މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑް (އެމްސީއައިއެފް) އާއި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއެސްޑީސީ) އާއި ދެމެދު އިސްލާމިކް ކެޕިޓަލް މާކެޓް ޕްރޮޑަކްޓްތައް އިތުރުކުރުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެމްސީއައިއެފް އޮފީހުގައި މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެމްސީއައިއެފްގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ދީދީ އެވެ. އެމްއެސްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހަސަން މަނިކެވެ.

އެ އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ އިސްލާމިކް ކެޕިޓަލް މާކެޓް ތަރައްގީކޮށް ފުޅާކުރުމުގެ ގޮތުން އިތުރަށް އެކުލަވައިލާންޖެހޭ މާލީ ވަސީލަތްތަކާއި ޕްރޮޑަކްޓްތައް އެކުލަވާލުމާއި ކުންފުނިތަކަށާއި ތަފާތު މަޝްރޫއުތަކަށް ބޭނުންވާ ފަންޑު، އިސްލާމިކް ކެޕިޓަލް މާކެޓްގެ ތެރޭން ހޯދޭނެމަގު ތަނަވަސްކޮށްދޭނެ ކަމަށް އެ ދެ ކުންފުނިން މައުލޫމާތުދެ އެވެ.

އެމްއެސްޑީސީ އަކީ ކެޕިޓަލް މާކެޓް މެދުވެރިކޮށް ފަންޑު ހޯދަން ބޭނުންވާ ކުންފުނިތައް މާކެޓާ ހަމައަށް ގެންގޮސްދިނުމަށް ވާންޖެހޭ ތައްޔާރީތައް ވުމުގައި ވިޔަފާރި އުސޫލުން މިހާރުވެސް ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ. އަދި އެމްސީއައިއެފް އަކީ އިސްލާމީ އިގްތިސާދީ ހަރަކާތްތައް ރާއްޖޭގައި ކުރިއަރުވައި ތަރައްގީކުރުމުގެ މަގްސަދުގައި އުފައްދާފައިވާ 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.

އެގޮތުން އެމްސީއައިއެފް އިން މިހާރުވެސް އަންނަނީ އިސްލާމިކް ފައިނޭންސް ޕްރޮޑަކްޓްތައް ސްޓްރަކްޗާ ކުރުމާއި ޝަރީއާ ސްކްރީނިން އަދި އެ ދާއިރާއާ ގުޅުންހުރި އެހެނިހެން ހިދުމަތްތައް ވިޔަފާރި އުސޫލުން ފޯރުކޮށްދެމުންނެވެ.

އެ ރަސްމިއްޔާތުގައި އެމްއެސްޑީސީގެ ސީއީއޯ ހަސަން މަނިކު ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން ސަރުކާރުން އެކަމަށް ހާއްސަކޮށްފައިވާ ކުންފުންޏަކާ އެމްއެސްޑީސީއާ އެކު މަސައްކަތްކޮށްގެން ގިނަ ފަރާތްތަކަކަށް އެއް ފުރާޅެއްގެ ދަށުން ޝަރީއާ ކޮމްޕްލަޔަންޓް ޕްރޮޑަކްޓްތައް ސްޓްރަކްޗާ ކުރުމުގައި ފުރިހަމަ ހިދުމަތްތައް ދެވޭނެކަމުގެ އެއްވެސް ޝައްކެތް ނެތް ކަމަށެވެ.

އެމްސީއައިއެފްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ދީދީ ވިދާޅުވީ، އިސްލާމިކް ފައިނޭންސްގެ ސަރަހައްދީ މަރުކަޒަކަށް ދިވެހިރާއްޖެ ހެދުމަށްޓަކައި އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ތަސައްވުރާ އެއްގޮތަށް ރާއްޖޭގެ ކެޕިޓަލް މާކެޓް ކުރިއެރުވުމަކީ މުހިންމު ކަމެއް ކަމަށާއި މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކުރާ ކުންފުނިތަކަކީ ޝަރީއާ ސްކްރީން ހަދައިގެން ކުރިއަށްދާ ކުންފުނިތަކަކަށް ހެދުމަށް އެ ކުންފުންޏަށް މަގުފަހިވެގެންދާނެ ކަމަށެވެ.