09 Nov 2016, 17:27
މީހުން އާބާދުވުން ހުއްޓުވާފައިވާ ކ. ގުޅީފަޅުގައި ފުލުހުންގެ ޓުރެއިނިން ސެންޓަރެއް ގާއިމު ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ މަޖިލީހަށް ހުށަހެޅި އަންނަ އަހަރުގެ ބަޖެޓުގައި އަލަށް ފަށާ ޕުރޮޖެކްޓްތަކުގެ ދަށުން ގުޅީފަޅުގައި ފުލުހުންގެ ޓުރެއިނިން ސެންޓަރެއް ހެދުމަށް ސަތޭކަ ފަންސާސް މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
ގުޅީފަޅުގައި ޓުރެއިނިން ސެންޓަރެއް ގާއިމްކުރާއިރު މިހާރު ފުލުހުން ބޭނުންކުރާ ރަށެއް ކަމަށްވާ ފޭދޫ ފިނޮޅު ވިއްކާލުމަށް ވަނީ އިއުލާންކޮށްފައެވެ.
ހުޅުމާލޭގައިޕޮލިސް ސުޓޭޝަނެއް ނެތުމުން އެރަށަށް އެކަށޭނަ ޕޮލިހުން ނެތް ކަމަށް ފުލުހުން ބުނަމުންދާއިރު އެއަވަށުގައި ޕޮލިސް ސުޓޭޝަންއެއް ހެދުމަށްވެސް ބަޖެޓުގައި ވަނީ 96 މިލިއަނަށްވުރެ ގިނަ ރުފިޔާ ހިމަނާފައެވެ.
ދޫނިދޫގައި ކުޑަކުދިން ބަންދުކޮށްފައި ބަހައްޓަން ހާއްސަ ތަނެއް ހެދުމަށް ވެސް ބަޖެޓުގައިވަނީ ފަސް ލައްކަ ރުފިޔާ ހިމަނާފައެވެ.