސިއްޔަތު ދަސްކޮށްދިނުމެއް ނެތެވެ.
ކަރިކިއުލަމް ތައްޔާރު ކުރުމަށް ހަރަކާތްތެރިވި އެޑިއުކޭޝަންގެ އިސްފަރާތަކުން ވިދާޅުވި ގޮތުގައި ކުރިންސުރެ ވެސް އަދި މިހާރު ވެސް އެކަށީގެންވާ ގޮތެއްގައި މާއްދާތަކުގައި ބަތަލުންގެ ވާހަކަ ހިމެނިފައި އެބަހުއްޓެވެ. ނަމަވެސް ބެލެނިވެރިން ހަމައެކަނި ނަތީޖާއަށް އިސްކަންދިނުމުން އެކަރިކިއުލަމްތައް ތަންފީޒު ކުރުމަށް ގޮންޖެހުންތަކެއް ހުރުމުން ސްކޫލުތަކާއި ބެލެނިވެރިން ވެސް އެކަމަށް އެއްބާރުލުން ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގައުމީ އަބުތޯލުންގެ ޒިކުރާ އާ ކުރުމާއި އެ މީހުންގެ އަގު ވަޒަން ކުރުމާއި އެކަންކަން އެންމެ ރަނގަޅު ގޮތެއްގައި ކުރިއަށް ގެންދެވޭނީ މިހާރު ތައާރަފު ކުރަމުން އަންނަ ގައުމީ މަންހަޖު އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒު ކުރުމަށް ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކާއި ބެލެނިވެރިން ވެސް ފުރިހަމަ އެއްބާރުލުން ދީގެން،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަންހަޖުގައި ކުދިންގެ ކިބައިގައި ދިވެހި ވަންތަކަމާއި ގައުމިއްޔަތު ދިރުވުމާއި ދިވެހި އަބްތޯލުންގެ ޒިިކުރާ އާކުރުމަށް އެކި ހަރަކާތްތަކުގެ ތެރެއިން ކިޔައިދީ ހެދުމަށް ބާރު އެޅިފައިވާ ކަމަށެވެ.
އިންސާނާއަށް ލޯބިވެވޭނީ އޭނާ ދަންނަ ނުވަތަ އޭނާ އަށް އެނގޭ އެއްޗެއް ދެކެ އެވެ. އޭނާ އަށް އެކަމާ މެދު ފަހުރުވެރިވެވޭނީ އެކަމެއް އިހުސާސް ކުރެވިގެންނެވެ. ތައުލީމީ ދާއިރާއިން ފެށިގެން މުޖުތަމައުގެ ކަންކަމަށް ބަލާއިރު ވެސް އެކަންވާތަނެއް ނުފެނެ އެވެ. ހިދުމަތްތެރިންގެ އަގު ވައްޓާލައި އަޑުގަދަ މީހާގެ އަގު އެވަނީ ބޮޑުކޮށްފަ އެވެ. މިއީ ހިދުމަތްތެރިން އުފެދެން އޮތް ހުރަހެކެވެ.