ސްރީލަންކާއަކީ އެންމެ ގިނަ ދިވެހީން އެންމެ ގިނައިން ދަތުރުކޮށް އުޅޭ ގައުމަށް ވީ ހިނދު، މާލެއާއި ސްރީލަންކާއާ ދެމެދު ގިނަ އަދަދެއްގެ ފްލައިޓު ދަތުރުކުރެއެވެ. އެތައް އެއާލައިނެއް މި ރޫޓުގައި ދަތުރުކުރެއެވެ. ސްރީލަންކާއަކީ ރާއްޖޭން އެހެން ގައުމުތަކަށް ފުރާ މީހުންނަށް އޮންނަ ޓްރާންސިޓް ޕޮއިންޓެއްވެސް މެއެވެ.

މާލެއާއި ސްރީލަންކާއާ ދެމެދު އޮންނަ ވައިގެ ވަރުގަދަ ރޫޓު އެންމެ ކުރީއްސުރެ ޑޮމިނޭޓު ކުރަމުން އައީ ސްރީލަންކާގެ ގައުމީ އެއާލައިން ސްރީލަންކަން އެއާލައިންސްއިންނެވެ. އެ އެއާލައިނުން ދުވާލަކު ހަތަރު ފްލައިޓު މި ރޫޓުގައި ދެކޮޅަށް އޮޕަރޭޓު ކުރާ އިރު، ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު މި ރޫޓުގައި އުފުލައިދެއެވެ.

މާލެއިން ކޮލޮމްބޯއަށް ދިއުމަށް ދެން އެންމެ ގިނައިން ބޭނުންކުރަމުން އަންނަ އެއާލައިނަކީ އެމިރޭޓްސްއެވެ. މީގެ ކުރިން އޮޕަރޭޓުކުރި ސްރީލަންކާގެ ބަޖެޓު އެއާލައިން މިހިން ލަންކާވެސް މި ރޫޓުގައި ދަތުރުކުރިއެވެ. ޓާކިޝް އެއާލައިންސްވެސް ކޮލޮމްބޯއާ މާލެއާ ދެމެދު ދަތުރުކުރާ އިރު، ރާއްޖޭގެ ބައިނަލްއަގުވާމީ ޕްރައިވެޓް އެއާލައިން މެގަ މޯލްޑިވްސްވެސް ވަނީ ކޮލޮމްބޯއަށް ދާން ފަށައިފައެވެ.

ސްރީލަންކާގެ ކޮލޮމްބޯގެ މަންޒަރެއް -- ފޮޓޯ/ ސިނަމަން ރެޑް ކޮލޮމްބޯ

އެއާލައިންތަކުން މާ ވަރުގަދައަށް ކޮލޮމްބޯއާއި މާލެއާ ދެމެދު އޮންނަ ރޫޓުގެ މާކެޓު ނެގުމަށް މަސައްކަތް ކުރަން ފެށީ މިހިސާބުންނެވެ.

ކޮލޮމްބޯއަށް އެންމެ އަގުހެޔޮކޮށް މީގެ ކުރިން ދަތުރުކުރީ ބަޖެޓް އެއާލައިން މިހިން ލަންކާއިންނެވެ. މިހިންގެ ޓިކެޓުގެ އަގުތައް އުޅުނީ ގާތްގަނޑަކަށް 170 ޑޮލަރުގައެވެ. ސްރީލަންކަން އެއާލައިންސްއިން 200 ޑޮލަރުން މަތީގައެވެ. އަދި އެމިރޭޓްސްއިން 250އެއްހާ ޑޮލަރެވެ.

ދެން މާކެޓަށް ވަނީ މެގަ މޯލްޑިވްސްއެވެ. ހަފްތާގެ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު މެގަ މޯލްޑިވްސްއިން ކޮލޮމްބޯއާ މާލެއާ ދެމެދު ޝެޑިއުލް ފްލައިޓުތައް ބާއްވަން ފަށައި، ޓިކެޓުގެ އަގުގެ ގޮތުގައި ހަމަޖެއްސީ 165 ޑޮލަރެވެ.

ހުޅުވާލެވިފައިވާ މާކެޓް އިކޮނޮމީއެއްގައި ޕްރައިވެޓް ސެކްޓަރުގައި އަގުތައް ފްލަކްޗުއޭޓް ވާނެއެވެ. މޮނޮޕޮލައިޒް ކުރެވިފައިވާ، ނުވަތަ އެއް ފަރާތަކުން ކޮންޓްރޯލް ކުރަމުންދާ މާކެޓެއްގައި، މުދަލެއް ނުވަތަ ޚިދުމަތެއްގެ ހަގީގީ އަގު ކޮންޒިއުމަރުންނަށް އެނގުމަށް ވުރެ ގާތީ ނޭނގުމެވެ.

އަލަށް މާކެޓަށް ވަން އެއާލައިނުން އަގުހެޔޮކޮށް ޓިކެޓު ވިއްކައި، އެ އެއާލައިނަށް އޮތް ޑިމާންޑު އިތުރުކުރުމާ އެކު، ސްރީލަންކަން އަދި އެމިރޭޓްސްއިން ވެސް ވަނީ ޓިކެޓުގެ އަގު 137 ޑޮލަރާ ހަމައަށް ހެޔޮކޮށްފައެވެ. ހަފްތާގެ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުގެ ފްލައިޓުތަކަކަށެވެ. އަދި މި ޚާއްސަ ފެއާ ދެމިއޮންނާނީ ކިހާ މުއްދަތަކަށް ކަމެއް ކަނޑައަޅާފައި ނުވެއެވެ. މާނައަކީ، ދިގު މުއްދަތަކަށް ދެމިއޮތުމުގެ ފުރުސަތު ބޮޑޭ ވެސް ބުނެވިދާނެއެވެ.

އެމިރޭޓްސްގެ ފްލައިޓެއް ---

މިއީ އިއްތިފާގެކޭ ނުވަތަ އެނޫންގޮތަކަށް ހިނގައިދާނޭ ކަމެކޭވެސް ބަޔަކު ބުނަމުން ދެއެވެ. އެހެން ނަމަވެސް ހަގީގަތުގައި މިއީ ކޮމްޕެޓިޓިވް މާކެޓެއް، ނުވަތަ ވާދަވެރި މާކެޓެއްގެ އުފެދުމެވެ. މިފަދައިން ވާދަވެރިކަން އުފެދުމަކީ މައްސަލައެއް ނޫނެވެ.

"އަޅުގަނޑުމެން ބަލަނީ އަބަދުވެސް ވާދަކުރުމުގެ ބަދަލުގައި ކަސްޓަމަރުންނަށް އެ އިރެއްގައި ދެވޭނެ އެންމެ ރަނގަޅު އަގުތައް ފޯރުކޮށްދޭން،" ދާދި ފަހުން ޓިކެޓުގެ އަގު ހެޔޮކުރި އެއާލައިނެއްގެ އިސްވެރިއަކު ވިދާޅުވިއެވެ.

ޒަމާނުއްސުރެ އެންމެ ބަޔަކު ނުވަތަ ދެ ބަޔަކު ވެގެން ހިފަހައްޓައި، އެއް ޚިދުމަތެއް ވިއްކައި ކޮންޓްރޯލް ކުރަމުން އަންނަ މާކެޓަކަށް އިތުރު ބަޔަކު ވަދެއްޖެ ނަމަ އެ ކަމެއްގައި ވާދަވެރިކަން އިންތިހާއަށް އިތުރުވެއެވެ. އަދި އާޚިރުގައި އޭގެ ފައިދާ ލިބޭނީ ކޮންޒިއުމަރުންނަށެވެ. އެހެނީ، އެ ޚިދުމަތެއް ގަތުމަށް ކޮންޒިއުމަރ ކުރަންޖެހޭ ހޭދަތައް ވަނީ ކުޑައެވެ.

މިއީ ބައިނަލްއަގުވާމީ ދަތުރުތަކުގެ ތެރެއިން މާލެއާ އެންމެ ބޮޑަށް ގުޅާލެވިފައިވާ ރޫޓުގެ މާކެޓަށް އައި ހެޔޮ ބަދަލެކެވެ. މިކަން ހެޔޮކޮށް ގިނަ ދުވަސް ވަންދެން ދެމި އޮތިއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ.

ކޮލޮމްބޯއާ މާލެއާ ދެމެދު ކޮމްޕެޓިޓިވް މާކެޓު އުފެދިފައިވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ތިން އެއާލައިނެއްގެ މެދުގައެވެ. އެމިރޭޓްސްއަކީ ދުނިޔޭގައިވެސް އެންމެ ބޮޑު އެއް އެއާލައިނެވެ.

މެގަ މޯލްޑިވްސްގެ ފްލައިޓެއް -- ފޮޓޯ/ މެގަ މޯލްޑިވްސް

ސްރީލަންކަންއަކީ ސްރީލަންކާގެ ގައުމީ އެއާލައިނުގެ އިތުރުން ދެކުނު އޭޝިއާގައި އެންމެ ފުޅާ ދާއިރާއެއްގައި އޮޕަރޭޓުކުރާ އެއް އެއާލައިނެވެ. އަދި މެގަ މޯލްޑިވްސްއަކީ ބައިނަލްއަގުވާމީ ދަތުރުތައް އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ދިވެހި އެއާލައިނެވެ.

އެހެންކަމުން ކޮލޮމްބޯއާ މާލެއާ ދެމެދު ހެޔޮ އަގުގައި، މި ތިން އެއާލައިނުގައި ވެސް ދަތުރުކުރުމަށް އެތައް ބަޔަކު ޝައުގުވެރިވާނެއެވެ. ޓިކެޓުގެ އަގު ހެޔޮވުމަކީ ދަތުރުފަތުރުކުރާ މީހުންނަށް އޮންނަ މޯޓިވޭޝަނަލް ފެކްޓާއެކެވެ.

ހަމަ މިފަދައިން އެހެން ރޫޓުތަކަށް ވެސް ކޮމްޕެޓިޓިވް މާކެޓުތަކެއް އުފެދެން ޖެހެއެވެ. އޭރުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

ކޮލޮމްބޯ އަދި މާލެއާ ދެމެދު އޮތް ރޫޓުގެ މާކެޓުގައި އެންމެ ބޮޑު ދައުރު އަދާކުރާ ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް، އޭސް އޭވިއޭޝަންސްގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި، އެ ރޫޓުގައި ފްރީކުއެންޓްކޮށް ދަތުރު ކުރުމަށް ސްރީލަންކަން އެއާލައިންސްއިން ހިތްވަރު ވެސް ދެއެވެ.

"އަޅުގަނޑުމެން ސަޕޯޓުކުރަން ފްރީކުއެންޓްކޮށް ދަތުރުކުރާ އެންމެންނަށް. އަޅުގަނޑުމެންވެސް މަސައްކަތް މި ކުރަނީ ދަންވަރުގެ ފްލައިޓުތައް އޮޕަރޭޓު ކުރެވޭނެ ގޮތެއް ވޭތޯ. ޖެނުއަރީއިން ފެށިގެން އެކަމުގެ ،" ފިރާގު ވިދާޅުވިއެވެ.

ނަމަވެސް ވާދަވެރި މާކެޓެއް އުފެދެން ޖެހެނީ ހަމައެކަނި ބައިނަލްއަގުވާމީ ރޫޓުތަކެއް ނޫނެވެ. ޑޮމެސްޓިކް، ނުވަތަ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ބޮޑު ވާހަކައާއި ޝަކުވާ ގިނަ ބަޔަކު ކުރާ އިރު، އެ އޮޕަރޭޝަންތަކުގައި ކޮމްޕެޓިޓިވް މާކެޓެއް އުފެދިއްޖެ ނަމަ ޔަގީނުންވެސް އަގުތަކަށް ކޮންމެވެސް ކަހަލަ ހެޔޮ ބަދަލެއް އަތުވުމަކީ ވާނެ ކަމެކެވެ. އެއީ އިގްތިސާދީ ނަޒަރިއްޔާތަކަށް ރިއާޔަތް ކުރާ އިރު ދައްކާ ހަގީގަތެވެ.