ކުރިއަށް އޮތް 2017 ވަނަ އަހަރުގެ ތެރޭގައި ދިވެހި ދައުލަތުގެ މާލީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި، އަންނަ އަހަރަށް ލަފާ ކުރެވޭ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން، މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ފިސްކަލް ނިޒާމު އިސްލާހުކޮށް ޒަމާނާ އެގޮތަށް ތަރައްގީ ކުރުމަކީ އަބަދުވެސް ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. އެގޮތުން އަންނަ އަހަރު ދިވެހި ދައުލަތުގެ މާލީ ކަންކަން ބަލަހައްޓާ ގޮތްތަކަށް ބޮޑެތި ބަދަލު ތަކެއް ގެންނަން ރާވާފައިވާ ކަމަށް މުނައްވަރު ވިދާޅުވިއެވެ.

އަންނަ އަހަރު ގެންނަނަށް ރާވާފައިވާ ބަދަލުތަކުގެ ތެރޭގައި ބަޖެޓު އެކުލަވާލުން ހަރުދަނާ ކުރުމާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ އާމްދަނީއާއި ޚަރަދުތަކުގެ ހިސާބު ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާ ކުރުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މީގެ ބޭނުމަކީ އޮފީސްތަކުން ހާސިލް ކުރަން ބޭނުންވާ ނަތީޖާތައް ހާސިލް ކުރުމަށް އިތުރަށް މަގުފަހި ކޮށްދިނުން. ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ ގޮތް ތަނަވަސްކޮށްދިނުން. އަދި މި ބަދަލާއެކު މާލީ ކަންކަމުގައި އިތުރަށް ޒިންމާދާރުވެވަޑައިގަތުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް މި ފުރުސަތުގައި އިލްތިމާސްކުރަން،" މިނިސްޓަރު މުނައްވަރު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ދައުލަތުގެ މުއައްސަސާތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުންވެސް އަންނަ އަހަރު ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެކަމަކީ ސަރުކާރު ކުންފުނިތަކާ ހަވާލު ކުރެވިގެން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތައް ކާމިޔާބުކަމާ އެކު ނިންމުމަށް މުހިއްމު ކަމެއް ކަމަށްވެސް މުނައްވަރު ވިދާޅުވިއެވެ.

މިއަދު މަޖިލީހުގައި ބޭއްވި ޖަލްސާގައި އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 26 ބިލިއަން ރުފިޔާގެ ސާޕްލަސް ބަޖެޓެކެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 1.1 ބިލިއަން ރުފިޔާގެ އަރަނި ބަޖެޓެކެވެ.