އަވަށްޓެރި ސްރީ ލަންކާގައި މި މަހު ބާއްވަން ނިންމާފައިވާ ދެކުނު އޭޝިއާ ސަރަހައްދުގެ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފްވެރި އެވޯޑް، ސަޓާގެ އޮންލައިން ނިއުސް ޕާޓްނަރަކަށް ރާއްޖޭގެ ސަން އޮންލައިން ހަމަޖައްސައިފި އެވެ.

ރާއްޖޭގެ ތަޖުރިބާކާރު އަދި މަޝްހޫރު އިވެންޓްސް މެނޭޖްމަންޓް ކުންފުނި ހައިރައިޒުން އިންތިޒާމްކުރާ މިއަހަރުގެ ސަޓާ އެވޯޑްސް ރަސްމިއްޔާތު ބާއްވަން ނިންމާފައިވަނީ މިމަހުގެ 15 އަދި 16ގައެވެ. އެވޯޑްސް ބާއްވާނީ 200 އަހަރުގެ ދިގު ތާރީހެއް އޮތް ސްރީ ލަންކާގެ މަޝްހޫރު ލަގްޒަރީ ހޮޓެލް، މައުންޓް ލެވީނިއާގައެވެ.

ސަޓާގެ އޮންލައިން ނިއުސް ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކޮށްފައިވަނީ މިއަދު ސަން މީޑިއާ ގްރޫޕް ހިންގާ އިމާރާތުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި މިއަހަރުގެ އެވޯޑް އިންތިޒާމްކުރާ ހައިރައިޒްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ހަބީބާ ހުސެއިން އެވެ. ސަން އޮންލައިންގެ ފަރާތުން ސޮއިކުރެއްވީ، ސަން މީޑިއާ ގްރޫޕްގެ ސޭލްސް އެންޑް މާކެޓިންގެ ޖެނަރަލް މެނޭޖަރު މިންހާ ފާއިޒެވެ.

"ސަޓާ"ގެ އޮންލައިން ނިއުސް ޕާޓްނަކަރަށް ސަން އޮންލައިން ހަމަޖެއްސުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްރީ ލަންކާ ވިޔަފާރިވެރީންގެ ޖަމިއްޔާ، ކޮލަންބޯ ޗެމްބާ އޮފް ކޮމާސް އާ ގުޅިގެން ބާއްވާ މިއަހަރުގެ ސަޓާ އެވޯޑްސްއަށް ހައިރައިޒުން ވަނީ މަޝްހޫރު މީޑިއާ ޕާޓްނަރުންތަކެއް އޮންބޯޑްކޮށްފައެވެ.

އެގޮތުން، އެވޯޑްސްގެ އޮންލައިން ނިއުސް ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖައްސާފައިވާއިރު، ޕްރިންޓް މީޑިއާ ޕާޓްނަރަކީ ސިލޯން ޓުޑޭ އެވެ. އިވެންޓުގެ ރޭޑިއޯ ޕާޓްނަރަކަށް ލަންކާގެ މަޝްހޫރު އިނގިރޭސި ރޭޑިއޯ ޗެނަލް ރެޑް އެފްއެމް ހަމަޖައްސާފައިވާއިރު، ޓީވީ ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ ލަންކާގެ އަމިއްލަ ޓީވީ ކުންފުންޏެއް ކަމަށްވާ އާޓް އެވެ.

މީގެ އިތުރުން، ޓޫރިޒަމް އަދި ކޯޕަރޭޓް މީޑިއާސްގެ ގޮތުގައި އޭޝިއަން ޓްރެވަލާސް، އޭޝިއަން ޑައިވާ، އޭޝިއަން ޖިއޮގުރަފިކްގެ އިތުރުން ފުލޯޓިން އޭޝިއާ، މޯލްޑިވްސް.ނެތު.މެވީ އަދި ކޯޕަރޭޓް މޯލްޑިވްސް ހިމެނެ އެވެ.

މިއަހަރުގެ ސަޓާ އެވޯޑްސްގައި 10 ސެގްމަންޓަކުން، 39 ކެޓަގަރީ އަކުން އެވޯޑް ދޭނެ އެވެ.