07 Nov 2016, 20:15
އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެންނާއި އެނޫން ވެސް ސަބަބަކާހުރެ ރިޓަޔާ ކުރާ ފަނޑިޔާރުންނަށް ޗުއްޓީ ފައިސާ ދޭން ނުޖެހޭ ގޮތަށް ގަވާއިދެއް އިސްލާހުކޮށްފި އެވެ.
ރިޓަޔާ ކުރާ ފަނޑިޔާރުންނަށް ދެމުން ގެންދާ ޗުއްޓީ ފައިސާއަކީ ފަނޑިޔާރުކަމުގެ ވަޒީފާއިން ވަކިވާއިރު އެ ފަނޑިޔާރަކަށް ހައްގުވާ އަހަރީ ޗުއްޓީގެ ބޭނުން ނުހިފައިވާނަމަ، އެ ދުވަސްތަކަށް އަސާސީ މުސާރައަށް ބިނާކޮށް ދޭންޖެހޭ ފައިސާ އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން އިސްލާހު ކުރި ގަވާއިދު އިއްޔެ ވަނީ ގެޒެޓްކޮށްފަ އެވެ. އެ ކޮމިޝަނުން އިސްލާހު ކުރި ގަވާއިދަކީ އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ސިއްހީ ސަބަބުތަކަށްޓަކައި މަގާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް އިޔާޔަތް ދިނުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދެވެ.
އެ ގަވާއިދުގެ ހަ ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހުގައި ވަނީ އެދިގެން ރިޓަޔާ ކުރާ ފަނޑިޔާރުންނަށް އިޔާނަތެއްގެ ގޮތުގައި ދެމުން އަންނަ އަހަރީ ޗުއްޓީގެ ފައިސާ އުނިކުރުމަށެވެ.
އެދިގެން ރިޓަޔާ ކުރާ ފަނޑިޔާރުންނަށް ލިބޭ އިނާޔަތް:
- ލިވިން އެލަވަންސް
- މެޑިކަލް އިންޝުއަރެންސް (އަނބިމީހާ/ފިރިމީހާ އަދި 18 އަހަރު ނުވާ ދަރިން ހިމެނޭ ގޮތަށް)
- ސެކިއުރިޓީ
- ޝަރަދުވެރިކަމާއެކު ވަކިވުމުން ދެވޭ ލަގަބު
ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ އެ ގަވާއިދަށް އިތުރު އިސްލާހެއްގެ ގޮތުގައި "ފަނޑިޔާރު ކަމުގައި ހިދުމަތް ކުރި މުއްދަތާއި" "ފަނޑިޔާރުކަމުގައި ހިދުމަތް ކުރި އަހަރު" މާނަކޮށްފަ އެވެ. އެގޮތުން ފަނޑިޔާރުކަމުގައި ހިދުމަތް ކުރި މުއްދަތު މާނަކޮށްފައި ވަނީ ފަނޑިޔާރުކަމުގެ ހުވާ ކުރައްވައިގެން "ގާޒީގެ އެހީތެރިޔާ" ނުވަތަ "ފަނޑިޔާރުގެ އެހީތެރިޔާ"ގެ ނަމުގައި ހިދުމަތް ކުރި މުއްދަތަށް ބަލައިގެންނެވެ.